އެމްއެެމްޕީއާރްސީ މެދުވެރިކޮށް ނުއަގުގައި ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިއަށްދާ ޝަރީއަތުގައި ދިފާއީ ހެކިންގެ ހެކިބަސް ދޮގުކުރަން ދައުލަތުން ހުށަހެޅި އާ ލިޔުންތައް ބަލައިގަތުމަށް ކުރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ދައުވާ އުފުލައިފައެވެ. އެ މައްސަލައިގެ ޝަރީއަތުގައި އެ މަނިކުފާނުގެ ފަރާތުން ދިފާއުގައި ހެކިބަސް ދިން ދިފާއީ ހެކިން ކޯޓުގައި ދިނީ ދޮގު ހެކިބަހެއް ކަން ސާބިތުކުރަން ދައުލަތުން އޮތީ އާ ހެކިތަކެއް ހުށަހަޅައިފައެވެ.

އެ މައްސަލައިގައި ޔާމީނަށް ރިޝްވަތު ދިންކަމުގެ ދައުވާ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެބްބަރު ޔޫސުފް ނައީމްގެ މައްޗަށްވެސް ކުރެއެވެ.

އާރަށް މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ، ދައުލަތުން ހުށަހެޅި އާ ހެކިތަކަކީ ޖިނާއީ އިޖުރައާތުގެ 135 ވަނަ މާއްދާގެ ދަށުން ބަލައިގަނެވޭނެ ހެކިތަކެއް ކަމަށާއި އެހެންވެ، އެ ހެކިތައް ބަލައިގަންނަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ޔާމީންގެ ދިފާއުގައި ކޯޓުގައި ކުރިން ހެކިބަސް ދެއްވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރުގެ އިތުރުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝެވެ.

ސައީދާއި ޒުހޫރު ހެކިބަސް ދެއްވީ ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމެއްގެ ޔައުމިއްޔާއަކީ ސައްހަ އެއްޗެއް ނޫން ކަން ސާބިތުކުރުމަށެވެ. ނަރީޝް ހެކިބަސް ދެއްވީ ޔާމީނަށް ލިބިވަޑައިގަތް އެއް މިލިއަން ޑޮލަރަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްކަން ސާބިތުކުރުމަށެވެ.

ދައުލަތުން އަލަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި ތެރޭގައި އިކޮނޮމިކް ޔޫތު ކައުންސިލު (އީވައިސީ)ގެ ޔައުމިއްޔާތަކަކާއި ޔާމީންގެ ދިފާއީ ހެއްކެއް ކަމަށްވާ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ ހާޒިރީ ޝީޓްތަކެއް ހިމެނެއެވެ.