ޚަބަރު

އިސްލާމިކު ޔުނިވަސިޓީގެ ބަޖެޓަށް 15 މިިޔަން ރުފިޔާ އިތުރުކޮށްދޭން އެދިއްޖެ

އިބްރާހިމް ޒަކީ

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި، އިސްލާމިކް ޔުނިވާސިޓީއަށް ހިމަނާފައިވާ ބަޖެޓަށް 15 މިލިޔަން ރުފިޔާ އިތުރުކޮށްދިނުމަށް، އެ ޔުނިވަސިޓީން ބަޖެޓް ކޮމިޓީގައި އެދިއްޖެއެވެ.

އަންނަ އަހަރަށް އިސްލާމިކް ޔުނިވަސިޓީއަށް ކަނޑައަޅާފައިވާ ބަޖެޓާ ބެހޭގޮތުން ހުރި ބައެއް ކަންބޮޑުވުންތަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީއާ ބައްދަލުކޮށް، އެ ޔުނިވަސިޓީން ވަނީ ކަންބޮޑުވުންތަކެއް ހާމަ ކޮށްފައެވެ.

ބަޖެޓް ކޮމިޓީއާއެކު އެ ޔުނިވަސިޓީން ބޭއްވި ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން ވައިސްޗާންސެލާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، ޔުނިވަސިޓީ ރަނގަޅަށް ހިންގުމަށް ހަމައެކަނި މުވައްޒަފުންނަށް މުސާރަދީގެން ނުފުދޭ ކަމަށެވެ. އިންފްރާންސްޓްރަކްޗާ ވަރުގަދަ ކުރުމަކީވެސް މުހިއްމު ކަމެއް ކަމަށެވެ. އެއީ މުޅި ޔުނިވަސިޓީއާ ގުޅިފައިވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ޔުނިވަސިޓީގެ އާ ޕޮލިސީގެ ދަށުން ބަޖެޓުގައި ހިމަނަން ޖެހޭ މުހިއްމު ކަންތައްތަކެއް ހުރިކަން ފާހަގަ ކުރައްވައި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވަނީ އެ ކަންތައްތައް ކޮމެޓީގެ ސަމާލު ކަމަށް ގެނެސްފައެވެ.

އޭގެ ތެރޭގައި، ހަމައެކަނި ލޯކަލް ތަނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ބަދަލުގައި، ބޭރުގެ ދަރިވަރުން ގެނެސް، އެ ކުދިންނަށް ޔުނިވާސިޓީން ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި، ޔުނިވަސިޓީގައި ހާއްސަ ޑިޕާޓްމަންޓެއް ގާއިމުކުރުމާއި، އެކަމަށް ބޭނުންވާ މުވައްޒަފުން ހޯދުން ހިމެނެއެވެ. އޭގެ އިތުރުން އެކްރެޑިޓް ކުރުމުގެ ނިޒާމު ވަރުގަދަ ކުރުމާއި، ތަން އިޝްތިހާރު ކުރުމަށްޓަކައި މާކެޓިން ޑިޕާޓްމެންޓެއް އުފެއްދުން ހިމެނެއެވެ. އޭގެ އިތުރުންވެސް މުހިއްމު ގިނަ ކަންތައްތަކެއް ޔުނިވަސިޓީން ވަނީ ފާހަގަ ކޮށްފައެެވެ

ޔުނިވަސިޓީން ހުށަހެޅި ކަންތައްތަކަށް ބަލައި އެ ޔުނިވަސިޓީން އިުރުކޮށްދޭން ހުށަހެޅި އަދަދު އިތުރު ކޮށްދިނުމަށް ކޮމިޓީގެ ބައެއް މެންބަރުން ވާހަކަ ދެއްކެވިއެވެ.

އެ ހުށަހެޅުންތަކާ ބެހޭގޮތުން ބަޖެޓް ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވީ، ކޮމެޓީން ބަޖެޓް ދިރާސާ ކުރަމުން އަންނައިރު، ޔުނިވަސިޓީން ހުށަހަޅާފައިވާ ކަންތައްތަކަށް ރިއާޔަތް ކުރައްވާނެ ކަމަށެވެ.

އަންނަ އަހަރަށް އިސްލާމިކު ޔުނިވަސިޓީއަށް މިހާރު ކަނޑައަޅާފައި ވަނީ 43.6 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ.