ޚަބަރު

މިދިޔަ ހަތަރު އަހަރު މަސްތުވާތަކެތީގެ މައްސަލަތަކުގައި 11،955 މީހުން ހައްޔަރުކުރި

މުހައްމަދު އިޝާން

މިދިޔަ ހަތަރު އަހަރު ތެރޭގައި މަސްތުވާތަކެތީގެ 6،165 މައްސަލައެއްގައި 11،955 މީހުން ހައްޔަރުކުރި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުގައި ވާގޮތުން، މަސްތުވާތަކެތީގެ 6،165 މައްސަލައިގެ ތެރެއިން ފުލުހުންގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވަނީ 2،681 މައްސަލައެވެ. އެއީ 2019 ވަނަ އަހަރު 886 މައްސަލައަކާއި 2020 ވަނަ އަހަރު 739 މައްސަލައެއްގެ އިތުރުން 2021 ވަނަ އަހަރުގެ 598 މައްސަލައަކާއިމި އަހަރުގެ 458 މައްސަލައެކެވެ.

މިދިޔަ ހަތަރު އަހަރު ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރަމުންދިޔަ 35 ތަނެއް ބަންދުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މާލެ އާއި އަތޮޅުތެރެ ހިމެނޭހެން ކުރިއަށް ގެންގޮސްފައިވާ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ފަޅުރަށްރަށާއި މީހުން ދިރިއުޅޭ ރަށްރައް އަދި ގޭބިސީތަކާއި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އިތުރުން އެހެނިހެން ތަންތަނާއި މީހުން ބަލައިފާސްކޮށް 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އޭގެތެރޭގައި ކެނަބިސް، ކޮކެއިން، ހެރޮއިން އަދި މަސްތުވާތަކެތީގެ އެހެނިހެން ބާވަތްތައް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިދިޔަ އަހަރު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެއްޗާއި ބަނގުރާ ނައްތާލުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން 39،679 އެއްޗެއްގައި ހުރި ބަނގުރާ ނައްތާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބަނގުރާ ދަޅާއި ފުޅި އާއި ބަނގުރާ އަޅާފައި ހުރި ހަމާއި ޓައްޕުގެ އިތުރުން އެހެނިހެން ތަކެތި ހިމެނޭ ކަމަށް ބުންޏެވެ.

މިދިޔަ ހަތަރު އަހަރާއި އޭގެ ކުރިން އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މި އަހަރުގެ މިހާތަނަށް 1.9 ޓަނުގެ މަސްތުވާތަކެތި ނައްތާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.