ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން އަމަލު ކުރާ ގޮތާ މެދު ހިތްހަމަ ނުޖެހިގެން އެމްޑީޕީގެ މެމްބަރުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް ޖޯކި ޖައްސަވައިފިއެވެ.
ނަޝީދު، މަޖިލީހުގެ ޖަލްސާތަކާއި މަޖިލީހުގެ އެހެނިހެން ކަންތައްތައް ގަވާއިދާ ހިލާފަށް، ބާރުގެ ބޭނުންކުރައްވައިގެން ކުރައްވަމުން ގެންދަވާކަމުގެ ޝަކުވާއާ އެކު ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ވަނީ އިއްޔެ ރައީސް ސޯލިހާ ބައްދަލުކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އިންޓަވަލްގެ ވަގުތަށް މަޖިލިސް ޖަލްސާ މެދު ކަނޑައިލައްވަމުން، މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުގެ ބައެއް މެމްބަރުން މުލީއާގެއަށް ވަޑައިގެންނެވި ވާހަކަ އެބަދައްކަވާ ކަމަށެވެ.
"މެމްބަރުން އެބަ ފާހަގަ ކުރައްވާ މުލީއާގެއަށް މިތަނުން މެމްބަރުން ވަޑައިގެންނެވި ކަމަށް، އަޅުގަނޑު ދެކެނީ އެއީ މެންދުރުގެ ފަރިއްކޮޅަށް ކަމަށް، ދެން އަޅުގަނޑުމެނަށް އަދި ޔަގީން އެހެންވީމާ އެއީ ގަރުދިޔަ އާއި ބަތާކާން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
ޓެކްސް ބިލު ފާސް ކުރުމުގެ މައްސަލައިގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެންބަރުންނާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެމްބަރުންގެ މެދުގައި ބޮޑެތި ހިޔާޅު ތަފާތުވުންތަކެއް އުފެދުނެވެ. އެ މައްސަލައިގައި ބިލަށް ވޯޓަށް އެހުން ލަސްކޮށްގެން، އެމްޑީޕީގެ 25 ވަރަކަށް މެމްބަރުން އިއްޔެ ރައީސް ސޯލިހާ ބައްދަލުކުރެއްވިއެވެ.
އެ މައްސަލައިގައި ބިލަށް ވޯޓަށް އެހުން ލަސްކޮށްގެން، އެމްޑީޕީގެ 25 ވަރަކަށް މެމްބަރުން އިއްޔެ ރައީސް ސޯލިހާ ބައްދަލުކުރެއްވިއެވެ. އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ ތެރެއިން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) "ވަން" އަށް ރޭ ވިދާޅުވީ، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާކަން ބައެއް މެމްބަރުން ވާހަކަ ދެއްކެވި ކަމަށެވެ. ނަމަވެސް އެ މަސައްކަތް މަޑުޖައްސައިލުމަށް ރައީސް ދެންނެވި ކަމަށްވެސް ވިދާޅުވިއެވެ.
"އެ މަނިކުފާނު ވިދާޅުވީ އިހަށް މަޑުކޮށްލަވަދޭށޭ. އެހެންވެ އަޅުގަނޑުމެން ވެސް މިހާރު މިތިބީ އަދި އެ މަސައްކަތް އިތުރަށް ކުރިއަށް ނުގެންދާ ގޮތަށް،" މަވޯޓާ ވިދާޅުވިއެވެ.
އެންމެ ފަހުން މިއަދުގެ ޖަލްސާގައި އެބިލަށް މަޖިލިސް ރައީސް ވޯޓަށް އެއްސެވިއެވެ. އެ ބިލު މަޖިލީހުން ފާސްކުރީ އެވަގުތު ޖަލްސާގައި ތިއްބެވި 82 މެމްބަރުންގެ ތެރެއިން 55 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 26 މެމްބަރުން ވޯޓު ދެއްވިއެވެ. ބިލު ފާސްކުރަން ބޭނުންވަނީ 41 ވޯޓެވެ.
ބިލު ފާސްކޮށްފައިވަނީ އަންނަ ޖެނުއަރީ މަހުން ފެށިގެން ނަގާގޮތަށް، ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމަށެވެ.