ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އާއި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ބޮޑުކުރަން ހުށަހެޅި ބިލު ފާސްވީ ހަނި އަގުލަބިއްޔަތަކުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލެއްވުމަށްފަހު ވަޑައިގެންފިއެވެ.

އެމްޑީޕީގެ ދެ ފެކްޝަންގެ ދެމެދު ބޮޑު ހިޔާލު ތަފާތުވުންތަކެއް އުފެދުނު މި ބިލަށް ވޯޓަށް ނާހައި ތިން ދުވަސް ވަންދެން ހިފެހެއްޓިއެވެ. ބިލަށް ތާއީދުކޮށް ބިލު ފާސްކުރަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ފެކްޝަންގެ މެންބަރުން މަސައްކަތް ކުރެއްވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ފެކްޝަންގެ މެންބަރުން ގެންދެވީ އެ ބިލަށް ހުރަސް އަޅުއްވައި ވަރަށް ބޮޑަށް ފާޑު ވިދާޅުވުމުންނެވެ. އެގޮތުން ސަރުކާރުން ހުށަހަޅާފައިވާ ގޮތް ބަދަލުކުރުމަށް އެ މެންބަރުން ބިލަށް އިސްލާހުތަކެއް ވެސް ކޮމިޓީ މަރުހަލާގައި ހުށަހެޅުއްވިއެވެ. ނަމަވެސް މަޖިލީހުގައި ރައީސް ސޯލިހަށް އޮތް އަގުލަބިއްޔަތުން އެ އިސްލާހުތައް ފެއިލްކޮށްލައި، ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ކޮމިޓީން ބިލު ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވިއެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މިދިޔަ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަސްލު އެ ބިލަށް ވޯޓަށް އަހަން ޖެހެއެވެ. އެއީ ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ހުށަހަޅާ ބިލަށް ބަހުސްކުރަން ހުޅުވާލާ ފުރުސަތުުގައި ވާހަކަދައްކަވަން ބޭނުންވާ މެންބަރުން ވާހަކަދައްކައި ނިމުމުން، ރިޔާސަތުން ބިލުގެ ތިންވަނަ ކިޔުން އިއްވަން ޖެހެއެވެ. އެއަށްފަހު އެ ދުވަހުގެ ވޯޓު ގަޑީގައި ވޯޓަށް އަހަން ޖެހެއެވެ. ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވާ ބިލަށް ބަހުސްކުރުމަށް ހުޅުވާލުމުން އެ ބިލަށް ވާހަކަދައްކަވަން މެންބަރަކު އެދިވަޑައިނުގެންނެވިޔަސް އަމަލު ކުރަން ޖެހެނީ ހަމަ އެގޮތަށެވެ.

ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގެ ފަހު ދަންފަޅީގައި، ބިލަށް ބަހުސްކުރުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް މެންބަރަކު ބިލަށް ވާހަކަދެއްކުމަށް ފުރުސަތަށް އެދިވަޑައެއް ނުގަތެވެ. ނަމަވެސް އެ ވަގުތު ޖަލްސާގެ ރިޔާސަތުގައި އިންނެވި، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ، އެ ބިލަށް ވާހަކަދައްކަވަން އެއްވެސް މެންބަރަކު ފުރުސަތަށް އެދިވަޑައިގެންފައި ނުވާ ކަމަށާއި އަދި އެ ބިލަށް ވޯޓަށް އަހަން ބޭނުންވާ ކޯރަމްވެސް ނެތް ކަމަށެވެ.

އެ ހިސާބުން މެންބަރުން އަޑުގަދަކުރަން ފެއްޓެވިއެވެ. ބައެއް މެންބަރުން ވިދާޅުވީ މަޖިލީހުގެ ކޯރަމް ނުގެއްލޭ ކަމަށެވެ. އަނެއްބައި މެންބަރުން އަޑުގަދަ ކުރެއްވީ، ބިލަށް ވޯޓަށް އެހުމުގެ ކުރިން ޖަހާ ފަސް މިނެޓުގެ ރަނގަބީލު ނުޖަހައި އެގޮތަށް ނުނިންމޭނެ ކަމަށެވެ. އަދި ކޯރަމް ގެއްލިއްޖެނަމަ ކޯރަމް ރަނގަބީލު ޖަހަންޖެހޭ ކަމަށްވެސް ބައެެއް މެންބަރުން ވިދާޅުވަމުން ގެންދެވިއެވެ.

ނަމަވެސް މެންބަރުން އަޑުގަދަ ކުރައްވަމުން ގެންދަވަނިކޮށް އަފީފް ޖަލްސާ ނިންމަވައިލެއްވިއެވެ.

އިއްޔެ ޖަލްސާގެ ރިޔާސަތުގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިންނަވައިގެންވެސް އެ ބިލަށް ވޯޓަކަށް އައްސަވައިފައެއް ނުވެއެވެ. ނަމަވެސް އޭގެ ފަހުން ބަހުސް ނިމުމުން ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމު ހުށަހެޅުއްވި ގަރާރަށް ވޯޓަށް އެއްްސެވިއެވެ.

އެ މައްސަލައިގައި މެންބަރުން އިތުރަށް ރުޅި ގަދަވެ، އެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި އެ ކަންބޮޑުވުންތައް ހިއްސާ ކުރެއްވިއެވެ.

އެއަށްފަހު މިއަދުގެ ޖަލްސާގައި 11:00 ގައި ޓެކްސް ބިލަށް ވޯޓަށް އައްސަވާނެ ކަމަށް މަޖިލިސް ރައީސް އިއުލާން ކުރެއްވިއެވެ. އެއީ އާއްމުކޮށް މަޖިލީހުގައި ވޯޓަށް އަހާ ގަޑިއެއްވެސް ނޫނެވެ. ނަމަވެސް މަޖިލިސް ރައީސް އެގޮތަށް އިއުލާންކުރެއްވި ހިސާބުން ފެށިގެން މަޖިލީހުގެ ރިޔާސަތަށް ބައެއް މެންބަރުން މަލާމާތުގެ ރާގަށް އަޑުއަޑު ލައްވަން ފެއްޓެވިއެވެ. އަދި ތާޅަފިލި ފުމެންވެސް ފެއްޓެވިއެވެ.

ބިލަށް ވޯޓަށް އެހުމަށްޓަކައި ވޯޓުގެ ރަނގަބީލު ޖެއްސެވުމަށް މަޖިލިސް ރައީސް، އިދާރީ މޭޒަށް އެންގެވުމުން އެ އަޑުތައް އިތުރަށް ގަދަވެގެން ދިޔައެވެ. ބެލެވެނީ އެ ބިލަށް ވޯޓަށް ނޭއްސެވުމަށް މަސައްކަތް ކުރެއްވުމަށްފަހު، މަޖުބޫރުވެެގެން ވޯޓަށް އައްސަވާތީ މަޖިލިސް ރައީސަށް މެންބަރުން މަލާމާތް ކުރައްވަނީ ކަމަށެވެ.

އެ އަޑުގަދަ ކުރުންތަކުގެ ތެރެއިން، ނަން އިއްވަން ޖެހިދާނެ ކަމަށް ވިދާޅުވެ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސައަށް މަޖިލިސް ރައީސް އިންޒާރުވެސް ދެއްވިއެވެ.

މަލާމާތުގެ އެ އަޑުގަދަ ކުރުންތަކުގެ ތެރެއިން އެ ބިލު ފާސްކުރީ ޖަލްސާގައި އެވަގުތު ތިއްބެވި 82 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 26 މެންބަރުން ވޯޓު ދެއްވިއެވެ. ބިލު ފާސްކުރަން ބޭނުންވަނީ 41 ވޯޓެވެ.

އެ ބިލު ފާސްވުމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެފަދަ ބިލުތައް ފާސްކުރުމުގައި ބޮޑު އަގުލަބިއްޔަތެއް އޮންނަންޖެހޭނެ ކަމަށާއި ގާނޫނު އަސާސީ ލާޒިމު ކުރާ ކަމަށެވެ. އަދި އެ ބިލު ފާސްވީ ހަނި އަގުލަބިއްޔަތަކުން ކަމަށްވެސް ވިދާޅުވިއެވެ.

"މެންބަރުން ވިސްނައިވަޑައިގެންފިއްޔާ އެނގިވަޑައިގަންނަވާނެ މި ބާވަތުގެ ބިލުތަކަށް ގާނޫނުއަސާސީ އެބަ ލާޒިމު ކުރޭ ވަރަށް ބޮޑު އައުލަބިއްޔަތެއް. މިއަދު ސަރުކާރުން ހުށަހެޅި ގޮތަށް މި ބިލު މިވަނީ ފާސްވެފައި. އެކަމަކާ އެއްވެސް ބޭފުޅަކު ޝައްކެއް ނުކުރާނެ. އެހެންނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުން ބައްލަވާނެ މި ބިލު ފާސްވި ހަނި އަގުލަބިއްޔަތު. އެހެންކަމުން އަޅުގަނޑު އަދިވެސް އުއްމީދު ކުރަނީ މި މަޖިލީހުގައި ދެން ތިބި މެންބަރުން އެ ފާހަގަކުރެއްވި ނުކުތާތަކަށް ބައްލަވައި އަމަލުކުރުމުގައި ބުއްދިވެރިކަމާއި ވިސްނުންތެރިކަމާ އެކީގައި ކުރިއަށް ގެންދަވާނެ ކަމަށް،" މަޖިލިސް ރައީސް މިހެން ވިދާޅުވުމަށްފަހު އިތުރު މަސައްކަތަކަށް ވަޑައިނުގެން މަލާމާތުގެ ހަޅޭކުގެ ތެރެއިން މިއަދުގެ ޖަލްސާ ނިންމަވާލެއްވިއެވެ.