Close
ޚަބަރު

އެންމެފަހުން ޖީއެސްޓީ ބޮޑުކުރާ ބިލަށް ވޯޓަށް އަހައިފި، ބިލް އޮތްގޮތަށް ފާސްކުރީ 55 މެންބަރުންގެ ވޯޓުން

އިބްރާހިމް ޒަކީ

ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އާއި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށް، މަޖިލިސް ތަޅުމަށް ހުށަހެޅި ގޮތަށް ބަދަލެއް ނުގެނެސް ދެންމެ ފާސްކޮށްފިއެވެ.

މި ބިލަކީ، އެމްޑީޕީގެ ދެ ފެކްޝަންގެ ދެމެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ބިލެކެވެ. ބިލަށް ތާއީދުކޮށް ބިލު ފާސްކުރަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ ފެކްޝަންގެ މެންބަރުން މަސައްކަތް ކުރެއްވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ގެންދެވީ އެ ބިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމުންނެވެ.

މުޅި މަޖިލީހުގެ ކޮމިޓީގައި ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށްދިޔައިރު، ރައީސް ނަޝީދުގެ ފެކްޝަނުން ބިލަށް އިސްލާހުތަކެއްވެސް ހުށަހެޅުއްވިއެވެ. އެއީ ބިލުގައި ބުނާ ޓެކްސް ބޮޑު ނުކުރެވޭނެ ގޮތަށް ހުށަހެޅުއްވި އިސްލާހު ތަކެކެވެ. ނަމަވެސް އެ އިސްލާހުތައް ފެއިލް ކޮށްލައި، ސަރުކާރުން ހުށަހެޅި ގޮތަށް ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެންބަރުންގެ އަގުލަބިއްޔަތު ބޭނުންކޮށްގެން ކޮމިޓީންވެސް ބިލު ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވިއެވެ.

އެއަށްފަހު މިދިޔަ ދެ ދުވަހުވެސް ދިޔައީ ބިލަށް ވޯޓަށް ނާހައެވެ. އެކަމާ ގުޅިގެން ވޭތުވެ ދިޔަ ދެ ދުވަހު، މަޖިލިސް މެންބަރުން މަޖިލިސް ޖަލްސާގެ ރިޔާސަތުގެ ކުރިމައްޗަށް އެއްވެ އިހުތިޖާޖު ކުރަމުން ގެންދިޔައެވެ. އެންފެހުން އެ މެންބަރުން ރައީސުް ސޯލިހާ އިއްޔެ ބައްދަލުކުރައްވައި އެ ކަންބޮޑުވުންތައް ހިއްސާވެސް ކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި އެ ބިލަށް ވޯޓަށް އެއްސެވީ 11:00 ގައެވެ. ބިލް ފާސްކުރީ ޖަލްސާގައި އެވަގުތު ތިއްބެވި 82 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 26 މެންބަރުން ވޯޓު ދެއްވިއެވެ. ބިލު ފާސްކުރަން ބޭނުންވަނީ 41 ވޯޓެވެ.

ބިލު ފާސްކޮށްފައިވަނީ އަންނަ ޖެނުއަރީމަހުން ފެށިގެން ނަގާގޮތަށް، ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމަށެވެ.

މި ބިލަކީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް ހަމަޖެއްސުމަށް މުހިއްމު ބިލެކެވެ. އެއީ ޓެކްސް ބޮޑުކުރުމުން ލިބޭ އާމްދަނީ އިތުރުވެގެންދާތީއެވެ.