ފްރާންސްގެ ތަރި ކްރިސްޓޮފާ އެންކުންކޫއަށް އަނިޔާވެ ވޯލްޑް ކަޕް ގެއްލޭނެކަން ޔަގީންވެއްޖެއެވެ.
އުމުރުން 25 އަހަރުގެ އެންކުންކޫއަށް އަނިޔާވީ ފްރާންސްގެ ތަމްރީނުތަކުގައެވެ. އެންމެފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަން ފްރާންސުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެންކުންކޫއަށް އަނިޔާވެ، ވޯލްޑް ކަޕް ސްކޮޑުގައި ބައިވެރިނުވެވޭނެ ކަމަށާއި، އެ ހިތްދަތިކަމުގައި ޓީމުގެ އެހެން ހުރިހާ ކުޅުންތެރިންނާއި ކޯޗިން ޓީމުން ބައިވެރިވާ ކަމަށެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި އެންކުންކޫއަށް އަނިޔާވީ އިއްޔެގެ ތަމްރީނުތަކުގައި އެޑުއާޑޯ ކަމަވިންގާގެ ޗެލެންޖަކުންނެވެ. އެންކުންކޫގެ ކަކުލަށް އަނިޔާވި ކަމަށް މީޑިއާ ރިޕޯޓުތައް ބުނާ އިރު، އޭނާގެ ފައި ނުބައި ގޮތަކަށް އެނބުރުމާއެކު ފްރާންސްގެ މެޑިކަލް ޓީމުން ތަމްރީނުތަކުގައިވެސް ފަރުވާ ދީފައިވެއެވެ.
ޔޫރަޕްގެ ގިނަ ކްލަބުތަކަކުން ލޯ އަޅަމުން އަންނަ އެންކުންކޫއަކީ މިވަގުތުވެސް އެންމެ ފޯމުގައި ހުރި އެއް ފޯވަޑެވެ. އޭނާ ވޯލްޑް ކަޕަށް ފުރިހަމަޔަށް ތައްޔާރުވެފައިވާއިރު މިހާތަނަށް މި ސީޒަނުގައި ކުޅުނު 23 މެޗުގައި 17 ގޯލު ޖަހައިފައި ވެއެވެ. ކުރިން ޕީއެސްޖީއަށް ކުޅުނު އެންކުންކޫއަކީ މިދިޔަ ސީޒަނުގައި ބުންޑަސްލީގާގެ އެންމެ މޮޅު ކުޅުންތެރިޔާވެސް މެއެވެ.
ލެއިޕްޒިގަށް މިދިޔަ ސީޒަނުގައި ކުޅުނު 52 މެޗުން އެންކުންކޫ ވަނީ 35 ގޯލު ޖަހައިފައެވެ. އެންކުންކޫ މި ސީޒަނަށްފަހު ލެއިޕްޒިގް ދޫކޮށްލާނެ ކަމަށް މީޑިއާގައި ވަރަށް ބޮޑަށް އަޑު ފެތުރިފައިވާ އިރު، ހަބަރުތައް ބުނެފައިވާ ގޮތުގައި އޭނާ ގެންދަން ޗެލްސީން ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.
ޗެމްޕިއަން ފްރާންސުން ވޯލްޑް ކަޕަށް އެންމެފަހުގެ ތައްޔާރީތައްވުމަށް ކޭމްޕް ކޮށްފައި ވަނީ އަމިއްލަ ގައުމުގައެވެ. އެޓީމުން ސްކޮޑު އިއުލާނު ކުރިއިރުވެސް އަނިޔާގެ މައްސަލަތާ ދިމާވެފައިވެއެވެ. އެގޮތުން އެންގޯލޯ ކަންޓޭއާއި ޕައުލް ޕޮގްބާވެސް އަނިޔާގެ ސަބަބުން ވޯލްޑް ކަޕްގައި ނުކުޅޭނެއެވެ. އަދި ކޭމްޕް ކުރި ފަހުން ޕީއެސްޖީގެ ޑިފެންޑަރު ޕްރިންސަލް ކިމްޕެންބޭއަށްވެސް ވަނީ އަނިޔާވެ، ވޯލްޑް ކަޕް ގެއްލިފައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022