ސެނެގާލްގެ ތަރި ސަޑިއޯ މާނޭއަށް އެގައުމުން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗު ގެއްލޭނެ ކަމަށް ސެނެގާލް ފުޓުބޯޅަ ފެޑަރޭޝަނުގެ ބޯޑު މެންބަރު، އަބްދޫލާޔޭ ސޯ ވިދާޅުވެއްޖެއެވެ.

ވޯލްޑް ކަޕަށް އެންމެ 12 ދުވަހަށް ވެފައިވަނިކޮށް ސެނެގާލްގެ އެންމެ މުހިންމު ކުޅުންތެރިޔާ މާނޭއަށް އަނިޔާވީ ބަޔާން މިއުނިކަށް ކުޅުނު މެޗެއްގައެވެ. އެމެޗުގައި މާނޭގެ ކަށިމައްޗާ ދިމާލަށް އަނިޔާވެފައިވާ އިރު، އޭނާ ސްކޮޑަށް ނެގީ އޮޕަރޭޝަނެއް ކުރަން ނުޖެހޭތީ ކަމަށް ކޯޗު އަލިއޯ ސީސޭ ބުނެފައިވެއެވެ. ސީސޭ ބުނީ މާނޭ ވޯލްޑް ކަޕަށް ފިޓްވާނެ ކަމަށް މެޑިކަލް ޓީމުން ބުނެފައިވާ ކަމަށެވެ.

މާނޭއަށް ވޯލްޑް ކަޕުގައި ސެނެގާލުން ކުޅޭ ކޮންމެވެސް މެޗުތަކެއް ގެއްލޭނެ ކަމަށް ކުރިންވެސް ބެލެވިފައި އޮތް އިރު، އެގައުމުގެ ފުޓުބޯޅަ އިދާރާގެ ބޯޑު މެންނަރު ސޯ ވަނީ އެކަން ޔަގީން ކޮށްދެއްވައިފައެވެ. ސޯ ވިދާޅުވީ ފުރަތަމަ މެޗަށް މާނޭއާ ނުލައި ނުކުންނަން ޖެހޭކަން މިހާރު ޔަގީންވެފައިވާ ކަމަށާއި، އެވާހަކަ އަބަދު ތަކުރާރުކޮށް ނުދެއްކުން އެއީ އެންމެ ބުއްދިވެރި ގޮތް ކަމަށެވެ.

ގައުމީ ޓީމަށް ކުޅުނު 93 މެޗުން 34 ގޯލު ޖަހައިދީފައިވާ މާނޭއަކީ ދުނިޔޭގައި މިވަގުތުވެސް ހުރި އެންމެ މޮޅު އެއް ފޯވަޑެވެ. ހާއްސަކޮށް އޭނާއަކީ ސެނެގާލް ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. އެންމެފަހުން ސެނެގާލުން މިދިޔަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ނެގި އިރު، މާނޭއަކީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ދެފަހަރު ހޯދާފައިވާ މާނޭއަކީ ސެނެގާލް ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިނުމުގައިވެސް އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާއެވެ. އެގޮތުން މިސްރާ ދެކޮޅަށް ކުޅުނު އެފްރިކާގެ ޕްލޭ އޮފް މެޗުގައި ޑިސައިސިވް ޕެނަލްޓީ ކާމިޔާބުކޮށްދިން ކުޅުންތެރިޔަކީވެސް މާނޭއެވެ.

ހަތަރު ދުވަސް ތެރޭގައި ފަށަން ތައްޔާރުވެފައިވާ ގަތަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ސެނެގާލް ހިމެނެނީ ގްރޫޕް އޭގައެވެ. އެ ގްރޫޕުހައި ދެން ހިމެނެނީ ހޯސްޓް ގަތަރާއި އެކުއެޑޯގެ އިތުރުން ނެދަލޭންޑްސްއެވެ. ސެނެގާލުން ފުރަތަމަ ކުޅޭ މެޗުގައި އަންނަ ހޯމަ ދުވަހު ނެދަލޭންޑްސްއާ ދެކޮޅަށް ނުކުންނަ އިރު، ދެން މެޗެއް ކުޅޭނީ 25 ވަނަ ދުވަހުއެވެ. އެމެޗުގައި ނުކުންނާނީ ގަތަރާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސެނެގާލުން އެކުއެޑޯއާ ދެކޮޅަށް ނުކުންނާނި މިމަހުގެ 29 ވަނަ ދުވަހުއެވެ.