ގަތަރު ވޯލްޑް ކަޕަށް އެންމެ ހަތަރު ދުވަހަށް ވެފައިވާ އިރު، ގިނަ ގައުމުތަކަކުން ގަތަރަށް ގޮސް ކޭމްޕް ކޮށްފިއެވެ.

ކްލަބު ފުޓުބޯޅަ މެދުކަނޑާލުމާއެކު ވޯލްޑް ކަޕްގައި ވާދަކުރާ ހުރިހާ ގައުމަކުންވެސް އެގައުމުތަކުގެ ވޯލްޑް ކަޕް ސްކޮޑު އިއުލާންކޮށް، ވޯލްޑް ކަޕަށް ކޭމްޕް ކުރަން ފަށައިފައިވެއެވެ. އެގޮތުން ބައެއް ގައުމުތަކުން އެއްވެސް ވަރަކަށް މަޑު ޖެހުމެއް ނެތި، ދިޔައީ ސީދާ ގަތަރަށެވެ. އަނެއްބައި ގައުމުތަކުން ގަތަރުގެ ސަރަހައްދު ކަމަށްވާ، ގަލްފްގައި ހިމެނޭ އެހެން ގައުމުތަކުގައިވެސް ކޭމްޕް ކޮށްފައިވެއެވެ. ގަތަރަކީ ހޫނު ގައުމަކަށްވާ އިރު، އެގައުމުގެ ފިނިހޫނުމިނަށް ހޭނުމަށް ގަތަރު ކައިރީ ގައުމުތައް ކަމަށްވާ، ޔޫއޭއީއާއި އޮމާން އަދި ކުވައިތު ފަދަ ގައުމުތަކުގައިވެސް ކޭމްޕްކޮށްފައިވެއެވެ.

އިއްޔެއާއި އޭގެ ކުރީ ދުވަހުވެސް ވޯލްޑް ކަޕްގެ ޓީމުތައް ގަތަރަށް އެތެރެވެފައިވެއެވެ. ކޮންމެ ޓީމަކަށްވެސް ގަތަރުން ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާ އިރު، ކޯޗުންނާއި ކުޅުންތެރިންގެ ފަރާތުން ލިބެމުން ދިޔައީ ހިތްހަމަ ޖެހޭ މެސެޖުތަކެކެވެ.

އެންމެ ފުރަތަމަ ގަތަރަށް ދިޔަ އެއް ޓީމަކީ އެމެރިކާއެވެ. އޭގެ ފަހުން މޮރޮކޯ އާއި ޓިއުނީޝިއާ، އިރާންގެ އިތުރުން ދެކުނު ކޮރެއާ އާއި ސްވިޒަލޭންޑްވެސް މިހާރު ގަތަރަށް ގޮސް ހޮޓާތަކުގައި ހަމަޖެހިލާފައިވާ އިރު، އިއްޔެއާއި ރޭ އިންގްލެންޑް، ނެދަލޭންޑްސްގެ އިތުރުން އެކުއެޑޯއާއި ޑެންމާކުވެސް ވަނީ ގަތަރަށް ގޮސްފައެވެ.

އެންމެފަހުގެ ޗެމްޕިއަން ފްރާންސް، އެގައުމުގެ މަޝްހޫރު ޓްރެއިނިން ބޭސް ކްލެއާފޮންޓޭގައި ތަމްރީނުތައް ފުރިހަމަ ކުރަމުން އަންނަ އިރު، އާޖެންޓީނާ އަދި އުރުގުއޭގެ އިތުރުން ޖަޕާނުވެސް މިވަގުތު ކޭމްޕް ކޮށްގެން ތިބީ ޔޫއޭއީގައެވެ. ޔޫއޭއީއަކީ ގަތަރުގެ ކައިރި ގައުމަކަށްވާ އިރު، އެގައުމުގެ ވަސީލަތްތަކަށް ބަލައި، އެއީ ކޭމްޕް ކުރަން އެކަށޭނެ މަންޒިލަކަށް ވަނީ ވެފައެވެ. އޭގެ އިތުރުން ޖަރުމަނުން އޮމާންގައި ކޭމްޕް ކުރަމުން އަންނަ އިރު، ވަރުގަދަ ބެލްޖިއަމް ގަތަރަށް ދާނީ ކުވައިތުގައި އެކުވެރިކަމުގެ މެޗެއް ކުޅުމަށްފަހުއެވެ.

އެކިއެކި ގައުމުތަކުގައި މިވަގުތު ކޭމްޕް ކޮށްގެން ތިބި ޓީމުތައް ގަތަރަށް ދިޔުމުގެ ކުރިން ވާމްއަޕް އެކުވެރިކަމުގެ މެޗުތަކެއްވެސް ކުޅެން ވަނީ ތައްޔާރުވެފައެވެ. އެގޮތުން އާޖެންޓީނާއިން މިރޭ ޔޫއޭއީއާ ދެކޮޅަށް ނުކުންނަ އިރު، ސައުދީން އަމިއްލަ ގައުމުގައި ކްރޮއޭޝިއާއާ ދެކޮޅަށް މިރޭ ނުކުންނާނެއެވެ. ޖަރުމަނުން އޮމާނާ ދެކޮޅަށްވެސް މިރޭ ވާމްއަޕް މެޗަކަށް ނުކުންނަ އިރު، މެކްސިކޯއިން މާދަމާ ރޭ ސްޕެއިންގައި ސެވިޑެންއާ ދެކޮޅަށް ކުޅޭނެއެވެ.

ކޮސްޓަ ރީކާއިން މާދަމާ ރޭ އިރާގުގައި އެގައުމާ ދެކޮޅަށް ކުޅެން ތައްޔާރުވެފައި އޮތް އިރު، ސްޕެއިނުން ޖޯޑަންގައި މާދަމާ ރޭ އެގައުމުގެ ގައުމީ ޓީމާ ދެކޮޅަށް ކުޅޭނެއެވެ. ޕޯޗުގަލް ގައުމުގައި ކޭމްޕް ކޮށްގެން ތިބި އިރު، އެޓީމުން ގަތަރަށް ދާނީ މާދަމާ ރޭ ނައިޖީރިއާ ދެކޮޅަށް ވާމް އަޕް މެޗެއް ކުޅުމަށްފަހުއެވެ.

ހުކުރު ދުވަހުގެ ރޭވެސް އެކުވެރިކަމުގެ ބައެއް މެޗުތަކަށް ގައުމުތަކުން ނުކުންނަ އިރު، ބެލްޖިއަމްއިން ކުވައިތުގައި މިސްރާ ދެކޮޅަށް ކުޅެންވެސް އޮތީ ތާވަލު ކޮށްފައެވެ. އެއީ ވޯލްޑް ކަޕަށް ދެ ދުވަހަށް ގާތްވެފައި އޮއްވާ ކުޅޭނެ މެޗެކެވެ. އޭގެ އިތުރުންވެސް އެރޭ ބަހުރައިނުގައި ސާބިއާއިން ބަހުރޭނާ ދެކޮޅަށްވެސް ނުކުންނާނެއެވެ. އެއީވެސް ވާމްއަޕް މެޗަކަށެވެ.

ގަތަރުގެ ވޯލްޑް ކަޕް ވެގެންދާނީ ކްލަބް ފުޓުބޯޅަ ސީޒަނުގެ ތެރެއިން ބްރޭކް ނަގައިގެން ކުޅެވޭނެ ފުރަތަމަ ވޯލްޑް ކަޕެވެ. ގަތަރު ވޯލްޑް ކަޕް ފިނި މޫސުމަށް ތާވަލު ކޮށްފައިވަނީ ގަތަރުގެ ހޫނު މިނަށް ބަލައިފައެވެ. ގަތަރުން ވޯލްޑް ކަޕަށް ތައްޔާރުވެފައި ވަނީވެސް ހޫނަށް ވިސްނައިގެންނެވެ. އެގޮތުން، އެގައުމުން ވަނީ ސްޓޭޑިއަމްތައްވެސް ފިނިކުރެވޭނެ ޒަމާނީ ނިޒާމުތައް ގާއިމު ކޮށްފައެވެ.