ވޯލްޑް ކަޕަކީ އެކުވެރިކަން ގެނެވޭނެ މުބާރާތެއް ކަމަށާއި، އެއްމަސް ދުވަހަށް ނަމަވެސް ހަނގުރާމަތަކުގެ ހަމަލާތައް ބަދަލުކުރުން ހުއްޓާލަން ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ ގޮވާލައްވައިފިއެވެ.

ގަތަރު ވޯލްޑް ކަޕަށް ފަސް ދުވަހަށް ވެފައި އޮތް އިރު، ފީފާގެ ރައީސް ހަނގުރާމަތައް މަޑުޖައްސާލަން ގޮވާލެއްވީލީ ބާލީގައި ކުރިއަށްދާ ޖީ20 ސަމިޓްގައި ވާހަކަ ދައްކަވަމުންނެވެ. އިންފެންޓީނާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވައި، އެކަން މައިގަނޑުކަން އަމާޒުކުރެއްވީ ރަޝިއާއާއި ޔޫކްރެއިން ހަނގުރާމައަށެވެ.

"އަހަރެން ތިހުރިހާ ގައުމުތަކުގެ ލީޑަރުންނަށްވެސް މި އެދެނީ ވޯލްޑް ކަޕަށް އެއް މަހަށް ނަމަވެސް ހަނގުރާމަތަކުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް. އެންމެ ކުޑަމިނުން އިންސާނިއްޔަތުކަމަށްޓަކައި، މަޝްވަރާއަށް މަސައްކަތް ކުރުމަށް ވަގުތުކޮޅެއް ހުސްކޮށްލުމަށް،" އިންފެންޓީނޯ ވިދާޅުވިއެވެ.

އިންފެންޓީނޯ ދުނިޔޭގެ ލީޑަރުންނަށް ގޮވާލެއްވީ، އެ ލީޑަރުންނަކީ ނުފޫޒުގަދަ ފަރާތްތައް ކަމަށާއި މުސްތަގުބަލަށް ވިސްނާލުމަށްވެސް ފުޓުބޯޅައިގެ ތެރެއިން ވަގުތު ލިބޭނެ ކަމަށެވެ. ފުޓުބޯޅައިގެ ޕްލެޓްފޯމަކީ ވަރަށް ތަފާތު ރޫހެއް ގެނުވާނެ ޕްލެޓްފޯމެއް ކަމަށާއި، އެ ޕްލެޓްފޯމުން ދުނިޔޭގެ ހަމަޖެހުމާއި ސުލްހަ ގާއިމުކުރުމަށް އެހީވާނެ ކަމަށްވެސް އިންފެންޓީނޯ ވިދާޅުވިއެވެ.

ހަނގުރާމައިގެ ތެރޭގައި ރަޝިއާއާއި ޔޫކްރެއިން އޮތް އިރު، އެކަމަށް އަމާޒުކޮށް އިންފެންޓީނޯ ވަނީ ވަރަށް ބޮޑަށް ވާހަކަ ދައްކަވައިފައެވެ. އެގޮތުން އޭނާ ވިދާޅުވީ 2018 ގެ ވޯލްޑް ކަޕް ރަޝިއާގައި ބޭއްވީ ފުރިހަމަކޮށް ކަމަށާއި، ޔޫކްރެއިނުން 2030 ގެ ވޯލްޑް ކަޕަށް މަސައްކަތްކުރާ ކުރުން އެއީ އުފަލެއް ކަމަށެވެ. މިވަގުތު އެ ދެގައުމު ހަނގުރާމައިގައި އޮތް ނަމަވެސް، އެކަން ސުލްހަވެރިކަމާއެކު ހައްލުކުރެވޭނެ ގޮތެއް ހޯދަން މަޖުބޫރު ކަމަށްވެސް އިންފެންޓީނޯ ވިދާޅުވިއެވެ.

ގަތަރު ވޯލްޑް ކަޕް މިމަހުގެ 20 ވަނަ ދުވަހު ފަށާ އިރު، އެ ވޯލްޑް ކަޕަކީ އެތައް ގޮތަކުން ފާޑުކިޔުންތައްވެސް އަމާޒުވެފައިވާ ވޯލްޑް ކަޕެކެވެ. ގަތަރުގެ ވޯލްޑް ކަޕަކީ ފުރަތަމަ ފަހަރަށް މުސްލިމް ގައުމެއްގައި ބާއްވާ ވޯލްޑް ކަޕަކަށްވުމާއެކު ހުޅަނގުގެ ބައެއް ގައުމުތަކުން ދަނީ އެގައުމުގެ ސަގާފަތަށްވެސް ފާޑު ކިޔަމުންނެވެ. އެގޮތުން ބަނގުރާ ބުއިމާއި އެއްޖިންސުގެ ގުޅުންތައް ޕްރޮމޯޓް ކުރުމަށް ހުރަސްތަކެއް އޮތް ކަމަށް ބުނެވެސް ހުޅަނގުން ވަނީ ގަތަރަށް ފާޑު ކިޔައިފައެވެ.

އެ ފާޑު ކިޔުންތަކަށް ގަތަރުން ވަނީ ފުރިހަމައަށް ރައްދުވެސް ދީފައެވެ. ގަތަރުން ބުނީ ހުރިހާ އެންމެންނަށްވެސް އެގައުމު ހުޅުވާލެވިފައިވާ ކަމަށާއި، ކުރަން ޖެހޭނެ ކަމަކީ އެގައުމުގެ ޒަމާންވީ އާދަކާދައާއި އުސޫލުތަކަށް އިހުތިރާމުކުރުން ކަމަށެވެ.