ވިއުކޮންސްޓްރަކްޝަން އޮފީސް ފަޅާއި ދެ ތިޖޫރިއަކަށް ގެއްލުންދިން މައްސަލައިގައި، ގދ. ހޯނޑެއްދޫ އަލޯރާ އަރުޝަދު ހާލިދުގެ މައްޗަށް ކުރި ދެ ދައުވާ ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާއްތިލުކޮށްފިއެވެ.

މި މައްސަލައަކީ 20 އޮގަސްޓް 2016 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި، ގ.ނިޔުޝާރާޒްގޭގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ވިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ފަޅާލައި އެތާ އެތެރެއަށް ބަޔަކާއެކު އަރުޝަދުވަދެ، އެތަނުގައި ހުރި ދެ ތިޖޫރިއަށާއި އަދި އެހެންވެސް ބައެއް ތަކެއްޗަށް ގެއްލުންދީ ވައްކަން ކުރަން މަސައްކަތް ކޮށްފައިވާ މައްސަލައިގައި ކުރި ދެ ދައުވާއެވެ.

މީގެ ތެރެއިން އެއް ދައުވާއަކީ ވައްކަން ކުރަން އުޅުނުކަމުގެ ކުށުގެ ދައުވާއެވެ. އަނެއް ދައުވާއަކީ ތަކެއްޗަށް ގެއްލުން ދިނުމުގެ ދައުވާއެވެ.

މި ދެ ދައުވާވެސް އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ނަމަވެސް ދައުލަތުގެ ފަރާތުން އެ ދެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

މި މައްސަލައިގައި ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، އަރުޝަދުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ނިންމާފައި ވަނީ އެ ދައުވާތައް ސާބިތު ކުރުމަށް އަރުޝަދާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކަށް އެއްގޮތަކަށްވެސް ބެލުމަކާ ނުލައި ކަމަށެވެ.

އެހެންކަމުން ކުރިމިނަލް ކޯޓުގެ ހުކުމް ބާތިލުކުރާ ކަމަށާއި އޭނާގެ މައްޗަށް ދައުލަތުން ހުށަހެޅި ވައްކަން ކުރަން އުޅުމުގެ ކުށާއި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުހަޅާފައިވާ ހެކިތަކަށް އަލުން ބަލައި، އެ ދެ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައި އެ ދެ މައްސަލަ ކުރިމިނަލް ކޯޓަށް ތަހުވީލު ކުރާ ކަމަށްވެސް އެ ހުކުމުގައިވެއެވެ.

އަރުޝަދަކީ ރާއްޖެއަށް 119 ކިލޯގެ ޑުރަގް އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ ފަރާތެވެ. އަދި އޭނާއަކީ 30 ޖަނަވަރީ 2020 ގައި ފުލުހުން މާލޭގައި ހިންގި ޑުރަގް އޮޕަރޭޝަންގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން އެ ނެޓްވޯކުގައި އިސްކޮށް ހުރި މީހާ ކަމަށް ތުހުމަތުވާ މީހާއެވެ. އެ އޮޕަރޭޝަންގައި ނުވަ ގެއެއް ބަލައި ފާސްކޮށް ނުވަ ކިލޯއަށްވުރެ ގިނަ ހެރޮއިން އާއި ހަތަރު ގްރާމަށްވުރެ ގިނަ ކޮކެއިން އަތުލައިގަތެވެ. އެ ތަކެތީގެ މަގުމަތީ އަގު 4.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ބުނެއެވެ.