މި އަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް، ވަން މީޑިއާ ގުރޫޕުން ތައްޔާރުކުރި "ވަން ވޯލްޑް ކަޕް ގައިޑް 2022" މިއަދު ނެރެފިއެވެ.
"ވަން"ގެ އޮފީހުގައި ބޭއްވި ހާއްސަ އިވެންޓެއްގައި "ވަން ވޯލްޑްކަޕް ގައިޑް 2022" ނެރެދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. މަހުލޫފުގެ އިތުރުން މި އިވެންޓުގައި ފުޓުބޯޅަ އަދި ކުޅިވަރުގެ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ އަންހެން ގައުމީ ޓީމުގެ ކެޕްޓަން އައިމިނަތު ލީޒާ (ލިޒީ)އާއި ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު އަލީ ސުޒޭން، ރާއްޖޭގެ ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު (ސޮބާ)ގެ އިތުރުން ކުޅިވަރު ނޫސްވެރިން ކަމަށްވާ އިމާދު ލަތީފު އަދި ސާއިދު އަހުމަދުވެސް ހިމެނެއެވެ.
"ވަން" އިން ނެރުނު ވޯލްޑް ކަޕް ގައިޑަކީ މި ފަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް ނެރޭ އެންމެ ތަފުސީލު ގައިޑެވެ. އެގޮތުން ވޯލްޑް ކަޕާ ގުޅޭ ގޮތުން ކިޔުންތެރީންނަށް ބޭނުންވާނޭ ހުރިހާ މައުލޫމާތެއް ވަރަށްވެސް ތަފުސީލާއެކު މި ގައިޑުގައި ހިމަނާފައިވެއެވެ.
ވަން އޮންލައިންގެ މެނޭޖިން އެޑިޓަރު އަލީ ރިފްޝާން ވިދާޅުވީ، 200 ވަރަކަށް ސޮފުހާގެ މި ގައިޑަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ ފުރިހަމަ މައުލޫމާތު ބޭނުންވާ، ފުޓުބޯޅައަށް ލޯބިކުރާ ކޮންމެ މީހަކަށްވެސް މުހިންމު ފޮތަކަށް ވާނެ ކަމަށެވެ. އަދި ކިޔުންތެރީން ޝައުގުވެރިވާނެ ތަފާތު ގިނަ މައުލޫމާތުތައް މި ފޮތުގައި ހިމަނާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މުބާރާތުގެ ތާރީހު، މުބާރާތުގެ ތަށި، މުބާރާތުގެ މެސްކޮޓް، މުބާރާތުގެ ބޯޅަ އަދި ކުޅޭ ހުރިހާ ޓީމުތަކެއްގެ އެންމެ ފުރިހަމަ މައުލޫމާތު ފޮތުގައި ހިމަނާފަ ހުންނާނެ. މީގެ އިތުރުން، ރެފްރީންނާއި ގަތަރުގެ ތައްޔާރީތަކާއި ކޯޗުންނާއި ކުޅުންތެރީންނާއި މި ފަހަރުގެ ތަރީންނާ ގުޅޭ ގިނަ ވާހަކަތައްވެސް ހުންނާނެ. މުބާރާތް ކުޅޭ ސްޓޭޑިއަމްތަކާއި އެނޫންވެސް ޝައުގުވެރި ވަރަށް ގިނަ ވާހަކަތައް ހުންނާނެ. މީގެ އިތުރުން ކިޔުންތެރީންނަށް ސަޕްރައިޒެއްގެ ގޮތުގައި ލިބޭނެ ބައެއް މައުލޫމާތުވެސް މި ގައިޑުގައި ހުންނާނެ." ރިފްޝާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވަންގެ ގައިޑަކީ ފުރިހަމަ ގައިޑަކަށްވާނެ ކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށާއި ގައިޑަށް ވަންގެ ވޯލްޑް ކަޕް ޓީމުން ބުރަކޮށް، ފުރިހަމަ މަސައްކަތެއް ކުރި ކަމަށެވެ.
ވަން ވޯލްޑް ކަޕް ގައިޑުގެ ކޮންޓެންޓް އެޑިޓަރު އަދި ރާއްޖޭގެ މަޝްހޫރު ކުޅިވަރު އެނަލިސްޓް އިމާދު ލަތީފު ވިދާޅުވީ މި ފަހަރުގެ ވޯލްޑް ކަޕާ ގުޅޭ މައުލޫމާތު ހޯދަން ބޭނުންވާ ފުޓުބޯޅަ ފޭނުންނަށް ވަން އިން ނެރުނު ވޯލްޑް ކަޕް ގައިޑް ވަރަށް ފުރިހަމަވާނެ ކަމަށެވެ.
"އެއް ފޮތަކުން، އެއްތަނަކުން ވޯލްޑް ކަޕާ ބެހޭ އެންމެ ގިނަ މައުލޫމާތު ލިބޭނެ އޮތް ފޮތަކީ މިއީ." އިމާދު ވިދާޅުވިއެވެ.
ވަންގެ ސޭލްސް އެންޑް މާކެޓިން ޓީމުން ބުނީ ކޮންމެ ގައިޑަކާއެކު މެޗު ޝެޑިއުލެއް ލިބޭނެ ކަމަށާއި "ވަން ވޯލްޑް ކަޕް ގައިޑް 2022" ހޯދަން ނަން ގުޅާނީ 7744464 އަކަށް ކަމަށެވެ.
ވަން މީޑިއާ ގުރޫޕުން ވަނީ 2020 ވަނަ އަހަރު އޮތް ޔޫރޯއަށް ހާއްސަ ކޮށްގެންވެސް ވަރަށް ތަފުސީލު ގައިޑެއް ނެރެފައެވެ. އެ ގައިޑުވެސް ވެގެން ގޮސްފައި ވަނީ ކިޔުންތެރީންގެ މެދުގައި ވަރަށް މަގުބޫލު ގައިޑަކަށެވެ.