ޓެކްސް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވޯޓަށް ނާހާތީ މެންބަރުން އިހުތިޖާޖު ކުރަމުންދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވައިފިއެވެ.
ފަހަކަށް އައިސް މަޖިލިސް ޖަލްސާތަކުގެ ފަހު ދަންފަޅީގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ނުވަތަ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އެގޮތުން މެންބަރުން އިހުތިޖާޖު ކުރަމުންދަނިކޮށް ޓެކްސް ބިލަށް ވޯޓަށް ނާހައި އިއްޔެގެ ޖަލްސާ ނިންމަވާލެއްވި އިރުވެސް ރިޔާސަތުގައި އިންނެވީ އަފީފެވެ.
އަފީފު އިއްޔެގެ ޖަލްސާ ނިންމަވާލެއްވީ މަޖިލީހުގެ ގަވާއިދާ ހިލާފަކަށް މެންބަރުން ވިދާޅުވި ނަމަވެސް، ނަޝީދު ވަނީ އެ ޖަލްސާ ނިންމަވާލެއްވީ ރަނގަޅަށް ކަމަށް ވިދާޅުވެ އަފީފު ދިފާއުކުރައްވައިފައެވެ.
މިއަދުގެ ފަހު ދަންފަޅީގެ ވޯޓުގެ ވަގުތުގައި ރިޔާސަތުގައި އިންނެވީ ނަޝީދެވެ. ފަހު ދަންފަޅީގެ ޖަލްސާ ފެއްޓެވުމަށްފަހުވެސް މަޖިލިސް ރައީސް ވޯޓުގެ ރަނގަބީލު ޖެއްސެވުމަށް އިދާރީ މޭޒަށް އެންގެވިއެވެ. އެ ހިސާބުން ފަހަރަކު މެންބަރެއް ރިޔާސަތުގެ މޭޒުގެ ކުރިމައްޗަށް އެއްވާން ފެއްޓެވިއެވެ.
ނަމަވެސް މަޖިލިސް ރައީސް ވޯޓަށް އެއްސެވީ ޗާގޯސްއާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދާ ގުޅޭ ގޮތުން ސަރުކާރުގެ ސިޔާސަތު ބަދަލުވެފައިވޭތޯ ބެލުމަށް ގޮވާލައި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމު ހުށަހެޅުއްވި ގަރާރަށެވެ. އެ ހިސާބުން މެންބަރުން އަޑުގަދަ ކުރައްވަން ފެއްޓެވި ނަމަވެސް ވޯޓުލުން ކުރިއަށް ގެންދިޔައެވެ.
އެ ވަގުތު ޖަލްސާގައި ތިއްބެވި 84 މެންބަރުންގެ ތެރެއިން އެ ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 30 މެންބަރުންނެވެ. ގަރާރު ބަލައިނުގަތުމަށް 42 މެންބަރުން ވޯޓު ދެއްވިއެވެ. ގަރާރު ބަލައި ގަންނަން ބޭނުންވީ 37 ވޯޓެވެ.
އެއަށްފަހު މެންބަރުން އަޑުގަދަ ކުރައްވަމުން ގެންދަވަނިކޮށް އިތުރު ވޯޓަކަށް ނާއްސަވައި މަޖިލިސް ރައީސް މިއަދުގެ ޖަލްސާ ނިންމަވައިލެއްވިއެވެ.