ހިޔާ ފުލެޓްތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ މައި ކޭބަލް ބުރިވެ، ފުލެޓްތަކުން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯގެ މީޑިއާ އޮފިސަރު އަހުމަދު މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ ފޭސް ދޭއްގެ 7،000 ހައުސިން ޔުނިޓަށް ކަރަންޓް ފޯރުކޮށް ދޭ މައި ކޭބަލް ބުރިވެ އެތަނުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

މައި ކޭބަލް ބުރިވީ މަގުކޮނުމުގެ މަސައްކަތް ކުރަމުން އަންނަ ބައެއްގެ އަތުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ ކަރަންޓު ކެނޑުނީ ހުރިހާ ފުލެޓުތަކުން ކަމަށެވެ. މައި ކޭބަލަށް ދިމާވި މައްސަލަ ހައްލު ކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ކަރަންޓު ދެވޭނީ ކޮން ވަގުތެއްގައި ކަމެއް މި ވަގުތު ވިދާޅުވާން ދަތި ކަމަށާއި ނަމަވެސް ދެން ހެދޭނެ ގޮތެއް ބަލަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިކަމާ ގުޅޭ އިތުރު ތަފުސީލު ހާމަކުރަމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާ ފުލެޓުތަކުން ކަރަންޓު ކެނޑުމުގެ ސަބަބުން އެ ތަނުން ފެންވެސް މިހާރު ވަނީ ކެނޑިފައެވެ.