ދިވެހި ރައްޔިތުން ތިބީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށްވެސް އަދި އެމަނިކުފާނުގެ ބާރު ހިނގާ ބަޔަކަށްވެސް ދެން ވެރިކަން ދޭގޮތަށް ނޫން ކަމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޗާގޯސް ކަނޑުގެ ސަރަހައްދާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފާހަގަ ކުރުމުގެ މައްސަލައިގައި ސަރުކާރުގެ ސިޔާސަތު ބަދަލުވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް މަޖިލީހަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދާ ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު އިސްމާއީލް އަހުމަދު ވިދާޅުވީ، މިރާއްޖެއަށް ދިމާވެގެން މިއުޅެނީ ޗާގޯސް މައްސަލަ ނޫން ކަމަށެވެ.
ޖެހިގެން މިއުޅެނީ ރައީސް ނަޝީދަށް ވެރިކަން ނުލިބިގެން އުޅޭ މައްސަލަ ކަމަށާއި ނަމަވެސް ރައްޔިތުން ތިބީ އެ މަނިކުފާނަށް ވެރިކަން ދޭ ގޮތަށް ނޫން ކަމަށް ވިދާޅުވިއެވެ.
"މަނިކުފާނަށް މި ރާއްޖޭގެ ރިޔާސަތު ދޭން ދިވެހި ރައްޔިތުން ތިބީ ތައްޔާރަކަށް ނޫން، މަނިކުފާނުގެ ބާރެއް ހިނގާ ގޮތަށްވެސް ރާއްޖޭގެ ރިޔާސަތު ދޭން ދިވެހިން ތިބީކީ އިރާދަކުރެއްވިއްޔާ ތައްޔާރަކަށް ނޫން. އަޅުގަނޑުމެން އެ މަންޒަރެއް ނުބަލާނެ،" ރިޔާސަތުގައި އިންނެވި ނަޝީދަށް ނިސްބަތްކޮށް އިސްމާއިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޗާގޯސް މައްސަލައަށްވުރެ ވަކި ސާފުކޮށް އަދި ސީދާކޮށް ސާދާކޮށް މައުލޫމާތު ފެތުރި ދެވަނަ ކަމެއް ނެތް ކަމަށާއި އެކި ދުވަސްވަރު ވެރިކަން ކުރެއްވި ބޭފުޅުން އެކި ގޮތްގޮތަށް ޗާގޯސް ވާހަކަ ހަގީގަތް އޮޅޭ ގޮތަށް ދައްކާފައިވާ ކަމަށެވެ.
"އިއްޒަތްތެރި މަނިކުފާނުވެސް އިނގިރޭސި ބަހުން އެއްޗެއް ވިދާޅުވާން ވެއްޖިއްޔާ (ޗާގޯސް)އަކީ އަޅުގަނޑުމެންގެ ތަނެއް ކަމުގައި ނުވޭ. ދިވެހި ބަހުން ދިވެހިންނާ މުހާތަބު ކުރަންޏާ، އަޅުގަނޑުގެ ވިސްނުންފުޅުގައި ހުރީ ކަމަށް ވިދާޅުވެ، އަމަލީ ގޮތުން ކަމެއް ކުރެއްވި ވާހަކައެއް ނޫން އަދި އެއްވެސް ލިޔުމެއްގައި އެއްވެސް ކަމެއް ހިންގި ވާހަކަ ނޫން ކަމަށްވިޔަސް ވާހަކަ ދައްކަވަނީ އެއީ އަޅުގަނޑުމެންގެ ތަނެއްގެ ގޮތުގައި. އެހެންވީމާ މިއަދު މަލިކު ވާހަކަ ދެއްކުންވެސް މަނިކުފާނު މަނާ ކުރައްވާ ސަބަބެއް އެބަ އޮތް، މަނިކުފާނުގެ ވެރިކަމުގައި މަލިކަކީވެސް ރާއްޖޭގެ ތަނެއްގެ ގޮތުގައި ފާހަގަކުރަމުންދިޔަ އެކަމްކު މަނިކުފާނަކަށް އެ ވާހަކައެއް ނުދެއްކޭނެ، އެ ސަބަބު ދިވެހިންނަސް މިއަދު ވަރަށް ސާފު،"
އިސްމާއިލް މިހެން ވިދާޅުވީ، ފޯޅަވައްސަށްވުރެ މަލިކަކީ ރާއްޖޭގެ ތަނެއް ކަމަށް ބުނެ ވާހަކަދެއްކުން މާރަނގަޅުވާނެ ކަމަށް މެންބަރަކު ވިދާޅުވުމުން އެއީ ރާއްޖޭގެ ސަރަހައްދުގައި އޮތް ތަނެއް ނޫން ކަމަށް ވިދާޅުވެ އެ ވާހަކަ މަޖިލިސް ރައީސް ހުއްޓުވުމާއި އިންޑިއާއާއި ރައީސް ނަޝީދާ އޮންނަ ގާތްކަން ފާހަގަކުރެއްވުމުގެ ގޮތުންނެވެ.
އިސްމާއިލް ވިދާޅުވީ ޗާގޯސް މައްސަލައާއި ދެން ހުރި މައްސަލަތައްވެސް މި ސަރުކާރުން ނިންމާނީ ރާއްޖެއަށް އެންމެ މަސްލަހަތު ރަނގަޅު ގޮތަށް ކަމަށެވެ. ނަމަވެސް އެއީ މަޖިލިސް ރައީސް ކުރެއްވި ކަމެއް ކަމަށް އޭރުން އަމިއްލަފުޅަށް ވިދާޅުވަމުން ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
"ޗާގޯސްގެ މައްސަލަވެސް ދެން ހުރި މައްސަލަތައްވެސް ނިމޭނީ މި ރާއްޖެއަށް އެންމެ މަސްލަހަތު ހުރި ގޮތަށް، އެންމެ ފަހުން މިކަން ނިމިގެންދާއިރު މަނިކުފާނު ބުނާނެ ލަފްޒު އަޅުގަނޑާށް ސާފުވޭ، ޗާގޯސް މައްސަލައިގައިވެސް މި ރާއްޖެއަށް ބޭނުންވާ މިންވަރަށް ބޭނުންވާ އަދަދަށް އިން ކަނޑައެޅިގެންދާނެ މަންޒަރު. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފެނޭ، އެ ދުވަހުން މަނިކުފާނު ދުވެވަޑައިގެން ވިދާޅުވާނެ އެއީ ތިމަންނަ ކުރިކަމެކޭ، ނަމަވެސް ދެން ދިވެހި ރައްޔިތުންނެއް ފުރުސަތެއް ނުދޭނެ، ބަރުލަމާނީ އެއްވެސް ނާންނާނެ ވެރިކަމަށް މަނިކުފާނެއްވެސް އަދި މަނިކުފާނުގެ ކައިރީގައި ތިއްބެވި ބޭފުޅުންނެއްވެސް ނާންނާނެ،" އިސްމާއިލް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު