ތާރީޚު

ދިވެހި ތާރީޚު: ހާޖީބަންޑާރައިން ކަނޑުފެއްތުމާއި ހުޅުދެލީ މަސްދޯންޏަކަށް ނެގުން!

އިމާދު ލަތީފު

3

ހާޖީބަންޑާރައިން ނުވަތަ ޝަހީދުކުޅަ ބަންޑާރައިންގެ ނަންފުޅުން ދިވެހި ތާރީޚުގައި މަޝްހޫރުވެފައިވާ ރަސްކަލަކީ އައްސުލްތާނުލް ޣާޒީ މުހައްމަދު ޣިޔާޘުއްދީނެވެ. ހައްޖަށް ވަޑައިގެންފައި އެނބުރި މާލެއަތޮޅު ގުރާދޫގައި ބަނދަރުކުރެެއްވިތަނާ "އިއްޒަތުގައި މާލެއަށް" ބޭލުމުގެ ނަމުގައި ހުރާގޭ މުހައްމަދު މަނިކުފާނު އިސްވެހުރެގެން ކުދީންކޮޅެއް ފޮނުވައިގެން މާލެއަތޮޅު ދެބުރީގެ ދޭތެރޭގައިވާ ވާދޫކަނޑަށް ބަރޯސީ ބަނދެފައި ފައްތައި ޝަހީދުކޮށްލީކަމަށް ބުނެވެއެވެ. ހާޖީ ބަންޑާރައިންގެ އަހަރުމަތިފުޅު އިހުޒަމާނުގައި ފާހަގަކުރަމުން އައީ ކޮންމެ އަހަރެއްގައިވެސް ޝައުބާންމަހު ހަތްވަނަ ދުވަހުއެވެ. އެހެންވީމާ މިކަމެއް ހިނގީ މީލާދީން 13 އޮކްޓޫބަރު 1774 ގައި ކަމަށް ބެލެވެެއެވެ. މި ޖަރީމާ ހިންގީ ހުރާގޭ މުހައްމަދު މަނިކުފާނު އަންގައިގެން މާލޭ ތުނބުޅިގޯތީ ކުދީން ކަމަށް ބުނެވެއެވެ.

މިދެންނެވި ތުނބުޅިގޯތީ ކުދިންގެ އާއިލާ އަރިއަތޮޅު ދެކުނުބުރީގެ ރަށަކާއި ހުވަދުއަތޮޅު އުތުރުބުރީގެ ރަށެއްގައި ދެމިގެން އަންނަކަމަށް ބުނެވެއެވެ. މި އައުލާދުގެ އެންމެންވެސް ފުރަގަސް ފަރާތު ބައްޔެއްގެ ވޭން ތަހައްމަލް ކުރާކަމަށާއި މިކަމަކީ ހާޖީބަންޑާރައިން ކަނޑުފެއްތުމަށްފަހު ޖެހުނު ވަބާއެއްކަމަށްވެސް ބުނެވެއެވެ. ދިވެހި ތާރީޚު ދިރާސާކުރެއްވި މަރުހޫމު މާޅޮހު ނަސީރު ލިޔުއްވާފައިވާގޮތުން، ހާޖީބަންޑާރައިން ގޮވައިގެން މާލެއަތޮޅު އިރުބޭރުން ދުއްވާފައިއައިސް، ފިނޮޅުފަޅު ފަސްދީ އުތުރަށް އަރައި، ވާދޫކަނޑަށް ފެއްތީއެވެ. ބަރޯސީ ބަނދެފައި ފެއްތިއަސް އަޑިއަށް ނުގޮސް ފެނުންމަތީގައި ހާޖީބަންޑާރައިން އޮންނެވިކަމަށް ދަލީލުކުރާ ވާހަކަތަކެއްވެސް ދެކެވެއެވެ. އެކަމާބެހޭ ލިޔުންތައްވެސް ފެނެއެވެ. އެތަނުން އެއްވާހަކަ ނަކަލުކުރާނަމެވެ.

ދޫދޫމަތިން ކިޔެމުން އަންނަގޮތުން އަދި މަރުހޫމް މާޅޮހު ނަސީރު ލިޔުއްވާފައިވާގޮތުން މާލެއަތޮޅު ވިލިގިލީ މީހުން އެންދަމައިގެން ފިނޮޅު ފަޅުދަށަށް މަހަށް ނުކުންނަނިކޮށް، އިރުއެރުމުގެ ކުރީން ހާޖީބަންޑާރައިންނާ ދިމާވިއެވެ. އެމީހުންގާތު ދޯންޏަށް ނަގައިދޭން އެދިވަޑައިގަތުމުން "މިއީ އެމާދުއްވާ ދޯންޏެކޭ" ބުނެ އުޒުރުދައްކައިފައި ނުނެގީއެވެ. "އެހެންވިއްޔާ ކަލޭމެން އެމާ ދުއްވަދުއްވާ ތިބޭށޭ" ހާޖީބަންޑާރައިން ވިދާޅުވިކަމަށް ވެއެވެ. އޭގެފަހުން ވިލިގިލީ މީހުންނަށް ދުވަހަކުވެސް މަހެއް ނުބޭނެއެވެ. އަބަދުވެސް އެމާދުއްވަނީއެވެ. އެރަށުގައި މީހުން ދިރިއުޅުނުހާ ދުވަހަކު އޭގެފަހުން މަސްވެރިކަން ކުރުން ހުއްޓާލީއެވެ. ވިލިގިލީ މަސްދޯނި މީހުން ހާޖީބަންޑާރައިން ނުނަގާ ދިޔައިމާ ދެންދިމާވީ ދ.ހުޅުދެލީ ދޯންޏަކާއެވެ. އެދޯނީގެ މީހުންގާތު އެދިވަޑައިގަތުމުން ދޯންޏަށް ނަގައިފިއެވެ.

ހުޅުދެލީ މަސްވެރީންގާތު ހާޖީބަންޑާރައިން ވިދާޅުވިކަމަށްވެއެވެ. އަހަރެން ހޭވަތުގައި ބާއްވާފައި މުޅިފަންގެ މަޅައިލާށެވެ. ކަލޭމެން ކުދިބައްތެލިފަހަރުގައި ދުއްވައިއުޅުނަސް، ބުރުނު ކޮޅިގަނޑަށް ނޫނީ ބަލާނެކަމެއްނެތެވެ. ވިއްސާރައިގައި ޖެހިއްޖިއްޔާ، ހޭވަތުގައި މުޅިފަންގެ މަޅައިލައިފައި ދުންބުރުވައިލާށެވެ. މިއަށްފަހު އެދޯނީ މީހުންނަށް ހާޖީބަންޑާރައިންގެ ޚަބަރެއް ނުވެއެވެ. އެމީހުން މުޅިފަންގެ ނެގިއިރު ހާޖީބަންޑާރައިންނެއް ނެތެވެ. އޭގެ ދެތިންދުވަސް ފަހުން އިންސާނެއްގެ ފަޔެއް ހުޅުދެލީ ދެކުނުފަރާތަށް ލައްގައިފިއެވެ. އެއީ ހާޖީބަންޑާރައިންގެ "ފަޔެއް" ކަމަށްވެއެވެ. ދެން ހުޅުދެލީ މީހުން އެދިމާލުން އެއްގަމުގައި އެގުނަވަން ވަޅުލައި ޒިޔާރަތެއް އަރުވައިފިއެވެ. ހުޅުދެލީގައި ހާޖީބަންޑާރައިންގެ ޒިޔާރަތް ހުންނަނީ މިގޮތުންނެވެ.

ތަންކޮޅެއް ކުރިން މިޒިޔާރަތް ހުރީ ގޮނޑުދޮށަށްވުރެ ތިންސަތޭކައެއްހައި ފޫޓު އެއްގަމުގައެވެ. މިހާރު ޒިޔާރަތް ހުންނަނީ ދާދިފަހަކުން އިމާރާތްކުރި ހުކުރުމިސްކިތު ގޯތީގެ އިރުދެކުނު ކަނުގައެވެ. އައު ހުކުރުމިސްކިތް އިމާރާތްކުރުމުގެ ކުރީން މި ޒިޔާރަތުގެ ވަށައިގެން ފާރު ރާނައިފައިވެއެވެ. އައު މިސްކިތް އިމާރާތްކޮށް ވަށައިފާރުލީއިރު ހަރިންމައިގެ އެތެރެއަށް ޒިޔާރަތް ވާނޭހެން ޒިޔާރަތުގެ ފާރުވަނީ ތަޅާލައިފައެވެ. ޒިޔާރަތް ހުންނަނީ ހަތަރުފޫޓެއްހާ އުސްމިނަށް ރާނައި އުވަޖަހައިފައެވެ. އޭގެމަތީގައި އިހުގެ ފާޑަށް ލަކުޑި ގިއުގަނޑެއް ހަދައިފައިވެއެވެ. ބެރިއަޅައި ފުރާޅު ހަދާފައިވަނީ އޭގެމަތީގައެވެ. މިއިމާރާތް ހެދި ދުވަސްވަރެއް އެނގޭމީހަކު ނެތެވެ. ޒިޔާރަތުގެ އެތެރޭގައި މަހާނަ ހުންނަގޮތަށް ބިސްތާނައެއް ހުރެއެވެ. ނަމަވެސް ދެކޮޅުގައި މަހާނަގާ ޖަހައިފައެއް ނުވެއެވެ.

ހާޖީބަންޑާރައިންގެ ގަބުރާބެހޭގޮތުން އަދި އެހެން ރިވާއެއްވެސް އޮވެއެވެ. ވާދޫކަނޑު ތެރޭން ހުޅުދެލީ ދޯނި ހާޖީބަންޑާރައިންނާ ދިމާވެގެން އެރަދުން ނަގައިގެން ހުޅުދެއްޔަށް ގެންދިޔަ މަގުމަތީގައި އަވަހާރަވީއެވެ. ދެން ފަސްދާނުލައި ޒިޔާރަތެއް އެރުވީއެވެ. އެއްފަޔޭ މަގާމެކޭ ބުނެވޭ ބުނުންތަކުގެ އަސްލަކީ އައު ރަސްގެފާނަށް ހަގީގަތް ސިއްރުކުރުމެވެ. ހާޖީބަންޑާރައިން ހުޅުދެއްޔަށް ގެންދިޔަ ވާހަކައާއި އެރަށުގައި ފަސްދާނުލައި ޒިޔާރަތް އެރުވިވާހަކަ ހާމަކުރިނަމަ، ލަޝްކަރެއް ފޮނުވައިގެން ގަބުރު ނެގުން ގާތެވެ. އެހެންވީމާ ސިއްރުކުރީއެވެ. ހާޖީބަންޑާރައިން ކަނޑުފެއްތީވެސް ގަނޑުވަރުތެރޭން ލަޝްކަރެއް ފޮނުވައިގެންނެވެ. ވިލިގިލީ މަސްވެރީންނަށްވެސް ނަގާން ނުކެރުނީ އެހެންވެއެވެ. އޭރު އޮތީ އެކަހަލަ މާހައުލެކެވެ.

މަތީގައި ބަޔާންކޮށްދެވުނީ މިކަމާގުޅޭގޮތުން ބައެއް މުއައްރިޚުން ތަބާވެވަޑައިގަންނަވާ ރިވާއެކެވެ. ދިވެހި ތާރީޚާއި އާއިލީ މައުލޫމާތަށް މުއްސަނދި ފުވައްމުލަކު ވިދުވަރުގޭ މަރުހޫމް އަލިދީދީ އަދި އެހެން ރިވާއެއްވެސް ގެންގުޅުއްވިއެވެ. އޭނާ ވިދާޅުވިއެވެ. ކަނޑުފައްތައި ޝަހީދުކުރީއެއް ނޫނެވެ. ހައްޖުގެ ދަތުރުފުޅަށްފަހު ހާޖީބަންޑާރައިން ރާއްޖެއަށް ވަޑައިގަތުމުން އެ ބަންޑާރައިން ހުންނެވި ނަވުން މާލޭ ރަންޖެހި ގަނޑުވަރަށް ބޭލުމަށްފަހު ސިއްރިޔާތުގައި ރަސްކަމުގެ ގަނޑުވަރަށް ގެންގޮސް ޝަހީދުކޮށް ބޮޑު ޖާޑީއަކަށް ލައި އެތާގެ ބިމެއްގައި ވަޅުލީއެވެ. ފަހުން ހުޅުދެއްޔަށް ގެންދިޔަކަމަށްވަންޏާ ގެންދިޔައީ އެޖާޑިއެވެ. މިވާހަކަ އަލިދީދީ ގާތުގައި މާލޭގެ ދެ ބޭފުޅަކު ވިދާޅުވިއެވެ. މިއީ ދިވެހި ތާރީޚާއި އިލްމުވެރިކަމަށް ވަރަށް މަޝްހޫރު އިއްޒަތްތެރި ދެ ބޭފުޅެކެވެ. ކުރީގެ ވަޒީރުންނެވެ.