ސަރުކާރުގެ ނޫ އިގްތިސޯދީ ސިޔާސަތުގެ ދަށުން 200 މަސްދޯންޏެއްގައި ލޯނު އުސޫލުން ފެން ފިނިކުރާ ނިޒާމު ހަރުކުރަން ނިންމައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ، މަސްވެރިކަމުގެ މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ، މަސްވެރިކަމުން ލިބޭ ފައިދާ އިތުރުކުރުމަށް އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިއެސްޑީބީ)އާއިއެކު ރާއްޖެއިން ވަނީ ޕްރޮޖެކެއްޓައި ސޮއިކޮށްފައި ކަމަށެވެ. އެ ޕްރޮޖެކްޓުގެ ދަށުން މަސްދޯނިތަކުގައި ރެފްރިޖެރޭޓަޑް ސީ-ވޯޓާ (އާރްއެސްޑަބްލިޔު) ސިސްޓަމް ނުވަތަ ވަތުގައި ފެންފިނިކުރާ ނިޒާމް އަދި ސޯލާ ޕަވާ ސިސްޓަމް ގާއިމުކުރުމަށް ބޭނުންވާ ފައިސާ ފޯރުކޮށްދޭނެ ކަމަށެވެ.
އެ ފައިސާ ހަމަޖެހިގެންދާނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭސިން ކޯޕަރޭޝަން (އެސްޑީއެފްސީ)ން ހުޅުވާލާ ފައިނޭންސިން ސްކީމް މެދުވެރިކޮށްކަމަށް ފިޝަރީޒްއިން ބުންޏެވެ.
"މި ޕްރޮޖެކްޓުގެ ދަށުން ދެ ފިޔަވައްސަކަށް ބަހާލައިގެން ޖުމުލަ 200 މަސްވެރި އުޅަނދުތަކުގައި މިސިސްޓަމް ހަރުކުރުމަށް ރާވާފައިވެއެވެ. ފުރަތަމަ ފިޔަވަހީގައި 100 މަސްވެރި އުޅަނދު އާރްއެސްޑަބްލިޔު ސިސްޓަމާއި ސޯލާ ޕަވާ ސިސްޓަމް ހަރުކުރެވިގެންދާނެއެވެ. މި ފިޔަވަހި ކުރިއަށް ދާނީ 2022 އަދި 2023 ގައެވެ" ފިޝަރީޒުން ބުންޏެވެ.
- މަސްވެރިކަން ކުރުމުގެ ލައިސެންސް އޮތް މަސްދޯންޏަކަށް ވުން.
- އުޅަނދު މިހާރު ވެސް ބޭނުންކުރަނީ މަސްވެރިކަމަށް ކަމުގައި ވުން.
- 50 ފޫޓަށް ވުރެ ދިގު އުޅަނދަކަށް ވުމާއި މަދުވެގެން 15 ޓަނުގެ މަސް ރައްކާކުރެވޭ ދޯންޏަކަށް ވުން
- އާރްއެސްޑަބްލިޔު ސިސްޓަމް ހަރުކުރުމަށް ބޭނުންވާ ޖާގަ ހުރި އުޅަނދަކަށް ވުން.
- ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުން އެއްވެސް ލޯނެއް ކުރިން ނަގާފައިވާ ނަމަ އެ ފެސިލިޓީއަކަށް ވާ ފައިސާ އަނބުރާ ދައްކަމުންދާ ގޮތާއި ދައްކާފައިވާ ގޮތަށް ރިއާޔަތްކުރެވޭނެ ކަމަށް ވެސް ބުންޏެވެ.
ފިޝަރީޒުން ބުނީ، ޕްރޮޖެކްޓުގެ ފުރަތަމަ މަރުހަލާގައި ލޯނަށް އެދޭއިރު ހުށަހަޅާ މައުލޫމާތާއި މިނިސްޓްރީގައި ރިކޯޑްކުރެވިފައިވާ މައުލޫމާތުގެ މައްޗަށް ބަލައި، އުޅަނދާ ބެހޭ މައުލޫމާތާއި އެ އުޅަނދަށް ބޭނުންވާ ސިސްޓަމްތައް ދެނެގަންނާނެ ކަމަށެވެ. ދެވަނަ މަރުހަލާއަށް ދަނީ ޓެކްނިކަލް ސްޕެސިފިކޭޝަނަށް ބެލުމަށް ފަހުގައި ކަމަށް ފިޝަރީޒްއިން ބުންޏެވެ.
ދެވަނަ މަރުހަލާގައި އެ އުޅަނދަކަށް ބޭނުންވާ ސިސްޓަމް، އެސްޑީއެފްސީގައި ލިސްޓުކޮށްފައިވާ ސަޕްލަޔަރުންގެ ލިސްޓުން ހިޔާރުކުރުމުގެ ފުރުސަތު ލޯނަށް ހުށަހަޅާ ފަރާތަށް ދެވޭނެ ކަމަށާއި އެ މަރުހަލާގައި ހިޔާރުކުރާ ސިސްޓަމަށް ބިނާކޮށް، ފައިނޭންސިން ފެސިލިޓީގެ އަގު ކަނޑައެޅޭނެ ކަމަށް ފިޝަރީޒުން ބުންޏެވެ. އެ ސިސްޓަމް ހަރުކޮށްދިނުމާއި ހިންގުމާ ގުޅޭގޮތުން ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް އެ މަރުހަލާގައި ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
ލޯނަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ އަންނަ މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 12:00 ގައި ކަމަށާއި ސުންގަޑި ހަމަވުމުގެ ކުރިން، ފޯމު ހުށަހަޅާ ތަރުތީބުން އެޕްލިކޭޝަންތައް ވަޒަންކޮށް، އެ އުޅަނދެއްގައި ސިސްޓަމް ހަރުކުރެވޭނެ ފައިސާ ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުންދާނެކަމަށް ފިޝަރީޒްއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު