ރާއްޖޭގައި ރީ-ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ހަމައެކަނި 100 ޕަސެންޓް ހިއްސާވާ ދިވެހި ކުންފުނިތަކަށް ދޫކުރާ ގޮތަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ގަވާއިދު ހެދީ ބްރޯޑްކޮމްގެ ނައިބު ރައީސް އަހުމަދު ގައިސް ރިޝްވަތު ނަންގަވައިގެން ކަމަށް ތުހުމަތުކޮށްފިއެވެ.
ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އާއި ގަވާއިދު ކޮމިޓީ ގުޅިގެން މިއަދު ވަނީ ބްރޯޑްކޮމްއިން ގަވާއިދަށް ގެނައި އިސްލާހުތައް ދިރާސާކުރުމުގެ މަސައްކަތް ކޮށްފައެވެ. އެ ކޮމިޓީ ބައްދަލުވުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ މެމްބަރެއް ކަމަށްވާ ވެލިދޫ ދާއިރާގެ މުހައްމަދު އަބްދުﷲ ޝަފީގް ވަނީ ގަވާއިދު ބަދަލުކުރަން ގައިސް ރިޝްވަތު ނެންގެވިކަމަށް ތުހުމަތު ކުރައްވައިފައެވެ.
ޝަފީގު އެ ތުހުމަތުތަކާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަން ފަށަނިކޮށް ކޮމިޓީގެ މެމްބަރުން ވަނީ ގައިސްއަށް ކުރެއްވި ތުހުމަތާ ގުޅިގެން ޝަފީގަށް ރައްދު ދެއްވައިފައެވެ.
އެގޮތުން ތިނަދޫ ދާއިރާގެ މެމްބަރު އަހުމަދު ސަނީފު ވަނީ "ތިގޮތަށް ވާހަކަ ނުދެއްކޭނެ" ކަމަށް ވިދާޅުވެ، ޝަފީގަށް ރައްދުދެއްވައިފައެވެ. ނަމަވެސް ޝަފީގު ވަނީ ގައިސް ރިޝްވަތު ނެންގެވިކަމުގެ މައުލޫމާތު ބްރޯޑްކޮމް ތެރެއިން އޭނާއަށް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.
ކޮމިޓީގެ ބައެއް މެމްބަރުން ބްރޯޑްކޮމް ދިފާއުކުރަން މަސައްކަތް ކުރައްވާތީ އެ ކޮމިޓީ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.
މެމްބަރުން އަޑުގަދަކޮށް އެއް މެމްބަރަކު އަނެއް މެމްބަރަށް ރައްދުދެއްއްވަން ފެށްޓެވުމުން ބައްދަލުވުމުގެ މުގައްރިރަކަށް ހުންނެވި މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ މެމްބަރުންގެ މައިކު ނިއްވާލައްވައިފައެވެ. އަދި ވަނީ އަސާސެއް ނެތް ތުހުމަތުތައް ނުކުރެއްވުމަށް އެދިވަޑައިގެން ކޮމިޓީގެ ލައިވްފީޑް ކަނޑާލައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު