އައިޖީއެމްއެޗުގައި މަސައްކަތް ކުރި ޕިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރުވި ދުވަހު އޭނާގެ ފިރިމީހާ މާވިން އެސްވައިގެ ކަނާއަތުގެ ކޮނޑާ ދިމާލުން މީހަކު ވަކި އަޅައި ދަމާފައި ހުރި ނިޝާނެއް ފެނުނު ކަމަށް ހެކިވެރިން ބުނެފިއެވެ.

މޭރީ ދަންޖެހިގެން މަރުވި ކަމަށް މާވިން ރިޕޯޓްކުރީ 19 އޮކްޓޯބަރު 2021 ގައެވެ. މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީވެސް އޭނާއެވެ. ނަމަވެސް މޭރީ މަރުވުމުގެ ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން ފުލުހުން އެ މައްސަލަ ތަހުގީގުކުރަން ފެށިއެވެ.

މޭރީގެ މަރުގެ މައްސަލައިގައި ދައުވާ ކޮށްފައިވަނީ މާވިން އާއި އޭނާގެ ދިވެހި ލޯބިވެރިޔާ ޅ. ހިންނަވަރު/ މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްޗަށެވެ. މާވިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. ލަމްހާގެ މައްޗަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އުފުލައިފައެވެ.

މޭރީގެ މަރަށް ދެ ދުވަސް ފަހުން މާވިން ހައްޔަރުކުރި އިރު، ލަމްހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާ އުފުލައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވީ މިދިޔަ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

މި މައްސަލައިގައި މިއަދު ވަނީ ދައުލަތުގެ ހަތަރު ހެކިންގެ ހެކިބަސް ނަގައިފައެވެ.

ކުރިމިނަލް ކޯޓުގައި ހެކިބަސް ދެމުން މާވިން އާއި ލަމްހާއާ އެކު އައިޖީއެމްއެޗުގެ އީއާރްގައި މަސައްކަތް ކުރި ނަރުސް މައުނާ އަހުމަދު ބުނީ މޭރީ މަރުވި ދުވަހު މާވިންގެ ކަނާއަތުގެ ކޮނޑާ ދިމާލުން މީހަކު ވަކި އަޅައި ދަމާފައި ހުރި ނިޝާނެއް ފެނުނު ކަމަށެވެ.

"މޭރީ ބާއްވާފައި އޮތް އެމަޖެންސީ ރޫމް ކައިރިއަށް އިތުރު ބަޔަކާއެކު ދިޔައިރު، އެ ތަނުގެ ކައިރިން މާވިން ފެނުނު. މާވިން އެގަޑީގައި މަތިން ލައިގެން ހުރީ ކޮނޑުކެނޑިއެއް. ކަނާއަތުގެ ކޮނޑާ ދިމާލުން މީހަކު ވަކި އަޅައި ދަމާފައި ހުރި ނިޝާނެއް ފެނުނު،" މައުނާ ބުންޏެވެ.

އެ ދެމީހުންނާއެކު މަސައްކަތް ކުރި އައިޖީއެމްއެޗްގެ އިތުރު ނަރުހެއް ކަމަށްވާ ޝަރަފިއްޔާ އިބްރާހިމް ބުނީ، މޭރީގެ މަރުގެ ހަބަރު ލިބުމުން ފުރަތަމަވެސް ގުޅީ ލަމްހާއަށް ކަމަށެވެ. އަދި ލަމްހާ އެމަޖެންސީ ރޫމުން ނުކުތުމުން ލަމްހާއާ ވަކިން ބައްދަލުކޮށްފައިވާ ކަމަށް ބުންޏެވެ.

"ލަމްހާ އެ ގަޑީ ހުރީ ވަރަށް ބޮޑަށް ޕެނިކް ވެފަ. ލަމްހާ ބުނީ ތިމަންނައާ ހެދިއޭ މިހެން މިވީ،" ޝަރަފިއްޔާ ބުންޏެވެ.

މާވިންގެ މަންމަ، މާރްވިކާ އެއް އޮފީހެއްގައި މަސައްކަތް ކުރާ މީހެއް ކަމަށްވާ، އައިޝަތު ފަޒްލާ ފަޒީލް ހެކިބަސް ދެމުން ބުނީ މޭރީ ދަންޖެހުނު ހަބަރު ލިބުމުން މާރްވިކާ އެކީ ސީންއަށް ދިޔަ ކަމަށާއި އޭރު މާވިން އިނީ މޭރީއަށް ސީޕީއާރް ދޭން ކަމަށެވެ. އަދި މޭރީ ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސަށް އެރުވި ފަހުން، މޭރީ އޮތް ކޮޓަރީގެ ކުޑަ ދޮރުތައް ލައްޕާލައި ދިނުމަށް މާރްވިކް އެދުނު ކަމަށާއި އެ ކޮޓަރިއަށް ދިޔައިރު ކޮޓަރީގެ ކުޑަދޮރުގައި ފޮތުގަނޑެއް އައްސާފައި ހުރި ކަމަށެވެ.

މޭރީ ދަންޖެހުނު ކަމަށް ރިޕޯޓް ކުރުމުން އެމްބިއުލައިންސްގައި ދިޔަ ނަރުސް ކުއްޖާގެ ހެކިބަސް ވެސް މިއަދު ނަގާފައިވެއެވެ. އޭނާ ބުނީ މޭރީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ވެސް ސީޕީއާރް ދިން ނަމަވެސް އެއްވެސް ހަރަކާތެއް ހަށިގަނޑުގައި ނެތް ކަމަށެވެ.

މި މައްސަލައިގައި އިތުރު އަޑުއެހުންތައް ދެން އޮންނާނީ އަންނަ މަހުގެ 25 ވަނަ ދުވަހުއެވެ.