ދިވެހިރާއްޖޭގެ ތާރީޚު

މިއަދުގެ އިސްލާމީ ދުނިޔެއާއި އިސްލާމްދީނުގެ ސިޔާސީ ނިޒާމު - 17

އަބްދުﷲ ފާރޫގް ހަސަން

(7 ނޮވެމްބަރުގެ އަދަދާ ގުޅޭ)

ޢަރަބި ޤައުމުތަކުގެ ވެރީން އެބޭފުޅުންގެ ޤައުމުތައް ހައްދަވައިފައިވަނީ މުދާގަތުން ފިޔަވައި އެހެންގޮތެއް ނުދަންނަ ޞާރިފުންގެ ޤައުމުތަކަކަށެވެ. އިސްލާމީ ޤައުމުތަކުގެ ވެރީންގެ ނުރަނގަޅު ސިޔާސަތުގެ ސަބަބުން މުސްލިމުން ހައްތާވެސްދަނީ ބިކަވަމުންނެވެ. ބަލިކަށިވަމުންނެވެ. ބަލިބުރަވަމުންނެވެ. ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ހައްތާވެސް ނުކުޅެދުމުންނެވެ. އިސްއޮބެމުންނެވެ.

އިސްލާމީ ދުނިޔޭގެ ސަރުކާރުތައް ކިރާނެ އިސްލާމީ މިންގަނޑެއް

އިސްލާމްދީނަކީ ހުސްއެކަނި އަޅުކަމުގެ ނަމެއް ނޫނެވެ. އިސްލާމްދީނަކީ ޢިބާދާތެކެވެ. ރިޔާސަތެކެވެ. ރިޔާސަތެއްގައި ސަރުކާރު ހިންގުމުގެ ނިޒާމެއްވެސް އޮންނާންޖެހެއެވެ. ހަމައެއާއެކު އިސްލާމްވަންތަކަން ދިފާޢުކޮށް ޙިމާޔަތްކުރުމަށްޓަކައި ޢަސްކަރީ ބާރަކަށްވެސް ބޭނުންވެއެވެ. ޖިހާދުކުރާންޖެހޭ ޙާލަތްތަކުގައި އެއީވެސް އުންމަތުގެ ބޭނުމެކެވެ. ވާޖިބެކެވެ. އިސްލާމްގެ މަޤްޞަދަށް ބަލާއިރު އެއީ ޢިބާދާތާއި އަޚްލާޤިއްޔާތުގެވެސް ނިޒާމެކެވެ.

އިސްލާމީ ޤައުމެއްގެ ނުވަތަ ދައުލަތެއްގެ ޖައުހަރުގައި އެކުލެވޭ ރަނާއި ގިރިޓީ ވަކިކުރުމަށްޓަކައި ނުވަތަ ރަނގަޅާއި ނުބައި ދެނެގަނެ އެއީ އިތުބާރުހުރި މިންއެޅުމެއްކަން ޔަޤީންކުރުމަށްޓަކައި ތުޅުދަނޑިއެއް ނުވަތަ ތަރާދެއް ނުވަތަ ފޫޓުފީތާއެއް ތައްޔާރުކުރެވިދާނެއެވެ. ކަންތައްތަކެއް ލިސްޓުކޮށްލެވިދާނެއެވެ. އިސްލާމީ ޤައުމެއް އެމިންގަނޑަށް ފެތޭނިސްބަތަކީ އެޤައުމެއް ނުވަތަ ދައުލަތެއްގެ އިސްލާމްވަންތަކަން ހުރިވަރެއްކަމުގައި ކަނޑައެޅިދާނެއެވެ. އެމިންގަނޑަށް ނުފެތޭކަމުގައިވާނަމަ ނުފެތޭވަރަކީ އެދައުލަތެއް އިސްލާމީ ނިޒާމާ ދުރުކަންހުރި ވަރުކަމުގައި ބުނެވިދާނެއެވެ.

1. ބޭނުންވާ މީޢާރަކީ ޚިލާފަތުގެ ނިޒާމެވެ. ޙަޤީޤީ އިސްލާމީ ދައުލަތެއް އުފެއްދުމެވެ. ޚަލީފާއަކީ ޢަރަބި ލަފުޒެކެވެ. އެލަފުޒުގެ މާނައަކީ ނާއިބެވެ. އެހެންކަމުން ޤައުމުތަކުގެ ވެރީން ވެވަޑައިގަންނަވާންޖެހޭ ޙާކިމް އަޢުލާގެ (މާތް اللّــه سبحـانــه وتـعــالــى ގެ) ނާއިބުން ނުވަތަ ޚަލީފާއިން ކަމުގައެވެ. މާނައަކީ ވެރީންނަކީ މާތް اللّــه ގެ ޙުކުމްފުޅުތައް ތަންފީޒުކުރައްވާން ޖެހިވަޑައިގަންނަވާ ބައެކެވެ. ޚަލީފާއެއްގެ މަސައްކަތްޕުޅަކީ އޭނާއާ ޙަވާލުކުރެވިފައިވާ އިޚްތިޔާރުތަކުގެ ބޭނުންފުޅު ކުރެއްވުމެވެ. މާނައަކީ، ޤައުމުތަކުގެ ވެރީންނަކީ ޙަޤީޤީ ޙާކިމުންނެއް ނޫނެވެ. އަމިއްލަ އިޚްތިޔާރު ލިބިވަޑައިގެން ތިއްބަވާ ބޭފުޅުންނެއް ނޫނެވެ. އެންމެމަތީ ވެރިޔާގެ އަމުރުފުޅު ހިންގަވައިދެއްވާ ފަރާތްތަކެކެވެ. އަރަހުށި މާތް اللّــه ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.

އީމާންވެ ޞާލިޙު ޢަމަލުތައް ކޮށްއުޅުނު މީހުންނަށް، އެއުރެންގެކުރީން އުޅުނުމީހުން ޚަލީފާވެރިކުރެއްވި ފަދައިން، ހަމަކަށަވަރުން، އެއުރެން ބިމުގައި ޚަލީފާވެރިކުރައްވާނެ ކަމުގައި ....... اللّــه ވަޢުދުކުރައްވައިފައިވެއެވެ. (الـنّـــور: 55)

މިމާތް އާޔަތުގެ މަފްހޫމުން އެންމެ ޚާއްޞަގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލާ ނުކުތާއަކީ އަރަހުށި މާތް اللّــه سبحـانــه وتـعــالــى ޚަލީފާވެރިކޮށްދެއްވުމުގެ ވަޢުދު ކުރައްވައިފައިވަނީ ވަކިފަރުދަކު ނޫންކަމެވެ. ވަކި ޝަޚްޞިއްޔަތެއްވެސް ނޫންކަމެވެ. ޚިލާފާތުގެ ވަޢުދު ކުރައްވައިފައިވަނީ އީމާންވެ ޞާލިޙު ޢަމަލުކޮށްއުޅުނު އެންމެންނަށްކަމެވެ. އެއިން އެނގެނީ، ޚަލީފާއަކީ ހަމައެކަނި ވެރިކަމާ ހަވާލުވެހުރި ޙާކިމު އެކަންޏެއް ނޫންކަމެވެ. އިލާހީ ޙުކުމްފުޅުތައް ތަންފީޒުކުރުމުގައި އެންމެހައި ޚަލީފާއިން (އީމާންކަމުގެ އަހްލުވެރީންނާއި ޞާލިޙު ޢަމަލުތަކުގެ އެންމެހައި ޢާމިލުން) ތަމްސީލުކުރެވޭން ޖެހޭކަމެވެ. ޙާކިމަކާ ޙުކޫމަތު ޙަވާލުކުރެވޭނީ ޚަލީފާއިންގެ ތެރެއިން މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންގެ މެދުގައި މަޝްވަރާ ކުރެވިގެންނެވެ. އެބައިމީހުންގެ މަންދޫބަކު ޙާކިމަކަށް ހޮވުމުން އެމީހަކީ ޚަލީފާއެވެ. އާދެ، ޚަލީފާއަކީ އީމާންކަމުގެ އަހްލުވެރީންގެ އެންމެންނެވެ. ވަކިމީހަކު ޚާއްޞަކުރެވެނީ ޒިންމާ އުފުލާ މީހާ ވަކިވެ އެނގިފާހަގަކުރެވުމަށްޓަކައެވެ. އިންތިޒާމީ ކަންކަމަކީ އެންމެން އެއްފަހަރާ އަތްބާނައިގެން ކުރެވޭޒާތުގެ ކަމަކަށް ނުވާތީއެވެ.

މިއާޔަތުން އެނގޭ އަނެއްކަމަކީ މާތް اللّــه ދެއްވާ ޚަލީފާކަމަކީ ވަކިމީހެއްގެ ނުވަތަ ވަކި ޚާންދާނެއްގެ މިލްކެއްގެ ގޮތުގައި ސިލްސިލާކުރަމުން ގެންދަން އެފަރާތަށް ދޫކޮށްލެވޭނެކަމެއް ނޫންކަމެވެ. އެހެންކަމުން ވެރިކަމަކީ ވަކި ޢާއިލާއެއްގެ ޚާންދާނީ ވާރުތައެއްކަމުގައި ހަދައިލެވިއްޖެ ކަމުގައިވާނަމަ އެވެރިކަމަކީ ބޭނުވެފައިވާ މީޢާރީ މިންގަނޑުން ކަސިޔާރުވެފައިވާ ވެރިކަމެކެވެ. އެއީ އިސްލާމީ ވެރިކަމެއް ނޫނެވެ.

2. ދެވަނަ ކަމަކަށް ބޭނުންވަނީ އީމާންކަމާއި ޞާލިޙު ޢަމަލުގެގޮތުން މަތީފެންވަރުގެ އަދި އެބަޔެއްގެ މައްޗަށް ނަޒަރު ހުއްޓޭފަދަ މީހުންގެ ތެރެއިން ބަޔަކު އެފަދަ މީހަކު ވެރިކަމަށް ނުވަތަ ޚަލީފާކަމަށް ހޮވުމެވެ. އަމީރަކު ހޮވުމުގެ މި އިންތިޚާބު ކުރިޔަށްގެންދާންވާނީ އީމާންކަމުގެ އަހްލުވެރީންގެ މަޝްވަރާގެ މަތީންނެވެ. ކީރިތި ޤުރްއާނުގެ އިރުޝާދުގައިވާ ފަދައިންނެވެ.

"އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައިވަނީ މަޝްވަރާގެ މަތީންނެވެ." (الشّـــورى: 38)

މިއާޔަތުގައިވާ ފަދައިން މުސްލިމުންގެ އަމާރަތެއް އުފެދޭންވާނީވެސް ޝޫރާގެ މަތީންނެވެ. އަމީރު ކަންތައްތައް ނިންމަވަމުން ގެންދަވާންވާނީވެސް މަޝްވަރާގެ މަތީންނެވެ. މާނައަކީ އިސްލާމީ ޙުކޫމަތެއްގައި ޑިކްޓޭޓަރޝިޕަކަށްވެސް ނަސްލީ ރަސްކަމަކަށްވެސް ކުޑަވެސް ޖާގައެއްނެތެވެ.

3. އިސްލާމްދީނުގައި އަމީރެއްގެ ނުވަތަ خـلـيفـــة އެއްގެ ޙައިސިއްޔަތަކީ އީމާންކަމުގެ އަހްލުވެރީންގެ ސަރުކާރުގައި ޝަރީޢަތުގެ ޙުކުމްތައް ތަންފީޒުކުރެއްވުމަށާއި އިޖްތިމާޢީ މުޢާމަލާތްތައް ހިންގަވަން ޙަވާލުކޮށްފައިހުންނަ ފަރާތެއްގެ ޙައިސިއްޔަތެވެ. އެބޭފުޅަކީ خـلـيفـــة އެވެ. އަމާނަތަކާ ޙަވާލުވެހުންނެވި އަމީނެވެ.

"ހަމަކަށަވަރުން، އަމާނަތްތައް އޭގެ އަހްލުވެރީންނަށް އަދާކުރުމަށް، اللّــه ތިޔަބައިމީހުންނަށް އަމުރުކުރައްވަތެވެ." (الـنّسـاء: 58)
އަމީރު ނުވަތަ ޚަލީފާއަކު ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވަނީ ތަޤްވާގެ މައިދާނުގައިވެސް ކުރިޔަށް އަރައިވަޑައިގެން ހުންނެވި ބޭފުޅަކު ކަމުގައެވެ.
"ހަމަކަށަވަރުން اللّــه ގެ ޙަޟުރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ." (الحـجــــــرات: 13)

އަމީރު ނުވަތަ ޚަލީފާއެއްގެ ވާޖިބަކީ ދައުލަތުގައި ޢިބާދާތާއި ރޫޙާނިއްޔަތާއި ހެޔޮކަން ދިރުއްވައި އާލާކުރައްވައި ކުރިއެރުއްވެވުމެވެ. ލަދުހުތުރު ކަންކަން ފޮއްސަވައި ނައްތައިލެއްވުމެވެ.

"އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ." (الحـــجّ: 41)


އިސްލާމީ ޤައުމުތަކުގެ ވެރީން ދުނިޔޭގައި އިސްލާމީ ދަޢުވަތު ފަތުރުއްވާން ޖެހިވަޑައިގަންނަވައެވެ. ޚާއްޞަކޮށް ޣައިރު މުސްލިމު ވެރީންނަށް ދީނަށް ގޮވައިލެއްވުމަކީ އިސްލާމީ ވެރީންގެ ޒިންމާއެކެވެ. ވާޖިބެކެވެ. ހަމައެފަދައިން ޤައުމުގައި ޚިޔާލު ފާޅުކުރުމުގެ ޙައްޤަށް އިޙްތިރާމްކުރައްވަން އެބޭފުޅުންނަށް ޖެހިވަޑައިގަންނަވައެވެ. ޤައުމުގެ ވެރީންނަކީ ދީންވެރި ހެޔޮލަފާ ބޭފުޅުންކަމުގައިވިޔަސް އެބޭފުޅުންނަކީވެސް ތަންޤީދުނުކުރެވޭވަރުގެ މަތީހަރުފަތެއްގައި ތިއްބަވާ ބޭފުޅުންނެއް ނޫނެވެ. އާދެ މިއީ ވެރީން އިމްތިޙާން ކުރުމުގައި މިންއެޅޭ ތިންވަނަ މިންގަނޑެވެ. الخــلافـــة الـــرّاشــــدة ގައި އުންމަތުގެ އެންމެ އާދައިގެ މީހާއަށްވެސް خـلـيفـــة އަށް ފާޑުކިޔުމުގެ މިނިވަންކަން އޮވެއެވެ. އޭނާއަށް خـلـيفـــة ގެ ކުރިފުޅުމަތީގައި ބަސްބުނެވިދާނެއެވެ. خـلـيفـــة އާ ދިމާޔަށް އަޑުލެވިދާނެއެވެ. އެހެނީ ވެރީންނަށް ތަންޤީދުކުރުމާއި ވެރީން ކުރައްވާ ކަންކަމަށް އިޢުތިރާޟު ކުރުމުގެ މިނިވަންކަން ނޯންނަ ސަރުކާރަކީ ބޭނުންވެފައިވާ މިންހަމަނުވާ ސަރުކާރެކެވެ. "ފޫޓުހަމަނުވާ" ސަރުކާރެކެވެ. އެހައިސިއްޔަތުން އިސްލާމީ ސަރުކާރެއްކަމުގައި ނުހިމެނޭ ސަރުކާރެކެވެ. އެ ސަރުކާރުގެ ވެރީންނަކީ އަމީރުންގެ ނުވަތަ ޙާކިމުންގެ ޙައިސިއްޔަތުން އެބޭފުޅުންނަށް ކިޔަވާންޖެހޭ ބޭފުޅުން ކަމުގައިވިޔަސް އެބޭފުޅުންނަށް ފާޑުކިޔުމަކީ ހުއްދަކަމެކެވެ.

4. ހަތަރުވަނަ މިންގަނޑަކީ، ސަރުކާރުގެ ހުރިހައިކަމެއްވެސް ޢަދުލުއިންޞާފުގެ މައްޗަށް ބިނާވެފައި އޮތުމެވެ. އެޤައުމެއްގެ ފަނޑިޔާރުގެ ނުވަތަ ނިޔާކަނޑައެޅުމުގެ ނިޒާމު ސަރުކާރުގެ ފިއްތުންތަކުން މިނިވަންވެފައި އޮތުމެވެ. ޤައުމުގެ އެންމެ ނިކަމެތި މީހާއަށްވެސް އޭނާ ބޭނުންވާހިނދު ޤައުމުގެ ޙާކިމުގެ މައްޗަށްވެސް ދަޢުވާކުރުމުގެ ޙައްޤާއި ބާރު ލިބިފައިވުމެވެ. ("ހަމަކަށަވަރުން ޢަދުލުވެރިވުމަށާއި އިޙްސާންތެރިވުމަށް اللّــه އަމުރުކުރައްވަތެވެ.") ޙާކިމާ ދެކޮޅަށް ނިޔާކަނޑައެޅުމަކީ އިސްލާމީ ވެރިކަމެއްގައި ފަނޑިޔާރާއަށް އިޚްތިޔާރު ލިބިގެންވާ ކަމެކެވެ.

5. ފަސްވަނަ މިންގަނޑަކީ، މުސާވާތެވެ. އެންމެންގެ ހަމަހަމަކަމެވެ. ޚިލާފަތުގެ ނިޒާމެއްގައި އެންމެންނާމެދުވެސް ޢަމަލުކުރާންވާނީ އެއްގޮތަކަށެވެ. ފަންތިތަކަށް ބައިކުރުމެއް ނޯންނާނެއެވެ. މާތްކަމުގެ މިންގަނޑަކަށްވާނީ އެމީހެއްގެ ޤާބިލިއްޔަތެވެ. އެމީހެއްގެ ޒާތީ ސީރަތުގެ ރީތިކަމެވެ. ސުލޫކު ރަނގަޅުކަމާއި އުޅޭއުޅުމުގެ މާތްކަމެވެ. ހުރިހައި ރޮނގުރޮނގަކުން ކުރިއަރައިދިއުމުގައިވެސް އެންމެންނަށް އެއްވަރަކަށް ފުރުސަތު ދެވޭނެއެވެ. އިސްލާމީ ނިޒާމުގައި ޝެހެޒާދާއަކަށް ނުވަތަ ޝެހެޒާދީއަކަށް ވުމަކީ ވަޒީރުކަން ލިބުމުގެ ސަބަބެއް ނޫނެވެ. އަދި އެހެން މަޤާމެއްވެސް ލިބުމުގެ ޝަރުޠެއް ނޫނެވެ. ޢަރަބީންގެ މީހަކަށް ޢަޖަމީންގެ މީހެއްގެ މައްޗަކަށް ޢަޖަމީންގެ މީހަކު ޢަރަބީންގެ މީހެއްގެ މައްޗަކަށް މާތްކަމެއް ނުލިބޭނެއެވެ.

6. ހަވަނަ މިންގަނޑަކީ، އިސްލާމީ ޙުކުމްތައް ތަންފީޒުކުރުމެވެ. އިސްލާމީ ދައުލަތެއްގެ އެންމެ އިސްވާޖިބަކީ އެދައުލަތުގެ ސަރަޙައްދުގައި އިސްލާމްދީނުގެ ޙުކުމްތައް ފުރިހަމަޔަށް ހިންގުމެވެ. އިސްލާމީ ޤާނޫނުތައް ތަންފީޒުކުރުމެވެ. އެދައުލަތުގެ ސަރަޙައްދުން ބޭރަށް އިސްލާމީ ދަޢުވަތު ފޮނުވުމެވެ. އިސްލާމީ ސަރުކާރެއްގެ އެންމެ އަސާސީ މިންގަނޑަކީ މިއީއެވެ.

7. މުސްލިމުންގެ އަމީރު ނުވަތަ خـلـيفـــة އެބޭފުޅެއްގެ ޤައުމު އިޤްތިޞާދީގޮތުންނާއި ސައިންސީގޮތުންނާއި ޢަސްކަރީގޮތުންނާއި ފަންނިއްޔާތުގެ ދާއިރާއިން ކުރިއަރުއްވައި ވަރުގަދަކުރައްވާން ޖެހިވަޑައިގަންނަވާނެއެވެ. ޣައިރުއިސްލާމީ އެއްވެސް ބާރަކަށް އެދައުލަތާ ދިމާޔަށް އިސްއުފުލައި ބަލައިވެސް ނުލެވޭވަރަށެވެ. ދުނިޔޭގެ އެއްވެސް ކަންކޮޅެއްގައި އެއްވެސްބަޔަކަށް ކިތަންމެކުޑަ އިސްލާމީ ޤައުމަކަށްވެސް މުސްލިމުންގެ ކިތަންމެކުޑަ އާބާދީއަކަށްވެސް ޙަމަލަދޭން ހިތަށްވެސް އަރުވައިލަން ނުކެރޭވަރަށެވެ. އާދެ، މުސްލިމުން ބާރުގަދަކުރާންޖެހެނީ މާތް اللّــه ގެ ޢަދުއްވުންނާއި މުސްލިމުންގެ ޢަދުއްވުން ބިރުގަންނަ ވަރަށެވެ. ދުނިޔޭގެ އެއްވެސް ކަންކޮޅެއްގައި މުސްލިމު އާބާދީއަކަށް ބޭރުގެ ޙަމަލައަކާ ނުވަތަ ބޭރުބައެއްގެ އަނިޔާއާ ކުރިމަތިލާން ޖެހިއްޖެކަމުގައިވާނަމަ އެބަޔަކު ދިފާޢުކޮށްދިނުމަކީ އިސްލާމީ ޚިލާފަތެއް ޤާއިމުވެފައި އޮތްކަމުގައިވާނަމަ ޚިލާފަތުގެ ޒިންމާއެކެވެ. ޚިލާފަތެއް ޤާއިމުވެފައި ނެތްކަމުގައިވާނަމަ މުޅި އުންމަތުގެ ވާޖިބެކެވެ. މުސްލިމުންނަށް ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައިވެސް ޢިއްޒަތާއި ކަރާމާތާއި ޙުރުމަތާއެކު ދިރިއުޅެވޭނެ ގޮތުންނެވެ. އެހެންކަމުން އިސްލާމީ ޚިލާފަތުގެ ނިޒާމު އަލުން ޤާއިމުކުރުމަކީ އުންމަތުގެ މަޞްލަޙަތާ ނުހަނު ގުޅުންހުރި ކަމެކެވެ. ވަރަށް މުހިންމު ކަމެކެވެ. ނުހަނު ބޭނުންތެރި ކަމެކެވެ. حـكــيـــــم الأمّـــــة عـــلاّمـــــة إقـبـــال ވަނީ މިކަމަށް ވަރަށްބޮޑަށް ވަކާލާތު ކުރައްވައިފައެވެ. ވަރަށް މުހިންމު ކަމެކެވެ. ނުހަނު ބޭނުންތެރި ކަމެކެވެ. ހުޅަނގުގެ އިސްތިޢުމާރުންވަނީ އިސްލާމީ ޚިލާފަތުގެ ނިޒާމު އުވައިލުމުގައި ކާމިޔާބު ހޯދައި މުސްލިމުން ބަލަދުވެރިކަމުން މަޙްރޫމުކޮށްފައެވެ. އުންމަތް ޔަތީމުކޮށްފައެވެ. އިސްލާމީ އުންމަތުގެ ވެރީން މި މައްސަލައިގައި މަޝްވަރާ ކުރައްވަން ޖެހެއެވެ. ޤައުމިއްޔަތުގެ ޖަޒުބާތު ދޫކޮށްލާންޖެހެއެވެ. އިސްލާމީ އުންމަތުގެ އެންމެން އެބައެއްގެ ވަޒަނާއި ޤައުމާއި ނަސްލާއި ޚާންދާނު ނެގެހެއްޓުމުގެ ޖަޒުބާތު ދަމަހައްޓާކަމުގައިވާނަމަ އިސްލާމީ ޚިލާފަތު ޤާއިމުކުރުންވާނީ އުނދަގޫ ކަމަކަށެވެ. މުޝްކިލު ކަމަކަށެވެ.

(ނުނިމޭ)