ޚަބަރު

ނިރުފެހި ގެއަށް ހުޅުގަނޑު ފެތުރެން ނެގީ ދޮޅު މިނެޓު: ފުލުހުން

އަލީ ޔާމިން

މ. ނިރުފެހި ގޭގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ފުރަތަމަ ރޯވީ އެގޭގެ ތިރީގައި ހަދާފައިވާ ގަރާޖުގައި ކަމަށާއި މުޅި ގެއަށް ހުޅުގަނޑު ފެތުރެން ނެގީ ދޮޅު މިނެޓެއްހާއިރު ކަމަށް ފުލުހުން ބުނެފިއެވެ.

ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ދިހަ ބިދޭސީން މަރުވިއެވެ.

ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ މައުލޫމާތު ހިއްސާކުރުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި، ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތު އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ ނިރުފެހިގޭގައި އަލިފާން ރޯވީ ބުދަ ދުވަހުގެ ރޭ 12:26 ގައި ކަމަށެވެ.

"ކުރީންވެސް ބެލެވިފައިވާ ގޮތަށް، އަލިފާން ފުރަތަމަ ރޯވީ ގަރާޖުގައި ކަމަށް މި ބެލެވެނީ. އެއަށްފަހު ހުޅުގަނޑު މުޅި އިމާރާތަށް ފެތުރެން ނެގީ ދޮޅު މިނެޓް ދެ މިނެޓެއްހާއިރު،" ސާމިހް ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ އިމާރާތުގެ ތެރޭގައި 26 މީހަކު ތިބި ކަމަށާއި އޭގެ ތެރޭގައި ގަރާޖާއި މަތީ ދެ ފްލޯގައި ތިބި މީހުން ހިމެނޭ ކަަމަށްވެސް ސާމިހް ވިދާޅުވިއެވެ.

ސާމިހް ވިދާޅުވީ ނިރުފެހިގޭގެ ފުރަތަމަ ބުރީގައި ހަތަރު ކޮޓަރި އަދި ދެވަނަ ބުރީގައި އަށް ކޮޓަރި ހުރި ކަމަށާއި ކޮންމެ ތަނެއްވެސް ހުރީ ވަކީން ކެއްކޭ ގޮތަށް އިންތިޒާމު ހަމަޖައްސާފައި ކަމަށެވެ. އަދި ގަރާޖުގައި މަސައްކަތް ކުރާ މީހުން ނިދަން ތިރީގައިވެސް ކޮޓަރިއެއް ހަދާފައިވާ ކަމަށާއި އެ ތަނުގައި ފަސް މީހަކު ދިިރިއުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސާމިހް އިތުރަށް ވިދާޅުވީ، ނިރުފެހިގޭގެ ގަރާޖު ހިންގަމުން އައީ ހުއްދަ ނެތި ކަމަށެވެ.