ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދާ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުން އުޅުނީ ގޮވާތަކެތި ބޭނުންކޮށްގެން ގިނަ ބައެއް ފުރާނަ ދުއްވާލަން ކަމަށް ފުލުހުން ބުނެފިއެވެ.
ޓެރަރިޒަމާ ދެކޮޅަށް މާލެ އާއި އައްޑޫ ސިޓީ އަދި ކ. ގުރައިދޫގައި ފުލުހުންނާއި އެމްއެންޑީއެފުން ވަނީ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުންގެ ޓެރަރިޒަމް އެންޑް ވަޔަލަންޓް އެކްސްޓްރީމިޒަމް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް އުސްވަތު އަހުމަދު ވިދާޅުވީ، ހައްޔަރުކުރި 14 މީހުންނަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސްއާ ގުޅިގެން ރާއްޖޭގައި ގޮވާތަކެތި ބޭނުންކޮށްގެން ޓެރަރިޒަމްގެ ހަމަލާއެއްދީ ގިނަ ބައެއްގެ ފުރާނަ ދުއްވާލަން މަސައްކަތް ކުރި ބައެއް ކަމަށެވެ.
މި މައްސަލައިގައި އައްޑޫން ދިހަ މީހުން ހައްޔަރުކޮށް 11 ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި މާލެއިން ދެ މީހުން ހައްޔަރުކޮށް ހަތަރު ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ގުރައިދޫން ދެ މީހުން ހައްޔަރުކުރި ކަމަށް އުސްވަތު ވިދާޅުވިއެވެ.
"ބަލައިފާސްކުރި ތަންތަނުން މައްސަލައާ ގުޅޭ ބައެއް ތަކެތި ފެނިފައިވޭ. އެތަކެތި ތަހުލީލުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ" އުސްވަތު ވިދާޅުވިއެވެ.
އުސްވަތު ވިދާޅުވީ، ބަލައިފާސްކުރި ތަންތަނުން ފެނުނު ތަކެތީގެ ތެރޭގައި ގޮވާތަކެތި ކަމަށް ބެލެވޭ ތަކެތިވެސް ހިމެނޭ ކަމަށެވެ. ނަމަވެސް އެހަމަލާ ދޭން އުޅުނީ ކޮން ތަނެއްގައި ކަމެއް ވިދާޅެއް ނުވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ނުވަ މީހުންނަކީ ޓެރަރިޒަމްގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮތް މީހުން ކަމަަށްވެސް އުސްވަތު ވިދާޅުވިއެވެ. އަދި އެ އެންމެންނަކީވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުން ކަމަށް ވިދާޅުވިއެވެ.