ކްލަބު ކެރިއަރުގެ 20 އަހަރު ހޭދަކުރީ އޭސީ މިލާން ޖާޒީގައެވެ. ޔޫތު ކެރިއަރުވެސް ހޭދަކުރީ އެ ކްލަބުގައެވެ. 1977 ވަނަ އަހަރުން 1997 ވަނަ އަހަރާ ހަމައަށް އޭސީ މިލާނަށް 500އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ޑިފެންޑަރު ފްރޭންކޯ ބަރޭސީއަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ ކުޅަދާނަ އެއް ޑިފެންޑަރެވެ. ފްރޭންކޯގެ ކެރިއަރުގެ ޝަރަފު ރަމްޒުކޮށްދޭ އެއް ހެއްކަކީ އޭނާގެ ރަސްމީ ޖާޒީ ނަންބަރު، 6 ނަންބަރު މިލާނުން ރިޓަޔާ ކޮށްފައިވުމެވެ. އިޓަލީއާއެކު ވޯލްޑް ކަޕްގެ އެތައް ހަނދާންތަކެއް ގެނެސްދިން ފްރޭންކޯއަކީ، އުމުރުން 62ގައި މިހާރުވެސް މިލާންގެ ޒުވާން ޓީމުތަކަށް ކޯޗުކޮށްދޭ ހިދުމަތްތެރިއެކެވެ.

ފްރޭންކޯއަށް ފުޓުބޯޅައަކީ އާއިލީ ކަމެކެވެ. އޭނާގެ ބޭބެ ގިއުސޭޕޭ ބަރޭސީއަކީ އިޓަލީ ގައުމީ ޓީމަށްވެސް މުހިއްމު މެޗުތަކެއް ކުޅެދިން ޑިފެންސިވް ކުޅުންތެރިއެކެވެ. ފްރޭންކޯއާއި ގިއުސޭޕޭގެ ހުނަރުތައްވެސް ދާދި އެއްގޮތެވެ. "ހިލަ" ސްޓައިލެއްގެ ފްރޭންކޯއަކީ ދަނޑު މަތީގައި ލޯ ހުޅުވޭ ޑިފެންޑަރެކެވެ. އިދިކޮޅު ޓީމުގެ އެޓޭކް މާ ކުރިން ސިކުނޑިއަށް ދަމައިގަނެ، އިޓަލީ ސްޓައިލުގައި ފުރިހަމައަށް ޑިފެންސް ކުރާ ކުޅުންތެރިއެއްގެ ގޮތުގައި ފްރޭންކޯ އަބަދުވެސް ފާހަގަކުރެވިފައިވެއެވެ.

ގައުމީ ޓީމަށް 81 މެޗު ކުޅެދިން ފްރާންކޯގެ ވޯލްޑް ކަޕް ހަނދާންތައްވެސް އެންމެ ބޮޑަށް ގުޅިފައި ވަނީ އޭނާގެ ވަރުގަދަ ޕާޓްނާޝިޕްތަކާއެވެ. ޕައުލޯ މަލްޑީނީއާއި އެލެސަންޑްރޯ ކޮސްޓަކޫޓާ ފަދަ ލެޖެންޑަރީ ޑިފެންޑަރުންނާއެކު ފްރާންކޯ ކުޅެފައިވާ އިރު، އޭނާއަކީ އެ ޑިފެންޑަރުންގެ ލީޑަރުވެސް މެއެވެ. ފުރިހަމަ ކެޕްޓަނެކެވެ. އުމުރުން ހަގު ދުވަސްވަރުން ފެށިގެންވެސް ލީޑާޝިޕް ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގައި ފްރާންކޯ ފާހަގަވެފައިވާ އިރު، 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްކޮޑުގައިވެސް އޭނާ ހިމެނުނެވެ.

އުމުރުން އެންމެ 21، 22 ގައި ފްރާންކޯ އިޓަލީގެ ވޯލްޑް ކަޕް ސްކޮޑުގައި ހިމެނިގެން ސްޕެއިންގައި 1982 ވަނަ އަހަރު އޮތް ވޯލްޑް ކަޕަށް ދިޔަ ނަމަވެސް، އޭނާއަށް ޓީމަށް އެރުމަށް ފުރުސަތެއް ނުލިބެއެވެ. އެހެން ނަމަވެސް ނިންމާލީ ކަރުގައި ރަން މެޑަލް އަޅައިގެންނެވެ.

އިޓަލީއަކީ އޭރު ފުޓުބޯޅައިގެ އެންމެ "ޓަފް"، އަދި އެންމެ ނުރައްކާތެރި ނަމަކަށްވެފައި އޮތް އިރު، 1990 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިޓަލީ ކުޅުނު ހުރިހާ މެޗެއްގައި ފްރާންކޯގެ ދައުރު ބޮޑެވެ. އެމުބާރާތުގެ ސެމީ ފައިނަލާ ހަމައަށް އިޓަލީ ދިޔައީ ކޮޅަށް ގޯލެއް ނުވައްދައި، ވިދިވިދިގެން ފަސް މެޗުގައި ކްލީންޝީޓް ހޯދައިގެންނެވެ. އެއީ ވޯލްޑް ކަޕްގެ ކްލީންޝީޓް ރެކޯޑެއްވެސް މެއެވެ. އެ ރެކޯޑުގެ ކްރެޑިޓް އެންމެ ބޮޑަށް ހައްގުވަނީ ޓީމުގެ މުގުލުގައި ހުރި ފްރާންކޯއަށެވެ.

އެ ވޯލްޑް ކަޕްގެ ސެމީ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، އާޖެންޓީނާ ކައިރީ 1-1 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި އިޓަލީ ބަލިވެ ކެޓި ނަމަވެސް، ތިންވަނަ ހޮވި މެޗުގައި އިންގްލެންޑް ބަލިކޮށް އިޓަލީން ތިންވަނަ ހޯދިއެވެ.

ފްރާންކޯ ދެން ގައުމީ ޓީމާއެކު ނުކުތީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕަށެވެ. އެ ވޯލްޑް ކަޕަށް އިޓަލީ ނުކުތީ ފްރާންކޯގެ ކެޕްޓަން ކަމުގައެވެ. 1989 ވަނަ އަހަރުގެ ބެލޮންޑިއޯ ރަނަރަޕް ހޯދި ފްރާންކޯގެ ބޮލުގައި ގައުމީ ޓީމުގެ ބޮޑު ޒިންމާއެއް އެޅިފައި އޮތް އިރު، އެ ޒިންމާއާ އޭނާ ކުރިމަތިލީވެސް ތަށީގެ އަޒުމުގައެވެ. ކަންދިމާކުރި ގޮތުން، ގްރޫޕް ސްޓޭޖުގައި ފްރާންކޯއަށް ކުރިމަތިވީ ނާއުންމީދެވެ.

ފުރަތަމަ މެޗުގައި އިޓަލީން އަޔަލޭންޑް އަތުން 1-0 އިން ބަލިވި އިރު، ދެވަނަ މެޗުގައި ނޯވޭ ކައިރިން މޮޅުވި ނަމަވެސް ފްރާންކޯ ދަނޑުން ފޭބީ އަނިޔާވެ، ކަރުނައިގައެވެ. އެ އަނިޔާގެ ސަބަބުން ފްރާންކޯއަށް ވޯލްޑް ކަޕްގައި ބާކީ ހުރިހާ މެޗެއް ގެއްލޭނެ ކަމަށް ބެލެވުނެވެ. ނަމަވެސް ހިތްވަރާއެކު ފައިނަލަށް ދިޔަ އިޓަލީ ޓީމާއެކު ފައިނަލް ކުޅެން، ކެޕްޓަން ބޭންޑްގައި ފްރާންކޯ ނުކުތެވެ.

ބްރެޒިލްގެ ރަން ޖީލެއް ހިފަހައްޓަން އިޓަލީގެ ފަހަތުން ފްރާންކޯ މުހިއްމު ރޯލެއް ކުޅެ، 0-0 ގައި ޕެނަލްޓީއަށް ދިޔަ ނަމަވެސް، ޕެނަލްޓީގައި ވީ ބައްޔެވެ. ހިތްދަތިކޮށް ވޯލްޑް ކަޕް ދަތުރު ނިންމާލަން ޖެހުނު ނަމަވެސް، ރޮމާރިއޯއާއި ބެބޭޓޯ ފަދަ ކުޅުންތެރިން ތަޅު އަޅުވާލަން ފްރާންކޯ ދެއްކި ތަފާތަށް އެތައް ބައެއްގެ ތައުރީފު ލިބުނެވެ. ފްރާންކޯއަކީ ތާރީހުގައިވެސް ވޯލްޑް ކަޕް ދުށް އެންމެ މޮޅު އެއް 'ހަ ނަންބަރެވެ'. އޭގެ ފަހުން އައި ރޮބާޓޯ ކާލޯސް ފަދަ ޑިފެންޑަރުންގެ ތެރެއިންވެސް ފްރާންކޯގެ ހަ ނަންބަރު ހާއްސަވީ، އޭނާ ވޯލްޑް ކަޕުން އަޅާލި ރަން، ރިހި އަދި ލޯ މެޑަލްގެ ސަބަބުންނެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި އިޓަލީ ނެތުން ފަޅުކަމަކަށް ވަނީ އެގައުމުން ވޯލްޑް ކަޕަށް ދޫކޮށްފައިވާ ލެޖެންޑަރީ ކުޅުންތެރިންގެވެސް ސަބަބުންނެވެ. އޭގެ ތެރެއިން އެއް ނަމަކަށް ފްރާންކޯ ބަރޭސީގެ ނަން ގުނާލެވޭނެއެވެ.