ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ގޭންގް" އޭނާއާ ޖައްސާލަން ފޮނުވާފައިވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދުގެ ފެކްޝަން އުފެދި، ދެ ފެކްޝަންގެ ކޯޅުން ބޮޑުވެ އެއްބަޔަކު އަނެއް ބަޔަކަށް ދަނީ ބަހުގެ ހަމަލާތައް ދެމުންނެވެ. ދެ ފެކްޝަންގެ ކޯޅުން މިފަހުން ބޮޑުވީ، ބަޖެޓް ބަހުސްގައި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމާ ދެކޮޅަށް ނަޝީދު ފެކްޝަނުގެ ބައެއް މެންބަރުން ވާހަކަ ދެއްކެވުމާއެކުގައެވެ. އެންމެ ބޮޑު ކޯޅުމެއް އޮތީ، ރައީސް ސޯލިހުގެ ފެކްޝަނުގެ ރޮޒައިނާ އާއި ނަޝީދުގެ ފެކްޝަނުގެ މެންބަރުންގެ މެދުގައެވެ.
ނަޝީދު ފެކްޝަނުގެ ބައެއް މެންބަރުން މިހާރު ގެންދަވަނީ ރޮޒައިނާއާ ދެކޮޅަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ތަފާތު ވާހަކަތައް ދައްކައި ބަހުގެ ހޫނު ހަމަލާތައް ދެމުންނެވެ.
އެކަމާ ގުޅިގެން ރޮޒެެއިނާ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދުގެ މުޅި ގޭންގް އޭނާއާ ޖައްސާލަން ފޮނުވާފައިވާ ކަމަށާއި ނަޝީދުގެ ބޭނުމަކީ އެމަނިކުފާނާ ދެކޮޅަށް ތެދުވާ ކޮންމެ މީހަކަށް ވާނެ ގޮތް ދައްކާލުން ކަމަށެވެ.
"ސޯޝަލް މީޑިއާގައި ފުރައްސާރަ ކުރުމާއި ބުލީ ކުރުން ފަދަ ކަންކަން ކުރަނީ އޭނާއާ ދެކޮޅަށް އިތުރު މީހަކަށް ތެދުވަން ނުކުރެވޭވަރު ކުރުމުގެ ގޮތުން" ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ، ނަޝީދާ ދެކޮޅަށް ވާހަކަ ދައްކަން ބޭނުންވާ މީހުން އެކަމާ ފަސް ނުޖެހުމަށް ގޮވައިލައްވާ ކަމަށެވެ.