މެޗު ނިމެން ސިކުންތު ކޮޅަކަށްވެފައި ވަނިކޮށް، އާޖެންޓީނާގެ ޒުވާން ތަރި އެލެހާންޑްރޯ ގަނާޗޯ ޖެހި ގޯލާއެކު މެންޗެސްޓާ ޔުނައިޓެޑުން ފުލްހަމް ބަލިކޮށްފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ޔުނައިޓެޑުން ރަށުން ބޭރުގައި ފުލްހަމް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗު އެއްވަރުވާން ދަނިކޮށް ފަހު ސިކުންތުގައި ގަނާޗޯ ޖެހި ގޯލަކީ 2009 ވަނަ އަހަރު އޭޕްރީލް މަހު ޔުނައިޓެޑަށް ކުޅެން ނުކުތް ފެޑެރީކޯ މަޗެޑާގެ ހަނދާންތައް ގެނެސްދިން ގޯލެކެވެ.

އުމުރުން 18 އަހަރާއި 135 ދުވަހުގެ ގަނާޗޯ މިރޭ ޖެހި ގޯލަކީ 17 އަހަރާއި 226 ދުވަހުގެ މަޗެޑާ 2009 ވަނަ އަހަރު ޖެހި ގޯލަށްފަހު، ޕްރިމިއާ ލީގުގައި ޓީނޭޖް ކުޅުންތެރިޔަކު، އިތުރު ވަގުތުގެ ކުޅުމުގައި ޓީމު މޮޅުކޮށްދޭން ޖެހި ފުރަތަމަ ގޯލެވެ. ގަނާޗޯއަކީ އާޖެންޓީނާއަށް ނިސްބަތްވާ ހުނަރުވެރި ޒުވާން ކުޅުންތެރިއެއް ނަމަވެސް، އެގައުމުން ވޯލްޑް ކަޕަށް ގެންދާ ސްކޮޑުގައި ގަނާޗޯ ހިމަނާފައެއް ނުވެއެވެ.

ޔުނައިޓެޑުން މިރޭ ފުރަތަމަ ގޯލެއް ޖަހައި ލީޑު ނެގީ މެޗުގެ 14 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ޑެންމާކުގެ ކްރިސްޓިއަން އެރިކްސަން ޖަހަދިން ގޯލެކެވެ. އެ ގޯލާއެކު ޔުނައިޓެޑުން ލީޑުގައި އޮވެ ފުރަތަމަ ހާފު ނިންމާލާފައިވާ އިރު، ދެވަނަ ހާފުގައި ފުލްހަމްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޑެނިއަލް ޖޭމްސްއެވެ. ވޭލްސްގެ ޖޭމްސްއަކީ ކުރިން ޔުނައިޓެޑަށް ކުޅުނު ކުޅުންތެރިޔެކެވެ. އެހެންކަމުން މިރޭގެ މެޗަށްފަހު އޭނާ މާ ބޮޑަށް އުފާފާޅުކޮށްފައެއް ނުވެއެވެ.

ޔުނައިޓެޑް މޮޅުވި ގޯލު، މެޗުގެ 93 ވަނަ މިނެޓުގައި ގަނާޗޯ ޖަހައިދިނީ ބްރޫނޯ ފެނާންޑޭޒްއާ އެކު ވަންޓޫ ޕާހެއް ޖަހައި، ބާރު ދުވެލީގެ ބޭނުންކޮށް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅައިންނެވެ.

ޕްރިމިއާ ލީގު ގަތަރު ވޯލްޑް ކަޕަށް މެދުކަނޑާލާފައިވާ އިރު، ދެން މެޗުތައް ފަށާނީ ވޯލްޑް ކަޕަށްފަހު ޑިސެމްބަރު 26 ވަނަ ދުވަހުއެވެ. ޕްރިމިއާ ލީގު ބްރޭކަށް ދާއިރު، އެއްވަނައިގައި އާސެނަލް އޮތީ ފަސް ޕޮއިންޓްގެ ލީޑެއްގައެވެ. ދެވަނައިގައި ސިޓީ އޮތް އިރު، ޔުނައިޓެޑް އޮތީ ފަސްވަނައިގައެވެ. އެއީ ކުޅުނު 14 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ.