މާލޭގައި މަސްތުވާތަކެއްޗާ އެކު ޕާޓީ ކުރަން ތިއްބައި ހައްޔަރުކުރި 12 މީހުންގެ ތެރޭގައި ހިމެނޭ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ ފުލުސް މީހާ ސަސްޕެންޑްކޮށްފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ފުލުހުންގެ ޑީއީޑީގައި މަސްތުވާތަކެތީގެ ސްޓޮކް ބެލެހެއްޓުމާ ހަވާލުވެފައި ހުންނަ އޮފިސަރު ހަސަން ޝުޖާއު ހިމެނެއެވެ.
އެކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، ހައްޔަރުކުރި ފުލުސް މީހާ ސަސްޕެންޑް ކޮށްފައިވާ ކަމަށާއި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ މައްސަލައާއި އިދާރީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
"..، ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި އެމީހަކީ ޑްރަގް އެންފޯސްމަންޓްގައި އުޅޭ ފުލުހެއް ނަމަވެސް އެއްވެސް އިސްތިސްނާއެއް ނެތި އެމީހަކާ ދޭތެރޭގައި ފިޔަވަޅު އަޅާނަން" އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ، ޑީއީޑީގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބެލެހެއްޓުމުގެ އުސޫލު އޮންނަ ގޮތުން އެތަކެތި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އެއްވެސް ފުރުސަތެއް އެއްވެސް ފުލުހަކަށް ނޯންނާނެ ކަމުގެ ޔަގީންކަން އަރުއްވާ ކަމަށެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މިދިޔަ ބުދަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ އަށް ފިރިހެނަކާއި ހަތަރު އަންހެނެކެވެ. އޭގެ ތެރޭގައި ފިލްމީ ތަރި އާމިނަތު ރިޝްފާ އަދި ޓިކްޓޮކްގައި މަގުބޫލު ކަން ހޯދި ހުނޭސާ އާދަމް ނަސީރު ވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު