މާލޭގައި މަސްތުވާތަކެއްޗާ އެކު ޕާޓީ ކުރަން ތިއްބައި ހައްޔަރުކުރި 12 މީހުންގެ ތެރޭގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ ފުލުހެއް ހިމެނޭ ކަން އެނގިއްޖެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ފުލުހުންގެ ޑީއީޑީގައި މަސްތުވާތަކެތީގެ ސްޓޮކް ބެލެހެއްޓުމާ ހަވާލުވެފައި ހުންނަ އޮފިސަރު ހަސަން ޝުޖާއު ހިމެނެއެވެ.

އެކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، ހައްޔަރުކުރި ފުލުސް މީހާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ މައްސަލަ އާއި އިދާރީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

"..، ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި އެމީހަކީ ޑްރަގް އެންފޯސްމަންޓްގައި އުޅޭ ފުލުހެއް ނަމަވެސް އެއްވެސް އިސްތިސްނާއެއް ނެތި އެމީހަކާ ދޭތެރޭގައި ފިޔަވަޅު އަޅާނަން،" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ، ޑީއީޑީގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބެލެހެއްޓުމުގެ އުސޫލު އޮންނަ ގޮތުން އެތަކެތި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އެއްވެސް ފުރުސަތެއް އެއްވެސް ފުލުހަކަށް ނޯންނާނެ ކަމުގެ ޔަގީންކަން އަރުއްވާ ކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މިދިޔަ ބުދަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ އަށް ފިރިހެނަކާއި ހަތަރު އަންހެނެކެވެ. އޭގެ ތެރޭގައި ފިލްމީ ތަރި އާމިނަތު ރިޝްފާ އަދި ޓިކްޓޮކްގައި މަގުބޫލު ކަން ހޯދި ހުނޭސާ އާދަމް ނަސީރު ވެސް ހިމެނެއެވެ.