ރާއްޖޭގައި އިންޓަނޭޝަނަލް ސްކޫލުތައް ހިންގާ އައިލެންޑާސް އެޑިއުކޭޝަނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބްރިޓިޝް އިންޓަނޭޝަނަލް ސްކޫލެއް ހަދަން ތައްޔާރުވަމުން އަންނަކަން އިއުލާނުކޮށްފިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕްރައިވެޓް ސްކޫލެއް އިމާރާތްކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލި ފުރުސަތު ކާމިޔާބުކުރީ އައިލެންޑާސް އިންނެވެ. އެ މަޝްރޫއާ ގުޅޭ ފްރޭމްވޯކް އެއްބަސްވުމުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު ކުރީކޮޅުގައި ސޮއިކޮށްފައިވާއިރު މަޝްރޫއު ކުރިއަށް ގެންދަން އެ ކުންފުންޏާ މިއަދު ވަނީ ހަވާލުކޮށްފައެވެ.
ހ. މީރުމާ އިވެންޓްސް ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އައިލެންޑާސްގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އަބްދުލް ރަޝީދެވެ.
އައިލެންޑާސް އިން ބުނި ގޮތުގައި، އެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ހަދާނީ ބްރިޓިޝް އިންޓަނޭޝަނަލް ސްކޫލެކެވެ. ޕްރީ ސްކޫލުން ފެށިގެން ގުރޭޑް 12އާ ހަމައަށް ކިޔަވައިދޭ އެ ސްކޫލް ވެގެންދާނީ ކައުންސިލް އޮފް ބްރިޓިޝް އިންޓަނޭޝަނަލް ސްކޫލްސްގެ ފަރާތުން އެކްރެޑިޓް ކޮށްގެން ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާނެ ސްކޫލެއް ކަމަށްވެސް ބުންޏެވެ.
ސްކޫލު ހަދަން އައިލެންޑާސްއަށް ދީފައިވަނީ ފޭސް 1ގެ އާންމުން ދިރިއުޅޭ ހިސާބުން ހިނގާލާފައި ދެވޭހާ ކައިރީގައި އޮންނަ 48،556.81 އަކަފޫޓުގެ ބިމެކެވެ.
އައިލެންޑާސް އިން ރާއްޖޭގައި މިހާރުވެސް ހަތަރު ސްކޫލެއް ހިންގައެވެ. އެއީ ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީ ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާއި ފިންލެންޑް އިންޓަނޭޝަނަލް ސްކޫލް މޯލްޑިވްސް އަދި އަމީރު އަހުމަދު ޕްރީ ސްކޫލެވެ.
ޚަބަރު
ޚަބަރު
ޚަބަރު