އެކި ކަންކަމަށް ސަރުކާރުން ދޭ ސަބްސިޑީތަކަކީ ޓާގެޓެޑް ސަބްސިޑީ ތަކަކަށް ހެދުމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ލަފާ ދެއްވައިފިއެވެ.
ގަވަރުނަރު މިގޮތަށް ލަފާ ދެއްވާފައި ވަނީ، އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މެމްބަރު، ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެމްބަރު ރިޔާޒު، ގަވަރުނަރާ ސުވާލު ކުރައްވަމުން ވިދާޅުވީ މަސްވެރިން ކިރާ މަހަށް ފައިސާ ނުލިގެން އުޅޭއިރު، މިފްކޯއަށް ސަރުކާރުން ބޮޑު ސަބްސިޑީއެއްދޭ ކަމަށެވެ. އަދި އެކަމަކީ މަސްވެރިކަމާ ބެހޭ އަމިއްލަ ކުންފުނިތަކުގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ރިޔާޒުގެ ވާހަކަތަކާ ގުޅިގެން ގަވަރުނަރު ވިދާޅުވީ، ސަބްސިޑީއަށް ބަޖެޓްގައި ފައިސާ ޖަހާފައި އޮތުމަކީ ރަނގަޅު ކަމެއް ކަމަށެވެ. ނަމަވެސް ސަބްސިޑީ ދޭންޖެހޭނީ ޓާގެޓެޑް ސަބްސިޑީއެއް ގޮތުގައި ކަމަށާއި އެ އަމާޒުވާ ފަރާތްތަކަށް ފައިސާ ލިބެން އޮތް ގޮތަކީ އެއީ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިރުޝާދު މިދެނީ ހުރިހާ ސަބްސިޑީއެއްވެސް ޓާގެޓެޑް ސަބްސީޑީއަކަށް ހެދުމަށް، ސަބްސިޑީ ލިބޭމީހާއަށް އޭރުން ސަބްސިޑީ ދަށްވެސް ކުރެވޭނީ އަދި އެމީހާއަށް ފައިސާވެސްވާނީ،" ގަވަރުނަރު ވިދާޅުވިއެވެ.
މިހާރު މަޖިލީހަށް ހުށަހަޅާފައިވާ 2023 ވަނަ އަހަރުގެ ބަޖެޓުގައި މުޅިން އަލަށް މަސްވެރިންގެ ސަބްސިޑީގެ ގޮތުގައި 250 މިލިއަން ރުފިޔާ، މިފްކޯއަށް ދޭން ވަނީ ހިމަނައިފައެވެ.
އެ ފައިސާ ދެނީ މާކެޓް އަގަށް ވުރެ ބޮޑުކޮށް މިފްކޯ އިން މަސް ގަންނަ ފަރާތްތަކަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށެވެ.
ރަށްރަށުގެ ނަރުދަމާތައް ހިންގައި ބެލެހެއްޓުމަށް ނަރުދަމާ ސަބްސިޑީގެ ގޮތުގައި 180 މިލިއަން ރުފިޔާ ވެސް ބަޖެޓުގައި ވަނީ ހިމަނައިފައެވެ.