ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ތަރައްގީ ކުރާ ޕްރިމިއަމް ވިލާގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ ބެޗް ކޮންސްޓްރަކްޝަން ކުންފުންޏާއެވެ.
ހ. މީރުމާ އިވެންޓްސް ހޯލްގައި މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އެވެ. ބެޗް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދެވެ.
"އަސޭރިއާ" ނަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރާ މި ޕްރިމިއަމް ވިލާތަކަކީ އެންމެ ލަގްޒަރީ ފެންވަރުގެ ހައުސިން ޔުނިޓް ތަކެކެވެ. އެޗްޑީސީން ބުނީ އަސޭރިއާ މަޝްރޫއަކީ ހުޅުމާލެއަށް އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއް ކަމަށެވެ.
ދެވަނަ ފިޔަވަހީގައި އެޗްޑީސީން ތަރައްގީކުރަން ނިންމާފައިވާ ޓޫރިޒަމް އައިލެންޑް އާއި ދާދި ގާތުގައި ތަރައްގީ ކުރާ މި ޕްރިމިއަމް ވިލާތަކަށް ޖުމުލަ ތިން ލައްކަ އަކަފޫޓުގެ ބިމެއް ވަނީ ކަނޑައަޅާފަ އެވެ. މި ޕްރިމިއަމް ރެސިޑެންޝަލް މަޝްރޫއުގައި ރާއްޖެއަށް އަލަށް ބީޗް ފްރަންޓް ހޯމް, ޑުޕްލެކްސް ޓައުންހައުސް ތައާރަފު ކުރާނެއެވެ. ކޮންމެ ހައުސިން ޔުނިޓެއްގައި 2000 އަކަފޫޓު ހުންނައިރު ކޮންމެ އިމާރާތެއް ހުންނަނީ އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް 1200 އަކަފޫޓުގެ ޖާގައެއް ލިބޭނެހެން ފަރުމާ ކޮށްފައެވެ.
މީގެ އިތުރުން، ސެމީ ގާޑެޑް ސެކުއިރިޓީ، ޕްރައިވެޓް ނެއިބަހުޑް، ރެސިޑެންޓް ބަގީޗާ، ގާޑްރޫމް، ޕޮލިސް ޕޯސްޓް އަދި ކްލަބް ހައުސްގެ ހިދުމަތްތަކާއި އެކްލޫސިވްކޮށް ލެޕް ޕޫލް، ޕޫލް ހައުސްގެ އިތުރުން ވެލްނެސް ސެންޓަރަކާއި ރިކްރިއޭޝަން ސެންޓަރެއް ވެސް ހުންނާނެ އެވެ. މަލްޓި ޕާޕަސް އިވެންޓް ހޯލަކާއި ކޮމާޝަލް ކޮމްޕްލެކްސްގެ ހިދުމަތްވެސް އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާނެއެވެ.
އެޗްޑީސީން ބުނީ މި މަޝްރޫއާއިއެކު ލަގްޒަރީ ލިވިންގް ތައާރަފުވުމުގެ އިތުރުން 100 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށެވެ. ހުޅުމާލެއަށާއި ރާއްޖެއަށް އިގުތިސާދީ އަދި އިޖުތިމާއީ ގިނަ ފައިދާތައް މި މަޝްރޫއުގެ ދަށުންކުރާނެ ކަމަށްވެސް ބުންޏެވެ.
މި މަޝްރޫއު ކުރިއަށްގެންދާ ބެޗް ކޮންސްޓްރަކްޝަންއަކީ މިފަދަ މަޝްރޫއެއް ކާމިޔާބު ކަމާއެކު ކުރިއަށްގެންދިއުމަށް ރާއްޖޭގެ އެންމެ ފުންނާބު އުސް އެއް ކޮންސްޓްރަކްޝަން ކުންފުނި ކަމަށް މި ބައްދަލުވުމުގައި ބެޗް އަދި އެޗްޑީސީން ވަނީ ބުނެފައެވެ. އަދި ފާއިތުވި އަހަރުތަކުގެ ތެރޭގައި ޖުމުލަ 220 މިލިއަން ރުފިޔާގެ ކޮންސްޓްރަކްޝަން މަޝްރޫއުތައް ކާމިޔާބުކަމާއިއެކު އެކުންފުނިން ނިންމާފައިވާއިރު އެންމެ ދިގު މަޝްރޫއެއް ނިންމާލުމަށް މިހާތަނަށް ބެޗް ކޮންސްޓްރަކްޝަންއިން ހޭދަކޮށްފައިވާ އެންމެ ދިގު މުއްދަތަކީ 20 މަސް ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު