Close
ޚަބަރު

ބަޖެޓަށް އެމްއެމްއޭއިން ދީފައިވާ ލަފަޔަކީ ބަޔަކު ބޭނުންވާ ގޮތަށް ބައްޓަންކޮށްފައިވާ ލަފައެއް: ގަފޫރު

އިބްރާހިމް ޒަކީ

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް އެމްއެމްއޭގެ ގަަވަރުނަރު އަލީ ހާޝިމް ދެއްވާފައިވާ ލަފައަކީ ވަކި ފަރާތަކަށް ޖެހިފައިވާ ލަފައެއް ކަމަށާއި އެއީ ވަކި ބަޔަކު ބޭނުންވާ ގޮތަށް ބައްޓަންކޮށްގެން ދެއްްވާފައިވާ ލަފައެއް ކަމަށް ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މެންބަރު ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ބަޖެޓު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ބަޖެޓާބެހޭގޮތުން ގަވަރުނަރާ ސުވާލު ކުރަން ދިން ފުރުސަތުގައި، ގަފޫރު ވަނީ ވަރަށްބޮޑަށް ގަވަރުނަރުގެ ލަފަޔަށް ފާޑުވިދާޅުވެފައެވެ.

ގަފޫރު ވިދާޅުވީ، މުޅި ދުނިޔެ އިގްތިސާދީ ރިސެސްއަކާ ދިމާލަށް ގޮސްފައި އޮތް މި ދަނޑިވަޅުގައި، ކަނޑައެޅިގެން ރާއްޖޭގެ އިންފްލޭޝަން މައްޗަށް ދާނެ ކަމަށް ގަވަރުނަރު ދެއްވި ލަފާގައި ފާހަގަ ކޮށްފައި އޮތް ނަމަވެސް ރާއްޖޭގައި މިއޮތް އިންފްލޭޝަނަކީ އެތެރޭގެ އިންފްލޭޝަނަށްވުރެ ބޮޑަށް ބޭރުން އިންޕޯޓެޑް ވެފައިވާ އިންފްލޭޝަނެއް ކަމަށެވެ.

"ދެން ކުރިއަށް މިއޮތް ތަނުގައި ދުނިޔޭގެ ހުރިހާ ގައުމުތަކަކުން ވެސް އެގައުމުތަކުގެ އިންފްލޭޝަން 10 ޕަސެންޓްނުވަތަ 12 ޕަސެންޓާއި ފަސްޕަސެންޓާ ދޭތެރޭގައި އަންނަ އަހަރު ވޭރީ ވާނެކަމަށް އެބައޮތް، ސާފުވެގެން މިދަނީ ޔޫރަޕްގެ ގައުމުތަކުންވެސް ހަމަ އެ އަދަދަށް އަރައިގެންދާނެ ކަމަށް،" ގަފޫރު ވިދާޅުވިއެވެ.

ނަމަވެސް ގަވަރުނަރު މަޖިލީހަށް ފޮނުވާފައިވާ ލަފާގައި އެއިން އެއްވެސްކަމެއް ފާހަގަ ނުކޮށް، ހަމައެކަނި ރާއްޖޭގެ ކަންތައްތައް އޮތް ގޮތް ފާހަގަ ކޮށްފައިވާއިރު، ރާއްޖެއަކީ ދުނިޔެއާއި ލާމެހިފައި އޮތް ގައުމަކަށްވާއިރު، ރާއްޖޭން ބޭރުގައިވެސް އެ ކަންތައްތައް އޮތް ގޮތް ލަފާގައި ގަވަރު ނރު ސާފުކޮށްދެއްވަން ޖެހޭނެ ކަމަށްވެސް ގަފޫރު ވިދާޅުވިއެވެ. އަދި އެކަން ފާހަގަ ކުރައްވާފައި ނުވަނީ ކީއްވެތޯވެސް ގަފޫރު ސުވާލު ކުރެއްވިއެވެ.

ޓެކްސް ބޮޑުކުރާ ވާހަކަ ލަފާގައި ވަރަށްބޮޑަށް ފާހަގަކޮށްފައިވާއިރު، ޓެކުހުން ހޯދާ ފައިސާ ބަޖެޓުން ހަރަދުކުރާގޮތަށް އޮތުމަކީ ކަންބޮޑުވާކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވާ ކަމަށްވެސް ގަފޫރު ފާހަގަ ކުރެއްވިއެވެ.

ގަފޫރު ވިދާޅުވީ، "ދައުލަތުގެ ހަރަދު ކުޑަކުރަން އެފައިސާ ހަރަދު ކުރަންޖެހޭ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ، ޓެކްސް ބޮޑު ކުރާއިރު ޓީޖީއެސްޓީން ރާއްޖެއަށް ވަންނަ ޑޮލަރު އިތުރުވާ ވާހަކަ އެމްއެމްއޭއިން ފާހަގަކުރި ނަމަވެސް ކޮން ކަމަކަށްތޯ އެފައިސާ ހަރަދު ކުރަންވީ، ލަފާގައި ނެތް އެވާހަކައެއް، ލަފާގަ އޮންނަނީ އޭގެން ލިބޭނެ ފައިދާއަށްވުރެ ބޮޑަށް ގެއްލުން ވާނެ ކަމަށް،"

ޓެކްސް ބޮޑު ކުރުމުގެ ސަބަބުން 80 ޕަސެންޓް ނުވަތަ 85 ޕަސެންޓަކީ ޑޮލަރުން ދައުލަތަށް އިތުރުވާ އާމްދަނީއަކަށްވާއިރު، އެކަމުގެ ސަބަބުން ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ގަފޫރު ވިދާޅުވިއެވެ.

ކޮވިޑަށްފަހު އެންމެ އަވަހަށް ކުރިއަރައިގެންދިޔަ އިގްތިސޯދަކީ ރާއްޖޭގެ އިގްތިސާދު ކަމަށްވާއިރު، އެކަމަކީ ސަރުކާރުން ވަރަށް ބައިވަރު މަސައްކަތްތަކެއް ކޮށްގެން ދިޔަ ހިސާބަކަށްވާއިރު ގަވަރުނަރުގެ ލަފާގައި އެއިން އެއްވެސްކަމެއް ފާހަގަ ކުރައްވާފައި ނުވާ ކަމަށްވެސް ގަފޫރު ވިދާޅުވިއެވެ.

"އެހުރިހާކަމަށް ބަލާއިރު މި ލަފައަކީ އެއްފަރާތަކަށް ވަރަށްބޮޑަށް ޖެހިފައި އޮތް ލަފައެއްކަމަށް އަޅުގަނޑު ގަބޫލު ކުރަނީ، ވަކި ބަޔަކު ބޭނުންވާ ގޮތަށް ބައްޓަންކޮށްގެން މިތަނަށް ފޮނުވާފައިވާ ލަފައެއްްގެ ގޮތުގައި، ލަފައެއް ވެއްޖެއްޔާ ކުރީގަ ކަން ހިނގާފައިވާ ގޮތާއި ދުނިޔޭގެ ކަންކަން ވާގޮތާއި މިހާރު ދުނިޔޭގެ ހާލަތު ވަރަށްބޮޑަށް އެނގެން އޮންނަން ޖެހޭނެ، ޖުމްލަ ގޮތެއްގައި އެ ލަފާގައި ނެތް ރަނގަޅު އެއްވެސް ކަމެއްގެ ވާހަކައެއް، ހައްތާވެސް ވާނީ ގޯހޭ އޭގައި އޮތީ،" ގަފޫރު ވިދާޅުވިއެވެ.