ގދ. ވާދޫ ބޭރުން އިއްޔެ ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފިއެވެ.

އެމްއެންޑީއެފުން އިއްޔެ ބުނާ ގޮތުން، ގދ. ފަރެސްމާތޮޑާއިން ފުރައިގެން ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ "ލިއޯ ސަކްސަސް" ނަމަކަށް ކިޔާ ކޮޅުވެއްޓި ބަންޑުން ޖަހާލީ، ބެޓެރި ފެއިލްވެ ދިޔަވުމުގެ ސަބަބުންނެވެ.

ކޮޅުވެއްޓިން ދެ ދިވެހިންނާއި ދެ ބިދޭސީން ދަތުރުކުރި އިރު، ގެއްލިފައިވަނީ ބިދޭސީއެކެވެ. އޭނާގެ ވަނަރެއް އަދި އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އޭނާ އަދިވެސް ނުފެންނަ ކަމަށާއި ހޯދުމުގެ މަސައްކަތް ކަނޑުމަގުންނާއި ވައިގެ މަގުން ކުރަމުންދާ ކަމަށެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލާފައި އޮއްވާ ފުރަތަމަ ފެނުނީ ގދ. ވާދޫގެ ސީވީޑް ދޯންޏަށެވެ. ކޮޅުވެއްޓި ބަންޑުން ޖަހާލައި ކަނޑުވި ތިން މީހުން ސަލާމަތްކުރީ އެ ދޯނިންނެވެ.