ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ފުޓުބޯޅައިގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. ފަސް ބެލޮންޑިއޯ އެވޯޑަކީ އެކަމުގެ ރަމްޒެކެވެ. ރޮނާލްޑޯ ވަނީ ޔޫރަޕްގެ ރަން ބޫޓު ހަތަރު ފަހަރަށް ކާމިޔާބުކޮށްފައެވެ. ކްލަބު ކެރިއަރުގައި ރެކޯޑު 700 އަށްވުރެ ގިނަ ގޯލު ޖަހާފައިވާ ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް ރެކޯޑު 117 ގޯލު ޖަހައިފައެވެ. ގައުމީ ޖާޒީއަކީ ހަތެކެވެ. އެއީ ސީއާރް7 ގެ ރަމްޒެވެ.
ސްޕޯޓިން ލިސްބަންއިން ކެރިއަރު ފަށައި، މެންޗެސްޓާ ޔުނައިޓެޑްގައި ވިދާލި ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑާއި ޔުވެންޓަސްއަށް ކުޅެ، ޖުމުލަ 32 ތަށި ކެރިއަރުގައި ހޯދައިފައެވެ. ޗެމްޕިއަންސް ލީގުގައި 140 ގޯލު ޖަހާފައިވާ ރޮނާލްޑޯއަކީ އެ މުބާރާތުގެވެސް ރެކޯޑު ގޯލު ޖެހުންތެރިޔާއެވެ. ޕޯޗުގަލުން 2016 ވަނަ އަހަރު ޔޫރޯ ކާމިޔާބުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރި ރޮނާލްޑޯއަކީ މިވަގުތުވެސް ފުޓުބޯޅައިގެ އެންމެ ބޮޑު ބްރޭންޑެވެ. ކެރިއަރުގެ ފަހުކޮޅުގައި ރޮނާލްޑޯ ހުރީ ވޯލްޑް ކަޕަކަށް ތައްޔާރަށެވެ. އޭނާއަށް މަދީވެސް ވޯލްޑްކަޕެކެވެ.
ފާއިތުވި ދެތިން އަހަރަށް ބަލާއިރު ރޮނާލްޑޯ އާއި ޕޯޗުގަލްގެ ފޯމު އެންމެ ރަނގަޅެކޭ ނުދެންނެވޭނެއެވެ. މިފަހަރުގެ ވޯލްޑްކަޕަށްވެސް ކިރިޔަކިރިޔާ ކޮލިފައިވީއެވެ. ޔޫރޯ 2016 ކާމިޔާބުކުރި ފަހުން ޕޯޗުގަލް ފެންނަނީ އޭރުގައި އޮތް ޓީމުގެ ފެންވަރުގައި ނޫން ކަމަށް ބެލެވިދާނެއެވެ. އެހެން ނަމަވެސް ތަރިންގެ ލިސްޓަށް ބަލާއިރު، ޕޯޗުގަލް ވަކި ދެރައެއް ނުވާނެއެވެ.
ޕޯޗުގަލްގެ މިހާރު އޮތް ޖީލަކީ ރަން ޖީލެކެވެ. ޒުވާން ހުނަރުވެރި ޖީލެކެވެ. ވަރުގަދަ ކްލަބުތަކުގެ ތަރިންގެ ތެރޭގައިވެސް ޕޯޗުގަލްގެ ވިދުން ގަދައެވެ. ޕޯޗުގަލްގެ ފަހަތުން މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ރުބެން ޑިއާޒާއި ޕީއެސްޖީގެ ނޫނޯ މެންޑޭޒްއާއި ޑެނީލޯ ޕެރޭރާ ފާހަގަވެއެވެ. އަދި ދުނިޔޭގެ އެންމެ މޮޅު އެއް ވިންގް ބެކް ޖައޯ ކާންސެލޯ ޕޯޗުގަލްއަށް މުހިއްމެވެ. މެދުތެރެއިން ސިޓީގެ ބާނާޑޯ ސިލްވާއާއި މެންޗެސްޓާ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒް ޓީމް ލީޑު ކުރާނެއެވެ. ޕޯޗުގަލްގެ ފޯވަޑް ލައިން ބަރޯސާ ވަނީ ރޮނާލްޑޯއަށެވެ. އެހެން ނަމަވެސް އޭނާއާއެކު ފެނިގެންދާނީ ޒުވާން ތަރިން ކަމަށްވާ އޭސީ މިލާންގެ ރަފޭލް ލެއާއޯއާއި ލިވަޕޫލްގެ ޑިއޭގޯ ޖޮޓާއެވެ.
އެ ތަރިންގެ ތެރެއިންވެސް ޕޯޗުގަލް އަދިވެސް ބަރޯސާ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ސްޕެއިން ކޮޅަށް ހެޓްރިކް ހެދި ރޮނާލްޑޯއަށެވެ. އުމުރުން 37 ނަމަވެސް ރޮނާލްޑޯއަކީ އަދިވެސް މެޗެއްގެ ނަތީޖާ އަނބުރާލާނެ ކުޅުންތެރިއެއްކަން ޔަގީނެވެ. ލީގު ސީޒަނުގެ މިހާތަނަށް އައިރު، މެންޗެސްޓާ ޔުނައިޓެޑާ ރޮނާލްޑޯ ކޯޅެން ޖެހިފައި އޮތް ނަމަވެސް، ގައުމީ ޓީމުގައި އަބަދުވެސް އޭނާ ފެންނާނީ ތަފާތު ރޫހެއްގައެވެ.
ޕޯޗުގަލްގެ ތާރީހުގައި ހަތް ވޯލްޑް ކަޕެއްގައި ކުޅެ، ވޯލްޑް ކަޕްގައި ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ތިންވަނައެވެ. އެއަށްފަހު އެތަކެއް ތަރިންނަކާއެކުވެސް އެ ކާމިޔާބީ ތަކުރާރުކުރެވިފައެއް ނުވެއެވެ. މިފަހަރު ފުރަތަމަ އޮތް ޗެލެންޖަކީ ގްރޫޕް ސްޓޭޖެވެ. ޕޯޗުގަލް ހިމެނޭ ގްރޫޕުގައި ދެފަހަރަށް ވޯލްޑް ކަޕް ނަގައިފައި އުރުގުއާއީގެ އިތުރުން ދެން ހިމެނެނީ އެފްރިކާގެ ގާނާއާއި އޭޝިއާގެ ދެކުނު ކޮރެއާއެވެ.
ރޮނާލްޑޯ ބުނަމުން އަންނަނީ މިއީ އޭނާގެ ފަހު ވޯލްޑް ކަޕް ނޫން ކަމަށް ނަމަވެސް، ބެލެވޭ ގޮތުގައި މިއީ އޭނާގެ ފަހު ވޯލްޑް ކަޕަށްވުން ގާތެވެ. ކެރިއަރުގައި އެންމެ ބޮޑު ވާދަވެރިޔާ ލިއޮނަލް މެސީވެސް ފަހު ވޯލްޑް ކަޕަށް ނުކުންނަ އިރު، ރޮނާލްޑޯވެސް އެންމެ ބޭނުން ތަށްޓަށް ވާނީ ވޯލްޑް ކަޕްކަން ޔަގީނެވެ. ޕޯޗުގަލްއަށް އެކަން ވާނެކަމަށް އުންމީދުކުރާ ބަޔަކުވެސް އެބަތިއްބެވެ. އެއީ ތަރިންނާއި ސްކޮޑަށް ބަލައެވެ. އެހެންނަމަވެސް އެއީ ޗެލެންޖެއްކަން ޔަގީނެވެ. ލުއިސް ފީގޯ ފަދަ ވަރުގަދަ "ހަތް ނަންބަރު"ގެ ތަރިއަކަށްވެސް ނުވި ކަމެއް ރޮނާލްޑޯއަށް ކުރެވިދާނެތޯ؟ އެއީ ސުވާލެކެވެ. އެކަމަށް އޮތް ޖަވާބަކީ ރޮނާލްޑޯ އެކަން ކޮށްފާނެ ކަމުގެ ޖަވާބެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022