އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ޗެލްސީވެސް ބަލިކޮށް، ނިއުކާސަލް ޔުނައިޓެޑުން ތިންވަނަ މަގާމުގައި ހަމަޖެހިލައިފިއެވެ.
ނިއުކާސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ޗެލްސީ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތްއިރު ފޯމުގައި އޮތީވެސް ނިއުކާސަލްއެވެ. އެޓީމުން މެޗަށް ނުކުތީ އެންމެފަހުން ލީގުގައި ކުޅުނު ފަސް މެޗުންވެސް މޮޅުވެފައި އޮވެގެންނެވެ. އަނެއްކޮޅުން ޗެލްސީން ރޭގެ މެޗަށް ނުކުތީ އެންމެފަހުން ލީގުގައި ކުޅުނު ތިން މެޗުންވެސް ބަލއިވެފައި އޮވެގެންނެވެ.
ޗެލްސީން ރޭގެ މެޗަށް ނުކުތް އިރު، އެޓީމު ބަލިވެފައި އޮތީ ބްރައިޓަން އަތުންނާއި މެންޗެސްޓާ ސިޓީ، އަދި އާސެނަލް އަތުންނެވެ. ޗެލްސީއަށް އަނިޔާގެ މައްސަލަތަކެއްވެސް ކޮންމެވެސް ވަރަކަށް ދިމާވެފައިވެއެވެ. ރޭގެ މެޗަށްވެސް ޕިއޭ އެމްރިކް އަބަމަޔާން އާއި ރަހީމް ސްޓާލިން ނުކުމެފައި ނުވާ އިރު، ޒުވާން ޑިފެންޑަރު ލެވިސް ހޯލް ފުރަތަމަ 11 އަށް ނުކުމެފައިވެއެވެ.
މި ހަފުތާގެ ލީގު މެޗުތަކަކީ ގަތަރު ވޯލްޑް ކަޕްގެ ކުރިން ކުޅޭ އެންމެފަހު މެޗުތަކެވެ. އަންނަ ހަފުތާއިން ފެށިގެން ކްލަބު ފުޓުބޯޅައިގެ ލީގުތައް މެދުކަނޑާލާނީ މިމަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕަށެވެ. އެހެންކަމުން ސީޒަން ބްރޭކްގެ ކުރިން ނިއުކާސަލްއިން ހޯދީ މުހިއްމު މޮޅެކެވެ. އެއީ ތިންވަނައިގައި އޮވެ ސީޒަން ބްރޭކަށް ދެވޭނެތީއެވެ.
ނިއުކާސަލްއިން ރޭ ހޯދި ތިން ޕޮއިންޓާއެކު އެޓީމުން އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ. އެއީ 15 މެޗުން 30 ޕޮއިންޓާ އެކުގައެވެ. ޗެލްސީން 14 މެޗުން 21 ޕޮއިންޓް ހޯދާފައިވާ އިރު، އެޓީމުން ވަނީ 8 ވަނައަށް ވެއްޓިފައެވެ.
ރޭގެ މެޗު ފެށިގެން ފުރަތަމަ ހާފުގައިވެސް މޮޅަށް ކުޅެ، ނުރައްކާ ކުރީ ނިއުކާސަލްއިންނެވެ. ފުރަތަމަ ހާފުގައި ޝޯން ލޯންގްސްޓާފަށް ލިބުނު ދެ ފުރުސަތެއް އޭނާ ނަގާލި އިރު، ފުރަތަމަ ހާފުގައި ޗެލްސީ ސަލާމަތްވީ ކިރިޔާއެވެ.
ދެވަނަ ހާފުގައިވެސް ނިއުކާސަލްއިން ފުލުފުލުގައި ޗެލްސީގެ ފަހަތަށް ޕްރެޝަރު ކުރަމުން ދިޔަ އިރު، ކައުންޓާގައި ޗެލްސީން ކޮންމެވެސް ވަރެއްގެ ނުރައްކަލެއް ކުރިއެވެ. އެގޮތުން ކޯނޯ ގަލެގާ ފޮނުވާލި ހަމަލާ މަތަކޮށް ބޭރުކޮށްލީ ނިކް ޕޯޕެވެ. ނިއުކާސަލްއިން މެޗުގައި ލީޑު ނެގީ 67 ވަނަ މިނެޓުގައެވެ.
އެ ގޯލަކީ މިގޭލް އަލްމެރޯންގެ މަސައްކަތުން ފަހިކުރި ފުރުސަތެއްގައި ޖޯ ވިލޮކް، ގޯލުގެ ކަނަށް އަމާޒުކޮށް ފޮނުވާލި ހިތްގައިމު ބޯޅައެއްގައި ޖެހި ގޯލެކެވެ.
ޗެލްސީން ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ އިރު، ރޭގެ ބައްޔާއެކު ކޯޗު ގްރަހަމް ޕޮޓާއަށް ވަނީ މާޔޫސްކަން ކުރިމަތިވެފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު