"ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ރާއްޖެއަށް ލިބުމުން އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފިއެވެ.

ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑަކީ ވޯލްޑް ޓޫރިޒަމް އެވޯޑް (ޑަބްލިއުޓީއޭ)ގެ އެންމެ ޝަރަފުވެރި އެވޯޑެވެ.

ރައީސް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ އެވޯޑްގެ ހުރިހާ ކްރެޑިޓެއް ހައްގުވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކަމަށާއި އެކަމަށްޓަކައި އެ ފަރާތްތަކަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ރަަޝިއާގެ މަސްކަޓުގައި ރޭ ބޭއްވި 29 ވަނަ އަހަރީ ވޯލްޑް ޓްރެވެލް އެވޯޑްސް ހަފުލާގައި ރާއްޖެއަށް ލިބުނު އެވޯޑާ ހަވާލުވެވަޑައިގަތީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ.

އެ އެވޯޑް ރާއްޖެއިން ހާސިލުކުރީ ފަތުރުވެރިންގެ މެދުގައި މަގުބޫލު 18 މަންޒިލަކާ ވާދަކޮށްގެންނެވެ.

މީގެ 29 އަހަރު ކުރިން، 1993 ގައި ދޭން ފެށި ޓްރެވަލް އެވޯޑްސް އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި، މަޝްހޫރު އަދި އެންމެ އިތުބާރު ބޮޑު އެވޯޑެވެ. އެ ވޯޑަކީ ދުނިޔޭގެ ފަތުރުވެރި މަންޒިލްތަކުގެ ފެންވަރާއި މަގުބޫލުކަން ކަނޑައަޅައިދޭ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެހާ ފަރާތްތަކުގެ އިތުބާރު ލިބިފައިވާ އެންމެ މަގުބޫލު އެވޯޑެވެ.

ރޭގެ ހަފުލާގައި ރާއްޖެއަށް ވަނީ އިތުރު އެވޯޑުތަކެއްވެސް ލިބިފައެވެ. އެގޮތުން ލީޑިން ޓޫރިޒަމް ބޯޑް އެވޯޑު އެމްއެމްޕީއާރުސީއަށް ލިބިފައިވާއިރު ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓާ އެވޯޑު ޓީއެމްއޭ އަށް ވަނީ ލިބިފައެވެ.

"ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ތިން ވަނަ ފަހަރަށް ރާއްޖެއަށް ލިބުނު އިރު މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރާ އަހަރެވެ.

މީގެ ކުރިން އެމްއެމްޕީއާރުސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ދިމާތި ދަތިތަކާ އެކުވެސް މިދިޔަ ދެ އަހަރު ރާއްޖެއަށް ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑް ލިބުނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ބައިވެރިންގެ މަސައްކަތުން ކަމަށެވެ. އަދި އެ ވޯޑާއެކު ދަތުރުފަތުރުގެ ވިޔަފާރީގައި ދުނިޔޭގެ ލީޑަރެއްގެ ގޮތުގައި ރާއްޖޭގެ ނަން އިތުރަށް އުޖާލާކުރުމުގެ ފުރުސަތަކަށް ވެގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.