ދިވެހިރާއްޖޭގެ ތާރީޚު

ދިވެހި ތާރީޚު: އައްސުލްޠާނުލް ޣާޒީ މުހައްމަދު ޣިޔާޘުއްދީނުގެ ގައުމީ ޚިދުމަތް

އިމާދު ލަތީފު

2

ސުލްޠާން އަލްޣާޒީ މުހައްމަދު ޣިޔާޘުއްދީނަކީ ދިޔަމިގިލީ ބޮޑު ބަންޑާރައިންގެ ދަރިކަލުން ދިޔަމިގިލީ އިބްރާހިމް ރަސްގެފާނުގެ ދަރިކަލުންނެވެ. އެއީ ދިޔަމިގިލީ ރަސް ޚާންދާނުގެ އެންމެފަހު ރަދުންނެވެ. އެރަދުން ދިވެހި ރަސްކަމަށް އިސްކުރެވުނީ މީލާދީން 1766 ވަނަ އަހަރުއެވެ. ޣިޔާޘުއްދީނަކީ ދިވެހި ރަސްރަސްކަލުންގެ ތެރެއިން ދީންވެރި، އިލްމުވެރި ހިކުމަތްތެރިކަންބޮޑު ރަސްކަލެކެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި މާތްވެގެންވާ އިސްލާމްދީނުގެ ހައްގުގައި ބޭރުގެ ދުޝްމަނުންނާ ކުރިމަތިލައްވައި އެރަދުން ކުރައްވާފައިވަނީ އެއް ޖިހާދެއް ދެ ޖިހާދެއް ނޫނެވެ. ކިތަންމެ ޖިހާދެކެވެ. ދިވެހީންނަށް އެތަކެއްފަހަރު ނަސްރު ހޯއްދަވައިދެއްވިއެވެ. މިސަބަބަށްޓައި ވަރަށް ގިނަ މުއައްރިޚުން އެރަދުންނަކީ ޣާޒީއެއް ކަމަށް ލިޔުއްވައެވެ. އަޅުގަނޑުވެސް ބުރަވަނީ ޣާޒީއެއް ކަމަށެވެ.

ޣިޔާޘުއްދީނުގެ ގައުމީ އަދި ދީނީ ޖިހާދުތަކުގެ ތެރެއިން އެއްޖިހާދަށް ބަލައިލަމާބަހީއެވެ. އެރަދުންގެ ރަސްކަމުން ދެވަނަ އަހަރު މީލާދީން 1768 ގައި ދިވެހިރާއްޖެ ހިފާން ވަރަށްވެސް ބޮޑު ލަޝްކަރަކާއިގެން ހޮޅީން އައެވެ. ކަންނަންނޫރުގެ ވެރިޔާ އަލީރާޖާ ފޮނުވި ފްލީޓް ނުވަތަ އަރުމާދުގައި ހަ ނަވާއި ނުވަ އޮޑި ހިމެނުނެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް މިރާއްޖެއާ ތޮޅެން ހޮޅިން ގެނައި އެންމެ ބޮޑު ލަޝްކަރެވެ. އެންމެ ބޮޑު ފްލީޓެވެ. މިހާވަރުގަދަ އާރާއި ބާރާއެކު އައިސް ދިވެހިރާއްޖޭގެ ވެރިރަށް މާލެއާ ދިމާކުރީ ޔަގީނުންވެސް ކާމިޔާބުވާނޭ ކަމަށް ބަލައިގެންނެވެ. އެކަމަކު ހޭލައި ހުޝިޔާރުކަންމަތީ ހުންނެވި ޣިޔާޘުއްދީނު ރަދުންނާއި އެރަދުންގެ ފަހަތްޕުޅުގައި ސާބިތުވެއޮތް ދިވެހި ލަޝްކަރުގެ ކުރިމަތީގައި ހޮޅީން ބަލިވެގެން އެންމެފަހުން ބަޗައިގެންވެސް ދިޔައީއެވެ.

މާލެއަށް އަމާޒުކޮށްފައި ބޮޑުބަޑީގެ 597 އުންޑަ ދުޝްމަނުން ފޮނުވައިލިއެވެ. ދުޝްމަނުންގެ ގުރާބުތަކަށް އަމާޒުކޮށްފައި އެއަށްވުރެ މާގިނައިން ދިވެހީން އުންޑަ ފޮނުވައިލިއެވެ. އުންޑައިގެ ވާރެއިން ސަލާމަތްވެވޭނޭ އެހެން މަގެއް ނުފެނިގެން އެތައްއެތައް ގެއްލުންތަކެއް ލިބުމާއެކު ދުޝްމަނުން އައިކޮޅަށް އެންމެފަހުން އަނބުރައިލީއެވެ. ދިވެހި ލަޝްކަރުގެ ކޮމާންޑަރަކީވެސް ޣިޔާޘުއްދީނެވެ. ލަޝްކަރާއެކު މައިދާނުގައި ހުންނަވައިގެންނެވެ. ހިތްވަރާއި އަޒުމާއި ރޭވުންތެރިކަމުގެ ނަމޫނާ ދައްކަވަމުންނެވެ. ވަކިގޮތެއް ނުބަލައި މާލޭގެ އެތަންމިތަނަށް ދުޝްމަނުން ފޮނުވައިލި އުންޑަތައް ބައެއް ގޭގެއަށް އަރައި ދެ އަންހެނަކާއި ތުއްތު ކުއްޖަކު ޝަހީދުވި ކަމަށް ދިވެހި ތާރީޚުގައި ބަޔާންވެގެންވެއެވެ. މި ޖިހާދުގެ ތަފްސީލުތައް ޚުދު ޣިޔާޘުއްދީނު ރަދުންގެ އަމިއްލަފުޅު ގަލަންކޮޅުން ލިޔުއްވައިފައިވެއެވެ.

ޣިޔާޘުއްދީނު ރަދުންނަކީ ކަނޑިހެވިކަމަށްވެސް އަރައިހުންނެވި ބަތޮލެކެވެ. އެކަން ހޮޅީންވަނީ އެއްފަހަރަށްވުރެ ގިނަ ފަހަރުމަތިން ތަޖުރިބާކޮށްފައެވެ. ކަނޑިކޮޅާއި އެއްވަރަށް އެރަދުންގެ ގަލަންކޮޅުވެސް ހިނގިއެވެ. ގަލަމުގެ ހުނަރަކީ އެރަދުންގެ ޚާންދާނުގެ ތެރޭގައި މިހާތަނަށްވެސް ދެމިގެން އައިސްފައިވާ ހުނަރެކެވެ. ދިވެހި ތާރީޚާއި ސަގާފަތަށް ޚިދުމަތްކުރާ މަޖިލީހުން 1981 ވަނަ އަހަރު ނެރުއްވި "ހާޖީ ބަންޑާރައިންގެ ހަނގުރާމަ" މިފޮތުގައި އަލްއުސްތާޒު އިބްރާހިމް ޝިހާބު ލިޔުއްވައިފައިވަނީ ޣިޔާޘުއްދީނަކީ ޣާޒީއެއް ކަމުގައެވެ. އައްސުލްޠާނުލް ޣާޒީ މުހައްމަދު ޣިޔާޘުއްދީނު ކަމުގައެވެ. ޝިހާބަކީ ދިވެހި ތާރީޚާއި ސަގާފަތުގެ ތެރެއަށް ވަރަށް ރަނގަޅަށް، ވަރަށް ބޮޑަށް ވެދެވަޑައިގެން ހުންނެވި ބޭފުޅެކެވެ. އެހެންވީމާ އެމަނިކުފާނު ލިޔުއްވައިފައި އެވަނީ ރަނގަޅަށެވެ.

ތާރީޚުން ފެންނާންހުރި ހެކިތައް ދައްކާގޮތުން ޣިޔާޘުއްދީނު ރަދުންނަކީ ވަރަށްވެސް މާތް އަޚުލާގެއްގެ ވެރިއެކެވެ. އާންމު ރައްޔިތުންގެ ލޯބި ވަރަށް މަތީދަރަޖައަކަށް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އިލްމީ ރޮނގުންވެސް ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. ދިވެހިރާއްޖެއިން ފެންނާންއޮތް އެންމެފުރަތަމަ ދިވެހިރަދީފު ކަމަށްވާ ޣިޔާޘުއްދީނުގެ ބަސްފޮތް އެކުލަވައިލެއްވިއެވެ. ދިވެހި ބޭސްވެރިކަމުގެ ފޮތަކާއި ދިވެހީންގެ އެޒަމާނުގެ އާދަކާދަތައް ހިމެނޭ ފޮތެއްވެސް ލިޔުއްވިއެވެ. އަދިވެސް ކިތަންމެ ފޮތެކެވެ. މާލޭގެ ދިފާއަށްޓަކައި ގާއިމުކުރެވުނު އެންމެ ވަރުގަދަ ބިނާކަމަށްވާ އާކޯއްޓޭ ބުރުޒަކީ ޣިޔާޘުއްދީނުގެ މޭސްތިރިކަމުގައި އެރަދުން ފަރުމާކުރެެއްވި ކޯއްޓޭއެކެވެ. މިޒަމާނުގައި ކޯއްޓޭތަކުގެ ބޭނުން ކެނޑުމާ ހަމަޔަށް އެއީ މާލޭގެ އެއްވަނަ ދިފާއެވެ.

ސުލްޠާން މުހައްމަދު ޣިޔާޘުއްދީނު ޝަހީދުކޮށްލެވުނީ އެރަދުންގެ ރަސްކަމުން 8 ވަނަ އަހަރު މީލާދީން 1774 ގައެވެ. ދިވެހި ގައުމަށް ޚިޔާނާތްތެރިވި ޚާއިނުންގެ ބަޔަކު މަކަރުވެރި، އަދަރުވެރި ގޮތެއްގައި އެރަދުން ޝަހީދުކޮށްލީއެވެ. ހުރާގޭ މުހައްމަދު މަނިކުފާނު އިސްކޮށްހުރެގެން ދިވެހި ރަސްކަމުގެ އެދުމުގައެވެ. ޣިޔާޘުއްދީނު ހައްޖަށް ވަޑައިގެންފައި އެނބުރި ރާއްޖެއަށް ވަޑައިގެންނެވިތަނާ ބަރޯސީ ބަނދެފައި މާލެއާގާތުން ވާދޫކަނޑަށް ފައްތައިގެންނެވެ. މި ޖަރީމާ މިމަގުން ހިންގައިފައި އެކަން ގިރިޓީކޮށް، އައު ރަސްކަމުގެ ރަމްޒެއްގެ ގޮތުން ޣިޔާޘުއްދީނުގެ ގަނޑުވަރު މުގުރައިގެން އެއްކުރި ވަކަރުތަކުން ހެދި ބިނާ މިއަދުވެސް ކުރީގެ ދިރާގު އިމާރާތް ހުރި ތަނުން އެފެންނަނީއެވެ. ހަގީގަތުގައި އެއީ މޮނިއުމަންޓެކެވެ. އަދުލުވެރި ޚިދުމަތްތެރި ދީންވެރި ޣާޒީއަކު ޝަހީދުކޮށްފައި އެކަން ފޮރުވުމަށް ހެދި މޮނިއުމަންޓެކެވެ.