މިދަނޑިވަޅަކީ ސަރުކާރުގެ ހަރަދުތައް ހަމަޖައްސަަން ޓެކްސް ރޭޓު އިތުރުކުރަން ވީ ވަގުތު ނޫން ކަމަށް ބުނެ ޖީއެސްޓީ ބޮޑުކުރުމާއި މެދު އެމްއެމްއޭ އިން ދެކޮޅު ހަދައިފި އެވެ.
އަންނަ އަހަރަށް ސަރުކާރުން ލަފާކުރާ ބަޖެޓާ ގުޅޭގޮތުން މަރުކަޒީ ބޭންކު، އެމްއެމްއޭ ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ލަފާގައި ފާހަގަކޮށްފައިވާ ގޮތުން ސަރުކާރުން ޓެކްސް ބޮޑުކުރާ ބޭނުން 2023 ގެ ބަޖެޓުން ހާސިލެއް ނުވެއެވެ.
އެމްއެމްއޭއިން ބުނީ އެ އޮތޯރިޓީން ތައްޔާރުކޮށްފައިވާ އިންފްލޭޝަން ފޯކާސްޓު ރިޕޯޓުން ދަައްކާގޮތުން 2023 ވަނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ހުންނާނީ 5.4 ޕަސެންޓުގައި ކަމަށެވެ. އޭގެ ތެރެއަށް ޖީއެސްޓީ ރޭޓު އިތުރުކުރުމުން އަންނަ އަހަރުގެ ހަތަރު ކުއާޓަރުގައިވެސް އިންފްލޭޝަން ރޭޓް 2.2 ޕަސެންޓަށް އުފުލޭނެ ކަމަށް ލަފާކުރެވޭ ކަމަށް ފާހަގަކޮށްފައިވެ އެވެ. އޭގެ ސަބަބުން ވިޔަފާރި ފައިދާ އިތުރުކުރުމަށް ބައެއް ވިޔަފާރިތަކުން މުދަލުގެ އަގުތައް މަތިކުރުންފަދަ ބަދަލުތަކާއެކު ނުސީދާ ގޮތުންވެސް މުދަލާއި ހިދުމަތުގެ އަގު 2.2 ޕަސެންޓަށްވުރެވެސް އިތުރަށް އުފުލިގެން ދިއުން އެކަށީގެންވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެ އޮތޯރިޓީން އިތުރަށް ބުނީ ޓީޖީއެސްޓީ ރޭޓު އިތުރުކުރުމުގެ ސަބަބުން ޓޫރިޒަމްގެ ސިނާއަތަށް އަންނާނެ ބަދަލުތައް ދެނެގަނެވިފައި އޮތުމަކީ މުހިއްމުކަމެއް ކަމަށް ދެކޭ ކަމަށާއި ޓީޖީއެސްޓީ ރޭޓަކީ ސަރުކާރުގެ ހަރަދުތައް ހަމަޖައްސެމަށް ބަދަލުކުރާ ސިޔާސަތަކަށް ނުހެދުމަށް ލަފާދޭ ކަމަށެވެ.
ޓެކްސް ރޭޓު އިތުރުކުރުމަކީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލަފާދީފައިވާ ކަމެއް ނަމަވެސް ސަރުކާރުގެ އާމްދަނީ އިތުރުކުރުމަށް ޓެކްސް ރޭޓަށް ގެންނަ ބަދަލުތަކުގެ އެންމެ މުހިންމު ބޭނުންކަމަށްވާ ބަޖެޓު ޑެފިސިޓް ކުޑަކުރުން 2023ގެ ބަޖެޓުން ހާސިލުނުވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭއިން ލަފާދީފައިވަނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާ މިދަނޑިވަޅުގައި ޓެކްސް ރޭޓު ބޮޑުކުރުމުގެ ބަދަލުގައި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އިސްކަމެއް ދިނަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު