މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިޔުއެމް) އިން ފަންޑެއް ހުޅުވައިފިއެވެ.
އެމްއެމްޑަބްލިޔުއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ފަންޑުގެ ބޭނުމަކީ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކައް ބޭނުންވާ ޒަރޫރީ ތަކެއްޗާއި ހާދިސާގެ ސަބަބުން ބޯހިޔާވަހިކަން ގެއްލިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި މަރުވި 10 ބިދޭސީންގެ އާއިލާތަކަށްވެސް ފަންޑަށް ލިބޭ ފައިސާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.
އެ ފަންޑު ހުޅުވާފައި ބަހައްޓަން ނިންމާފައިވަނީ 48 ގަޑިއިރަށެވެ. ފަންޑަށް ފައިސާ ޖަމާކުރަން ބޭނުންވާ ފަރާތްތަކުން 7730000378559 އެކައުންޓަށް ދިވެހި ރުފިޔާ އަދި 7730000378560 އެކައުންޓަށް އެމެރިކާ ޑޮލަރު ޖަމާކުރެވޭނެއެވެ. ފައިސާ ފޮނުވުމަށްފަހު 7384994 ނަމްބަރަށް ސްޕިލް ފޮނުވުމަށް އެ މިޝަނުން އެދެއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިއްޔެ ބުނެފައިވާ ގޮތުން، ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު ހަތަރު ގޭބިސީއެއްގެ 35 ދިވެހިންނާއި ނިރުފެހި ގެއިން ސަލާމަތްކުރި 28 ބިދޭސީން އަދި ހަތް ކުޑަކުއްޖަކު އެ އިދާރާގައި ރަޖިސްޓްރީކޮށްފައިވެއެވެ. އަދި އެ މީހުންނަށް އެހީވާން 95،000 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.