ގާތްގަނޑަކަށް 30 ވަރަކަށް އަހަރުގެ މެދުކެނޑުމަކަށްފަހު މާލޭގެ މެދު ޒިޔާރަތުގައި އިހު ހުރި ގޮތަށް ދިދަ ނަގަން ފަށައިފިއެވެ.

އާޓްސް އެންޑް ކަލްޗާ މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ, މާލޭގެ މެދު ޒިޔާރަތުގައި އަލުން ދިދަ ނަގަން ނިންމީ އެތަންތަނަށް ކުރާ އިހުތިރާމް ކުރުމުގެ އިތުރުންނާއި އާސާރީ ތަންތަން އިހު ހުރި ގޮތުގެ ސަގާފަތް ގެއްލި, އެކަން އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓުމުގެ ގޮތުން ކަމަށެވެ.

މެދު ޒިޔާރަތުގައި ދިދަ ނެގުމުގެ އިތުރުން އެތަނުގެ އެތެރޭގައި ކުރި ފާނޫޒު ބަންތިތައްވެސް ބަދަލުކޮށް, ކަރަންޓުން ދިއްލޭ ގޮތަށް ވަނީ ހަދައިފައެވެ.

އޮފިޝަލް ވިދާޅުވީ, ސަގާފީ ތަންތަން ޒީނަތްތެރިކުރުމަކީ އަންނަ އޮތް ޖީލުތަކަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން މި ސަރުކާރުން އެފަދަ ތަންތަނުގެ އާބާތުރަ ފިލުވަމުންދާ ކަމަށް ވިދާޅުވިއެވެ.

މާލޭ މެދު ޒިޔާރަތަކީ މީލާދީން 1153 ވަނަ އަހަރު ރާއްޖެއަށް އިސްލާމް ދީން ގެނެސްދެއްވި އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައިވާ ޒިޔާރަތެވެ. ބަރުބަރީގެ އިތުރުން 1692 ވަނަ އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި އަރަބިކަރައިގެ ބޭފުޅެއް ކަމަށްވާ ސައްޔިދު ވެސް މެދު ޒިޔާރަތުގައި ފަސްދާނުލާފައިވެ އެވެ.

މެދު ޒިޔާރަތަކީ ކުރިން ނަދުރު ބުނަމުން އައި ތަނެކެވެ. އެ ތަނަށް ނަދުރު ބުނުން ސަރުކާރުން މަނާކުރީ 1957ގަ އެވެ. މެދު ޒިޔާރަތް ބިނާ ކުރި ސީދާ ތާރީހު އެނގޭކަށް ނެތް ނަމަވެސް ކުރިން ފަނުން ހަދާފައި ހުރި އެ ޒިޔާރަތް މިހާރު އެ ހުރި ގޮތަށް ހެއްދެވީ ޝަމްސުއްދީނުގެ ރަސްކަމުގައި އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ.