ޔުކްރޭނުގެ ހަނގުރާމައަށް މަޝްވަރާގެ ރިވެތި އުސޫލުގެ ތެރެއިން ނިމުމެއް ގެނައުމުގެ ވާހަކަތަކަށް މިދުވަސްވަރު އަނެއްކާވެސް އައު ދިރުމެއް ވަނީ އައިސްފައެވެ. ރަޝިޔާއާ ވާހަކަ ދައްކައިގެން މި ހަނގުރާމައަށް ނިމުމެއް ގެންނަން ޔުކްރޭނު ތައްޔާރަށް އޮތްކަމުގެ ސިގުނަލް ދޭން އެމެރިކާއިންވެސް މިހާރު ފަރުދާގެ ފުރަގަހުގައި ބާރުއަޅަމުންދާ ކަމަށް އެމެރިކާގެ ރަސްމީ ފަރާތްތަކާ ހަވާލާދީ މިހަފުތާގައި ވޮޝިންޓަން ޕޯސްޓު ނޫހުން ރިޕޯޓުކޮށްފައިވެއެވެ. ރަޝިޔާގެ ރައީސްކަމުގައި ލަޑީމިއަރ ޕުޓިން ހުންނެވިހާ ދުވަހަކު ސުލްހައިގެ މޭޒުދޮށުގައި ނުއިށީންނާނެ ކަމަށް ބުނުންފަދަ ހަރުކަށިކަން ދޫކޮށްލުމަށް އެމެރިކާއިން މިހާރު ބާރުއަޅަމުންދާ ކަމަށްވެސް އެނޫހުން ބުނެއެވެ. ވާންމިއުޅެނީ ކީއްބާވައެވެ. ދެން ފެންނާނީ ކޮން މަންޒަރެއްބާވަައެވެ.
އެމެރިކާއަށް މިހާރު ގަބޫލުކުރެވޭގޮތުގައި ޔުކްރޭނުން މަޝްވަރާޔާ ދެކޮޅުހަދާކަމަށް ވެއްޖެނަމަ ދުނިޔޭގެ ތާއީދު ދާނީ ގެއްލެމުންނެވެ. މިހާރު ގިނަބައެއްގެ ހަމްދަރުދީއާއި ތާއީދު ލިބިގެންއޮވެ ސުލްހަވެރި ހައްލަކަށް މަސައްކަތްކުރާކަން ބޭރުފުށުންވިޔަސް ދެއްކުމަކީ މުހިއްމުކަމެކެވެ. ފަހަކަށްއައިސް ރައީސް ޒެލެންސްކީގެ ކިބައިން ފެންނަމުންދަނީ ބައިނަލްއަގުވާމީ ތާއީދު މުޅިން ގެއްލިގެން ހިނގައިދާނޭ ސިފަތަކެވެ. ރަޝިޔާގެ މިހާރުގެ ވެރިންނާ އެއްވެސް ގޮތަކުން މަޝްވަރާ ކުރުމެއްނެތްކަމަށާއި ދެން ސުލްހައިގެ ވާހަކަ ދައްކާނީވެސް އައުސަރުކާރެއް މޮސްކޯގައި ގާއިމުވިއިރަކުން ކަމަށް ބުނުމަކީ އޭގެތެރެއިން ކަމެކެވެ. ހުޅަނގުގެ ހަތިޔާރު އަބަދު ލިބޭނޭ ކަމަށް ހީކުރުމާއި އޭގެ އެހީގައި ރަޝިޔާ ބަލިކުރެވޭނޭކަމަށް ގަބޫލުކުރުންވެސް މީގެތެރޭގައި ހިމެނެއެވެ.
އެމެރިކާގެ ގާނޫނުހަދާ މަޖިލީހަށް ގިނައަދަދެއްގެ މެންބަރުން އިންތިޚާބުކުރުމުގެ ވޯޓުލުން މިހަފުތާގެ އަންގާރަދުވަހު ފެށިފައިވާއިރު މިއީވެސް ސުލްހަޔާ ދިމާލަށް މިސްރާބު ހިފުމަށް މަޖުބޫރުވެފައިވާ ސަބަބެކެވެ. މި އިންތިޚާބުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާނީ ރިޕަބްލިކަން ޕާޓީކަމަށް ވަނީ ހީކުރެވިފައެވެ. ރިޕަބްލިކަން ޕާޓީގެ ގިނަ ބޭފުޅުންގެ ވިސްނުމުގައި އެމެރިކާއިން ޔުކްރޭނަށް ކުރާ ހޭދައަކީ ބޭކާރު ހޭދައެކެވެ. އެމެރިކާގެ ސިޔާސަތަކަށްވާންޖެހޭނީ ސުލްހަޔަށް މަގުފަހިކުރުމުގެ ސިޔާސަތެވެ. އަލިފާނަށް ދަރުއަޅައި ޔުކްރޭނަށް ހުވަފެންދެއްކުން ހުއްޓުމަކަށް ގެންނާން ޖެހޭނެއެވެ. މިވިސްނުން ގެންގުޅުއްވާ ބޭފުޅުންނަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބުނީމާ ރައީސް ބައިޑެން މިހާރު އެގެންގުޅުއްވާ ސިޔާސަތު ދަމަހައްޓަވަން ވަރަށް އުނދަގޫވާނެއެވެ.
ކޮންމެވެސް ސިފައެއްގައި މަޑުމައިތިރިކަން ކުރިއަށް ނެރެގެން ސުލްހައިގެ ދޮރެއް ހުޅުވޭތޯ ބެލުމަކީ ރަޝިޔާއަށްވެސް މިހާރު މަޖުބޫރުވެފައިވާ ކަމެކެވެ. ބައިނަލްއަގުވާމީ ސަފުތަކުން އެކަހެރިވެގެން އަބަދު އޮތުމަކީ ރަޝިޔާގެ މަސްލަހަތު ނިޔާކުރާ ގޮތެއްވެސް ނޫނެވެ. ރަޝިޔާ ސިފައިން ޔުކްރޭނަށް އަރައި ހިފި ސަރަހައްދުތަކުގެ ތެރެއިން ގާނޫނީގޮތުން ރަޝިޔާއާ އެއްކޮށްލި ސަރަހައްދުތަކުގެ މައްޗަށް ރަޝިޔާގެ ސިޔާދަތު އޮތްކަމަށް ބިލަރޫސް އާއި އުތުރު ކޮރެޔާ ފިޔަވައި އެހެން އެއްވެސް ބަޔަކު ގަބޫލެއް ނުކުރިއެވެ. ޗައިނާއާއި އިންޑިޔާފަދަ ގައުމުތަކުން ރަޝިޔާއަށް އެހީވިޔަސް، އަދި އީރާނާއި ކަޒަކަސްތާނުފަދަ ގައުމުތަކުން ރަޝިޔާއަށް އެހީވިޔަސް މިދެންނެވި ސަރަހައްދުތަކަކީ ރަޝިޔާގެ ބައެއްކަމަށް އެގައުމުތަކުން ގަބޫލެއް ނުކުރެއެވެ. ގަބޫލުކުރާކަމަކަށް ނުބުނެއެވެ.
މިކަންކަން މިހެންއޮތީމާ އުދަރެހުން ފެންނަނީ ދާދިއަވަހަށް މަޝްވަރާގެ މޭޒުދޮށަށް ދެބައިމީހުންވެސް ހާޒިރުވެދާނޭކަމުގެ ކުލަވަރުތަކެވެ. މިހާތަނަށްވެސް އެކަން ނުފެށި އެއޮތީ ހުޅަނގުގެ ގައުމުތަކުން ޔުކްރޭނަށް ދައްކަމުންދާ ހުވަފެންތަކުގެ ސަބަބުންނެވެ. ރަޝިޔާއިން ބުނާގޮތުގައި އެގައުމު އޮތީ ކޮންމެ ވަގުތެއްގައިވެސް މަޝްވަރާކުރަން ތައްޔާރަށެވެ. އެކަން ނުފެށި ލަސްވުމުގެ ސިއްރަކީ ޔުކްރޭނެވެ. ރަޝިޔާއާއި އެއްކޮށްލާފައިވާ ސަރަހައްދުތައް ދޫކޮށްލުމަކީ މަޝްވަރާކުރާނޭ ކަމެއް ނޫންކަމަށާއި ކުރެވޭނޭ ކަމެއްވެސް ނޫންކަމަށް މޮސްކޯއިން ބުނެއެވެ. އެނޫން އެހެން ހުރިހާ ކަމަކާމެދު މަޝްވަރާކުރަން ރުހިގެން އޮތްކަމަށްވެސް ބުނެއެވެ. މިހިސާބުން އުފެދޭ ސުވާލަކީ ރަޝިޔާއިން މަޝްވަރާ ކުރުމެއްނެތޭ އެބުނާ ބިންތައް އަނބުރައި ލިބޭން ނެތް ގޮތަކަށް މަޝްވަރާކުރަން ޔުކްރޭނު އެއްބަސްވެދާނެތޯއެވެ.
ރައީސް ޕުޓިންގެ ވެރިކަން ދެމިއޮތްހައި ދުވަހަކު ވާހަކަދެއްކުމެއްނެތޭ ބުނަމުންއައި ބުނުން ޔުކްރޭނުން ކުއްލިއަކަށް މިހާރު ދޫކޮށްލައިފިއެވެ. ޕުޓިންގެ ވެރިކަން ނިމުމަކީ މިހާރު ޝަރުތެއް ނޫނެވެ. އެކަމަކު ވާހަކަތައް ފެށުމަށް އަދިވެސް ޔުކްރޭނުގެ ޝަރުތުތަކެއް އެބަހުއްޓެވެ. އޭގެތެރެއިން އެންމެ މުހިއްމު ޝަރުތަކީ ހިފާފައިވާ އެންމެހައި ބިންތަކުން ރަޝިޔާ ސިފައިން ފޭބުމެވެ. ފެންނަ ފެނުމުގައި މިއީ މަޝްވަރާތައް ނުފެށި މަރުތަޅު އެޅިފައި އޮތުމަށް މެދުވެރިވެދާނެ ސަބަބެކެވެ. އެކަމަކު ޔަގީނާގާތަށް ގަބޫލުކުރެވޭ ގޮތުން ހުޅަނގުން މަޖުބޫރު ކުރަންޏާ ޔުކްރޭނުގެ މިޝަރުތު އެއްފަރާތްކޮށްފައި މަޝްވަރާގެ މޭޒުދޮށުގައި އިށީންނާނެއެވެ. ހަނގުރާމަ ދިގުލައިގެންގޮސް ޚަރަދުތައް ބޮޑުވެ ހުޅަނގުގެ ގައުމުތަކަށް އޮބިނޯންނަ ހިސާބަށް މިހާރު އެދިޔައީއެވެ. ނުވަތަ ދަނީއެވެ. އެމަންޒަރު މިހާރު އެބަފެނެއެވެ.