ދިވެހިރާއްޖޭގެ ތާރީޚު

ޖުމްހޫރީ ދަތުރު: ވެރީންނާއި ބޮޑުންގެ ނިންމުމެއް، އޭރުގެ ދިވެހީންނަކީ ވެރީންނަށް ކިޔަމަންތެރިވުމުގެ ނަމޫނާއެއް

މުހައްމަދު ނާޖިހު

2

ޖުމްހޫރީ ވެރިކަމުގެ ނިޒާމަކީ ޤައުމުގެ އެންމެ މަތީ ބާރު އެ ޤައުމެއްގެ ރައްޔިތުންނާއި، ރައްޔިތުން އިންތިޚާބުކުރާ ބައެއްގެ އަތުގައި އޮންނަ ނިޒާމެކެވެ. މިފަދަ ނިޒާމެއްގައި އެ ޤައުމެއްގެ ދައުލަތުގެ އެންމެ މަތީ ވެރިޔަކަށް ހުންނަ ފަރާތަކީވެސް ރައްޔިތުން، ނުވަތަ ރައްޔިތުން އިންތިޚާބުކުރާ މަންދޫބުން ވޯޓުދީގެން ހޮވާ ރައީސްއެކެވެ. އެއީ ރަސްކަމުގެ ނިޒާމާ މުޅީން ތަފާތު ނިޒާމެކެވެ. އެ ނިޒާމުގައި ދައުލަތުގެ ވެރިޔާއަކީ ވެސް އަދި ސަރުކާރުގެ ވެރިޔާއަކީ ވެސް ރައްޔިތުން، ނުވަތަ ރައްޔިތުން ހޮވާ މަންދޫބުން، ރައްޔިތުންގެ ތެރެއިން އިންތިޚާބުކުރާ މީހެކެވެ. ޖުމްހޫރީ ވެރިކަމުގެ ނިޒާމަކީ އެމެރިކާގެ ކުރީގެ ރައީސް އެބްރެހެމް ލިންކަން ވިދާޅުވެފައިވާ ފަދައިން، "ރައްޔިތުންގެ ފަރާތުން، ރައްޔިތުންނަށްޓަކައި ރައްޔިތުން ހިންގާ ސަރުކާރެއްގެ" މައްޗަށް އެކުލެވިގެންވާ ނިޒާމެކެވެ.

ދިވެހިރާއްޖޭގެ ރައްޔިތުން އިންތިޚާބުކުރި ވެރިޔަކާއި، ރައްޔިތުން ހޮވި މަންދޫބުންގެ މައްޗަށް އެކުލެވިގެންވާ ވެރިކަމުގެ ނިޒާމެއް ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމުކުރެވުނީ 1 ޖެނުއަރީ 1953 ގައެވެ. އާދެ، ދިވެހީންގެ ޒަމާންވީ ބޯދާ ރަސްކަމުގެ ނިޒާމް އުވާލުމަށްފަހުގައެވެ. އޭގެ ކުރިން ދިވެހިރާއްޖޭގެ އެނގެން އޮތް ތާރީޚުގެ ހުރިހާ ދުވަސްވަރެއްގައި ވެސް ދިވެހިރާއްޖޭގައި އޮތީ މި ސަރަހައްދުގެ ބޯދާ ރަސްކަމުގެ އުސޫލުތަކާ އެއްގޮތަށް ތަރުތީބުވެފައި އޮތް ރަސްކަމުގެ ނިޒާމެކެވެ. ވަރަށް ވެސް ސަގާފީ ގޮތަކަށް، ދިވެހީންގެ ހުރިހާ ކަމަކާ ގުޅި ލާމެހިފައި އޮތް ރަސްކަމުގެ ނިޒާމެކެވެ. އެހެންނަމަވެސް 1 ޖެނުއަރީ 1953 ގައި އަލަށް ގެނައި ޖުމްހޫރީ ނިޒާމެއް ގެންނަންޖެހުނީކީ އެއްގޮތަކަށްވެސް ދިވެހި ރައްޔިތުންނަށް ދިވެހީންގެ ސަގާފީ ރަސްކަމުގެ ނިޒާމް ކަމުނުގޮސްގެން، އެ ނިޒާމާ މެދު ހިތްހަމަނުޖެހިގެން، ނުވަތަ ލިބެންޖެހޭ ޙައްޤުތަކެއް ނުލިބިގެން، ރައްޔިތުން މަގުތަކަށް އެއްވެ، އެކަމަށް އެދި ގޮވުމުގެ ނަތީޖާއެއްގެ ގޮތުންނެއް ނޫނެވެ. މީގެ 69 އަހަރު ކުރީން ދިވެހިރާއްޖެ ޖުމްހޫރިއްޔަތަކަށް ބަދަލުވީ އޭރު ޤައުމު ހިންގަން ތިއްބެވި ސިޔާސީ ވެރީންނަށް އެ ނިޒާމް ގެންނަވަން ފެނިވަޑައިގެން، މަޑުމަޑުން، ހަރުފަތަކަށްފަހު ހަރުފަތަކުން، ރަސްކަމުގެ ބާރުތަކާއި، އުޞޫލުތައް ބަލިކަށިކުރައްވަމުން ވަޑައިގެން ރަސްކަމުމުގެ ނިޒާމް އޭގެ އަމިއްލަ ޒާތުގައި ނައްތާލުމަށްފަހުގައެވެ.

ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރެއްވި އެޗް.ސީ.ޕީ. ބެލް، އޭނާ ލިޔުއްވި "ދަ މޯލްޑިވް އައިލެންޑްސް: 1920" ގައި ލިޔުއްވާފައިވެއެވެ. "ވޭތުވެގެން ދިޔަ ގިނަ ޤަރުނުތަކުގައި، އަދި ލަފާކުރެވޭ ގޮތުން ރަސްކަމުގެ އެންމެ އެވޭލާ ޒަމާނުގައިވެސް، ދިވެހިރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމަކީ ވަރަށް މަތިވެރި ދަރަޖައަކަށް ދުސްތޫރީ ރަސްކަމުގެ ނިޒާމެކެވެ." ބެލް ލިޔުއްވާފައި އެވާ ދުސްތޫރީ ރަސްކަމުގެ ނިޒާމަކީ ލިޔެވިފައިވާ ދުސްތޫރެއްގެ މައްޗަށް، އާދެ، މި ޒަމާނުގައި މިކިޔާ ޒާތުގެ ޤާނޫނުއަސާސީއެއްގެ މައްޗަށް ބިނާވެފައި އޮތް ނިޒާމެއް ނޫނެވެ. އެއީ އާދަކާދަތަކެއްގެ މައްޗަށް ބިނާވެފައި އޮތް ނިޒާމެކެވެ. ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނުއަސާސީއެއް ލިޔެވި ބޭނުންކުރާން ފެށުނީ މީގެ 90 ވަރަކަށް އަހަރު ކުރީ 22 ޑިސެންބަރު 1932 ގައެވެ. އޭރު ރަސްކަމުގެ ތަޚުތުގައި އިންނެވީ ހުރާ ދަރިކޮޅުގެ 10 ވަނަ ރަސްގެފާނު އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 3 އެވެ. ދިވެހިރާއްޖޭގައި އޮތް ބޯދާ ރަސްކަމުގެ ނިޒާމް ބަލިކަށިވާން ފެށި ހިސާބަކީ މިއީ ކަމުގައި ދެންނެވިޔަސް ކުށަކަށްނުވާނެއެވެ. އާދެ، ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ލިޔެވި ހިންގަން ފެށުނު ޤާނޫނުއަސާސީއަކީ ވެސް ދިވެހީން ޙައްޤުތަކެއް ނުލިބިގެން ލެވި ހަޅޭކެއް ނަތީޖާއެއްނޫނެވެ. އޭގައި ޙައްޤުތަކުގެ ގޮތުގައްޔާއި އެނޫން ގޮތްގޮތަށް ލިޔެފައި ހުރި ގިނަ ވާހަކަތަކަކީ އޭރު ދިވެހީން މާ ފަރިތަ ވާހަކަތަކެއް ވެސް ނޫނެވެ.

ފުރަތަމަ ޤާނޫނުއަސާސީ ހިންގަމުން ދިޔަ ދުވަސްވަރު އޭރު ތިބި ސިޔާސީ ވެރީންނާ ރަސްގެފާނާ ދެމެދު އޮތް ގުޅުމަށް އައި ތަޣައްޔަރުކަމަކަށް ފަހު 1932 ގެ ޤާނޫނުއަސާސީވެސް "ވީދާލައި" އުވާލިއެވެ. އެއަށްފަހު 1934 ގައި ތާރީޚުގެ ތެރެއިން ފެނިގެން ދަނީ އިހުގެ ގޮތްމަތީން ރަސްކަން ކުރައްވަމުން ވަޑައިގެންނެވި އެންމެ ފަހުގެ ރަދުން ކަމުގައިވި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 3 ރަސްކަމުން ޢަޒުލުކުރެވުނު މަންޒަރެވެ. ދެން ދުވަސްކޮޅެއް ފަހުން އައްސުލްޠާން މުޙައްމަދު މުޢީނުއްދީން 2 ގެ ދަރިކަލުން މާޖެހިގަނޑުވަރު މަނިއްޕުޅަށް އައްސުލްޠާން ޙަސަން ނޫރައްދީންއޭ ކިޔައި ރަސްކަމަށް އިސްކުރި މަންޒަރެވެ. އޭރުގެ ބޮޑުވަޒީރަކީ ޤައުމުގެ އެންމެ ބާރުގަދަ ސިޔާސީ ލީޑަރު އަތިރީގޭ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ދަރިކަލުން އަލްއަމީރު މުޙައްމަދު ފަރީދު ދީދީއެވެ. މި ދުވަސްވަރު ރަދުން ވަލިއްޔުލްއަމްރު ކަމުގައި އަދި ބޮޑުވަޒީރު ސަރުކާރު ހިންގަވާ ވެރިޔާގެ ގޮތުގައި ހުންނަވަނިކޮށް އޭރުގެ ޚާރިޖީ ވަޒީރު، އާދެ، ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ދެވަނަ ދަރިކަލުން ޙަސަން ފަރީދަށް ދިވެހިރާއްޖޭގެ އެންމެ މަތީ ވަލީ އޮންނަ ގޮތަށް ހަމަޖެހިގެން ދިޔަ ތަންވެސް ފެނިގެން ދިޔައެވެ. ދެން ދުވަސްގަނޑަކުން ރަދުންނާއި ބޮޑުވަޒީރު އެއްވަރަކަށް އެންމެ މަތީ ވަލީއާ ޙަވާލުވެ ތިއްބަވާ ގޮތަށް ހަދައި، ސަރުކާރު ހިންގަވާ އެންމެ މަތީ ވެރިޔާއަކީ ދާޚިލީ ވަޒީރުކަމުގައި އޮތް ދުވަސްވަރެއް ވެސް ފެނިގެން ދިޔައެވެ. ދެން ފެނިގެން ދިޔައީ ރަދުންނާއި ބޮޑުވަޒީރު އެއްފަހަރާ އިސްތިޢުފާ ދެއްވައި، ރަސްކަމުގެ ހުރިހާ ކަމެއް ވަލީ ކޮމެޓީއަކުން ބަލަހައްޓަމުން ދިޔަ މަންޒަރެވެ. އޭގެ ފަހުން ފެނިގެން ދިޔައީ ޤާނޫނުުއަސާސީ ބަދަލުކޮށް ހުރާ ރަސްދަރިކޮޅާ، އާދެ، ދޮންބަންޑާރައިންގެ ދަރިކޮޅާ ގުޅުމެއް ނެތް ސިޔާސީ ލީޑަރެއް ކަމަށްވާ އަތިރީގޭ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ދިވެހި ރަސްކަމަށް އިންތިޚާބު ކުރެވުނު މަންޒަރެވެ. ނަމަވެސް އެ ކިލެގެފާނު އެކަން ޤަބޫލުފުޅު ނުކުރައްވައި އުޅުއްވަނިކޮށް އަވަހާރަވީއެވެ.

ރަންނަބަނޑޭރި ކިލެގެފާނު އަވަހާރަވުން ވެރިކަމާއި ވެރިކަމުގެ ނިޒާމު ފާޑެއްގެ ހުސްކަމެއްގެ ތެރެއަށް ދިޔައެވެ. އެއަށް ފަހު ޤައުމުގައި ހުރިހާ ގޮތަކުންވެސް ވެރިކަންކުރާން، އެއީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ވެސް އަދި ސަރުކާރު ހިންގަވާ އެންމެ މަތީވެރިޔާގެ ގޮތުގައި ވެސް، އޭރުގެ ބޮޑުވަޒީރު އަދި ދާޚިލީ ވަޒީރު އަތިރީގޭ މުޙައްމަދު އަމީން ދީދީ ނޫން މީހަކު ނެތްކަމުގައިވިއެވެ. ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުކޮށްލަން ސީދާ ފެށުނު ހިސާބަކީ މިއީ ކަމުގައި ދެންނެވިދާނެއެވެ. މިގޮތުން އެޅުނު ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މުޙައްމަދު އަމީން ދީދީއަކީ ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުކަމުގައި ހަމަޖައްސައި އެނަމުގައި އޭނާ ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިކަން ހިންގަވާން ފެއްޓެވިއެވެ.

އޭގެ ފަހުން 12 އޭޕްރީލް 1952 ގައި ރައްޔިތުންގެ މަޖިލީހުގައި "ދިވެހިރާއްޖޭގެ ވެރިކަން ބާއްވާނެ އުޞޫލަކާމެދު" ބަހުސްކޮށް، އެކަން ހަމަޖެއްސުމަށްޓަކައި ޚާއްޞަ ކޮމެޓީއެއް ނެގުނެވެ. މުޙައްމަދު އަމީން ދީދީގެ އަމިއްލަ ގެކޮޅު ކަމުގައިވާ "އަތިރީގޭ" ގައި މި ދެންނެވި ކޮމެޓީގެ ޖަލްސާތަކެއް ބޭއްވުމަށްފަހު "މިތަން ޖުމްހޫރިއްޔަތަކަށް، ހަދާލުމަށް، ޟަރޫރަތްތެރިކަން މަޖުބޫރުކޮށްފިކަމަށް" ނިންމައި އެބަދަލު ގެނައުމަށްޓަކައި މާލެއާއި، އެތަންވަޅު މާލޭގައި ތިބި ރާއްޖެތެރޭގެ ރަށްރަށުގެ ރައްޔިތުންގެ ޢާއްމު ވޯޓެއްގެ ނަތީޖާއިން އެކަން އެގޮތަށް ބަދަލުކުރާން ނިންމުނެވެ. އެއަށްފަހު 14 އަދި 15 އޭޕްރީލް 1952 ގައި މާލޭގެ ރައްޔިތުންނާއި މާލޭގައި އެވަގުތު ހާޒިރުވެ ތިބި ރާއްޖެތެރޭގެ ރައްޔިތުން އެއްކޮށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓާ ގުޅޭ މަޢުލޫމާތު، ރައްޔިތުންނަށް ދެވުނެވެ. މިގޮތުން ދެވުނު މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި މުޙައްމަދު އަމީން ދީދީގެ ވާހަކަފުޅު ނިންމަވާލެއްވީ "ކަންދިމާވި އެތައް ގޮތަކުން ރައްޔިތުންގެ އެދުމުގެ މަތީން، މިތަން ޖުމްހޫރިއްޔަތަކަށް އަނބުރާލުމަށް ޟަރޫރަތްތެރިކަން ނިޔާކޮށްފިކަމުގައި" ވިދާޅުވުމަށްފަހުގައެވެ. ވާހަކަ ދެއްކެވި އެހެނިހެން ބޭބޭފުޅުންގެ ތެރެއިން އެއްގަމުގޭ އިބްރާހީމް ފާމުދޭރިކިލެގެފާނުވެސް، އުއްތަމަފަނޑިޔާރު މަނިކުފާނު ޢަބްދުﷲ ޖަލާލުއްދީންވެސް، ވެލާނާގޭ އިބްރާހީމް މުޙައްމަދު ދީދީވެސް، އަދި ބަގީޗާގޭ އިބްރާހީމް ޝިހާބުވެސް ވާހަކަފުޅު ދެއްކެވީ ޖުމްހޫރިއްޔަތަކަށް ތާއީދުކުރައްވާފައެވެ.

އާދެ، ޒަމާނުއްސުރެ ދިވެހި ރައްޔިތުންނަކީ ވެރީންނަށް ކިޔަމަންތެރިކަން އަދާކުރަމުން އައި ބަޔެކެވެ. އޭރު ޤައުމު ހިންގަވާން ތިއްބެވި ބޮޑުންނަށް ފެނިވަޑައިގެންނެވި އެންމެ ރަނގަޅު ނިޒާމަކަށް ރައްޔިތުންވެސް ތާއީދުކުރީއެވެ. މިގޮތުން 16 އޭޕްރީލް 1952 ގައި މާލޭގެ ރައްޔިތުންނާއި އެވަގުތު މާލޭގައި ހާޒިރުވެ ތިބި ރާއްޖެތެރޭގެ ރައްޔިތުންގެ މެދުގައި ނެގުނު ޢާއްމު ވޯޓަކުން ގާތްގަނޑަކަށް ސައްތައިންސައްތަ ނަތީޖާއަކުން ދިވެހިރާއްޖޭގެ ޒަމާންވީ ރަސްކަމުގެ ނިޒާމު އުވާލައި އަތިރީގޭ މުޙައްމަދު އަމީން ދީދީ ރައީސަކަށް ހުންނަވާ ގޮތަށް، އަދި ވެލާނާގޭ އިބްރާހީމް މުޙައްމަދު ދީދީ ނާއިބު ރައީސަކަށް ހުންނަވާ ގޮތަށް ޖުމްހޫރީ ވެރިކަމެއް ޤާއިމުކުރުމަށް ނިންމުނެވެ.

ޖުމްހޫރިއްޔަތަކަށް ބދަލުކުރަން ނިންމި ނިންމުމުގައި މާލޭގައި އެވަގުތު ހާޒިރުވެ ތިބި ބަޔަކު ފިޔަވައި އެހެން އެއްވެސް ރަށެއްގެ ރައްޔިތެއްގެ ބަހެއް ނެތެވެ. އެހެންނަމަވެސް ކުރީން ދެންނެވި ފަދައިން ދިވެހީންނަކީ ޒަމާނުއްސުރެ ވެރީންނަށް ކިޔަމަންތެރިކަން އަދާކޮށްގެން ތިބިބައެކެވެ. ކޮންމެއަކަސް ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރީ ވެރިކަން ފެށިގެން އައި ގޮތަކީ މިއީއެވެ. ނަމަވެސް އެ ނިޒާމް ފެށުމަށް ނެގި މުއްދަތަށްވުރެ ނިމުމަށް ނެގި މުއްދަތު ކުރެވެ. 16 އޭޕްރީލް 1952 ގައި ނެގުނު ވޯޓުން، އޭގެ 8 މަހާއި 14 ދުވަސް ފަހުން، 1 ޖެނުއަރީ 1953 ގައި އުފެދުނު ޖުމްހޫރީ ވެރިކަން، އޭގެ 7 މަހާއި 20 ދުވަސް ފަހުން، 21 އޮގަސްޓް 1953 ގައި ނިމި ތާރީޚަށް ވެގެން ދިޔައެވެ. އާދެ އެކަން ކުރެއްވި ބޭބޭފުޅުންގެ ބަހުންނަމަ އިންޤިލާބަކުންނެވެ.

21 އޮގަސްޓް 1953 އިން ފެށިގެން 6 މާޗް 1954 އާ ޖެހޭންދެން ދިވެހިރާއްޖޭގެ ވެރިކަން ހިންގަމުން އައީ އިބްރާހީމް ފާމުދޭރިކިލެގެފާނާއި ވެލާނާގެ އިބްރާހީމް މުޙައްމަދު ދީދީ އިސްވެ ތިއްބަވައިގެން އިންޤިލާބު ކޮމެޓީއެއްގެ ލަފާގެ މަތީންނެވެ. މި ދުވަސްވަރު ޖުމްހޫރީ ޤާނޫނުއަސާސީގެ ބަދަލުގައި، ރަސްކަމުގެ އުޞޫލަށް ފެތޭ އާ ޤާނޫނުއަސާސީއެއް އެކުލަވާލައި 31 ޖެނުއަރީ 1954 ގައި ރައްޔިތުންގެ މަޖިލީހުން އެ ޤާނޫނުއަސާސީ ފާސްކުރިއެވެ. އެއަށްފަހު 5 ފެބްރުއަރީ 1954 ގައި ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށްޓަކައި މާލޭގައި ޢާއްމު ވޯޓެއް ނަގައި އަލުން ރަސްކަމުގެ ނިޒާމް ޤާއިމުކޮށް އޭގެ ދަށުން 21 ފެބްރުއަރީ 1954 ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ދިވެހިރާއްޖޭގެ ތަޚުތަށް މުޙައްމަދު ފަރީދު ފާށަނާ ކިލެގެފާނު އިންތިޚާބުކުރިއެވެ. 7 މާޗު 1954 ގައި އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލްގެ ގޮތުގައި ރަސްކަމުގެ ތަޚުތުގައި އިށީނދެވަޑައިގަތުމަށްފަހު އާ ޤާނޫނުއަސާސީ ތަޞްދީޤުކުރައްވައި، އަލަށް އިންތިޚާބުކުރެވުނު ރައްޔިތުންގެ މަޖިލީހު ލަފާގެ މަތީން 11 މާޗު 1954 ގައި ވަޒީރުލްއަޢުޡަމް، އާދެ، ޤައުމުގެ ބޮޑުވަޒީރުކަމަށް އިބްރާހީމް ފާމުދޭރި ކިލެގެފާނު ޢައްޔަނުކުރެއްވިއެވެ.

އިބްރާހީމް ފާމުދޭރި ކިލެގެފާނުގެ ބޮޑުވަޒީރު ކަމުގައި، އަސްކަރީ މަރުކަޒެއް ޤާއިމުކުރުމަށްޓަކައި އައްޑުއަތޮޅު ގަން އިނގިރޭސީންނަށް ކުއްޔަށްދިނުމުގެ މައްސަލާގައި އުފެދުނު ސިޔާސީ ދެކޮޅުވެރިކަމެއްގެ ނަތީޖާއެއްގެ ގޮތުން 11 ޑިސެންބަރު 1957 ގައި ބޮޑުވަޒީރުކަމުގެ މަޤާމުން އިބްރާހީމް ފާމުދޭރި ކިލެގެފާނު އިސްތިޢުފާދެއްވިއެވެ. އެއަށްފަހު 12 ޑިސެންބަރު 1957 ގައި އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލް، ވެލާނާގޭ އިބްރާހީމް ނާޞިރަށް ބޮޑުވަޒީރުކަން ދެއްވިއެވެ. ދިވެހިރާއްޖޭގައި އޮތް ޒަމާންވީ ރަސްކަމުގެ ނިޒާމް އަލުން ނިމިދިޔުމުގެ ފެށުމަކީ މިއީ ކަމުގައި ދެންނެވިދާނެއެވެ. އެދުވަސްވަރު ގާތުން ދެކެވަޑައިގެން އަތްޕުޅުން ހިއްޕެވި އަލްއުސްތާޛު އިބްރާހީމް ޝިހާބު ލިޔުއްވާފައިވެއެވެ. "...އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރުކަމުން ދުވަސްކޮޅެއް ވުމަށްފަހު ރަދުންނާއި ވަޒީރުލްއަޢުޡަމާއި ދެމެދުގެ ގުޅުމަށް ކިލަނބުކަން ލިބެން ފަށައިފިއެވެ. ސަބަބަކީ ކީރިތި މަހާރަދުންނަށް ފެނިވަޑައިގަންނަވާ ގޮތާއި ބޮޑުވަޒީރަށް ފެނިވަޑައިގަންނަވާ ގޮތުގައި ހުރި ތަފާތުތަކެކެވެ. މިކަމުގައި އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލުގެ ކިބައިން ފެންނަމުން ދިޔައީ އެރަދުން މަޞްލަޙަތަށް ދެއްވާ މުހިއްމުކަމުގެ ބޮޑުކަމެވެ. ކޮންމެއަކަސް ނޭނގިތިބި ބަޔަކަށް ނޭނގުނު ކަމުގައިވިޔަސް ރާއްޖޭގެ ރަސްކަލެއްގެ ގޮތުން އޭނާއަށް ލިބިވަޑައިގަތް ބާރު ބައެއް ޙައްޤަށް ދައުލަތް ހިންގާ ފަރާތުން ސަމާލުކަން ދިނުން އޮތީ ކުޑަވެފައެވެ. މިކަމުގެ އެންމެ ފަހު ނަތީޖާއަކަށްވީ ދިވެހިރާއްޖޭގެ ރަސްކަން ދެވަނަ ފަހަރަށް ޖުމްހޫރިއްޔާއަކަށް ބަދަލުކޮށްލުމުގެ އޮއިވަރު ހިނގައިގަތުމެވެ." އާދެ، އިބްރާހީމް ޝިހާބުގެ މި ވާހަކަ ކޮޅުން ދެވަނަ ފަހަރަށް ރަސްކަން އުވި ޖުމްހޫރީ ނިޒާމެއް އަންނަން މެދުވެރިވީ ސަބަބު ކުރުގޮތަކަށް އެނގިގެން ހިނގައްޖެއެވެ. އާދެ، ދިވެހިރާއްޖެ ދެވަނަ ފަހަރަށް ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުކުރި ބަދަލުކުރުމަކީ، އިހަށް ފަހަރެކޭ ވެސް އެއްފަދައިން އޭރު ހުރި ވެރިޔަކު އެކަމަށް ބޭނުންވެގެން ކުރިކަމެކެވެ. ރައްޔިތުންނަށް ވެރިކަމުގެ ނިޒާމް ކަމުނުގޮސްގެން އެ ނިޒާމާ ދެކޮޅުވެގެން ގެނައި ބަދަލެއް ނޫނެވެ.

މުޙައްމަދު އަމީން ދީދީގެ 7 މަހާއި 20 ދުވަހުގެ ކުރު ޖުމްހޫރިއްޔަތަށްފަހު އަލުން ރަސްކަމެއް ޤާއިމުކުރެވުނުތާ 13 އަހަރު ފަހުން 15 ނޮވެންބަރު 1967 ގައި ރައްޔިތުންގެ މަޖިލީހުގައި ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓަކަށް އެހިއެވެ. މަޖިލީހަށް ހާޒިރުވެ ތިއްބެވި 44 މެންބަރުގެ ތެރެއިން 40 މެންބަރުން ވޯޓުދެއްވީ ޖުމްހޫރީ ނިޒާމަކަށް ބަދަލުކޮށްލުމަށެވެ. މިގޮތުގެ މަތީން ދިވެހިރާއްޖޭގައި އޮންނަން ފެންނަނީ ރަސްކަމެއްތޯ ނުވަތަ ޖުމްހޫރިއްޔަތެއްތޯ ބެލުމަށްޓަކައި 15 މާޗު 1968 ގައި ޢާއްމު ރައްޔިތުންގެ ވޯޓެއް ނެގިއެވެ. ވޯޓު ކަރުދާސްކޮޅުގައި ރަސްކަމާ ދިމާލަށް އޮތީ ތަރިޔެކެވެ. ޖުމްހޫރިއްޔަތާ ދިމާލަށް އޮތީ ދިވެހިރުކެކެވެ. އާދެ، ދިވެހީންގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ދިވެހީންނަށް އެއްމެ ބޮޑު މަންފާއެއް އެއެއްޗަކުން ލިބޭ ދިވެހިރުކެވެ. ޒަމާނުއްސުރެ ވެރީންނަށް ކިޔަމަންތެރި ރައްޔިތުންގެ ތެރެއިން 93.34 އިންސައްތަ މީހުން ވޯޓު ދިނީ ދައުލަތުގެ ވެރިކަން ހިންގަވާން ތިއްބެވި ވެރީން އެކަމަކަށް ވަކާލާތުކުރައްވަމުން ގެންދެވި ޖުމްހޫރިއްޔަތަށެވެ.

ނިޒާމް ބަދަލުކުރުމުގެ ވޯޓަށް ފަހު 9 ސެޕްޓެންބަރު 1968 ގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ހޮވާނޭ މީހަކު، ރައްޔިތުންނަށް ހުށައެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި ނެގުނު ސިއްރު ވޯޓުން އެމީހަކީ އޭރުގެ ބޮޑުވަޒީރު ވެލާނާގޭ އިބްރާހީމް ނާޞިރު ކަމުގައި ހޮވިގެންދިޔައެވެ. އޭގެފަހުން 27 ސެޕްޓެންބަރު 1968 ގައި ވެލާނާގޭ އިބްރާހީމް ނާޞިރު ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވަން ފެނޭތޯ ބެލުމަށް ރާއްޖޭގެ ރައްޔިތުންގެ ޢާއްމު ވޯޓެއް ނެގިއެވެ. ރައްޔިތުންގެ ވޯޓުން ރައީސުލްޖުމްހޫރިއްޔާ ކަމަށް އިބްރާހީމް ނާޞިރު ހޮވި 11 ނޮވެންބަރު 1968 ގައި ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ހުވާ އިބްރާހީމް ނާޞިރު ކުރެއްވުމަށްފަހު އަލަށް އެކުލަވާލެވުނު ޖޫމްހޫރީ ޤާނޫނުއަސާސީ ތަޞްދީޤުކުރެއްވިއެވެ. އެހާ ހިސާބުން ދިވެހީންގެ ކީރިތި މޫރިތި ރަސްކަން އަސްލަށްވެސް ބޯދާ ނިޒާމެއްގެ ގޮތުގައި ތާރީޚުގެ ތެރެއަށް ވަދެގެން ދިޔައީއެވެ. ދިވެހީން ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން މިއަންނަ ދުވަހަކީ މިދެންނެވި 11 ނޮވެންބަރު 1968 ގައި ފެށުނު ޖުމްހޫރީ ނިޒާމު ދިވެހިރާއްޖޭގައި ހިންގަން ފެށުނު ދުވަހެވެ.

އެޑިޓަރުގެ ނޯޓް: މުހައްމަދު ނާޖިހް އަކީ ގާނޫނީ ވަކީލެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގަ އެވެ. އަމިއްލަ ގޮތުން ވެސް، ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި އެ މައުލޫމާތު އެއްކުރައްވައި އެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ބަހުގެ ދިރާސާތައްވެސް ކުރައްވާ، ބަހަށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހުގެ އެންމެ ބޮޑު މީސްމީޑިއާ ޕްލެޓްފޯމްކަމަށްވާ ބަސް ޖަގަހައިގެ ވެސް އެއް ފައުންޑަރ މެންބަރެވެ.