ދިވެހިރާއްޖޭގެ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 20

އަބްދުﷲ ފާރޫގް ހަސަން

(4 ނޮވެމްބަރުގެ އަދަދާ ގުޅޭ)

"އަންގޯރާގެ މައިދާނުގައި تــيـــمــــــور ބަލިފުޅުވީނަމަ ޔަޤީނުންވެސް އެކަންވީހީ އޭނާއާއި އޭނާގެ ޚާންދާނަށް ލިބުނު މާސިންގާ ގެއްލުމެއް ކަމުގައެވެ. އެކަމަކު އޭނާ ބަލިފުޅުވުމަކީ އިސްލާމީ އުންމަތަށް އެއްވެސް ގެއްލުމެއް ލިބުމުގެ އެކަށޭނަކަމެއް އޮތްކަމެއް ނޫނެވެ. އެހެނީ تــيـــمــــــور ގެ ބާރުފުޅުގެ ދަށުގައިހުރި އިރުމަތީގެ ޤައުމުތަކަކީ تــيـــمــــــور ނެތްކަމުގައިވިޔަސް މުސްލިމުންގެ ބާރުގެ ދަށުގައި ހުންނާނެ ޤައުމުތަކެވެ. އެއިން އެއްވެސް އިސްލާމީ ޤައުމެއް ޣައިރުދީނީ ވެރިކަމެއްގައި ޝާމިލުވުމުގެ އެކަށޭނަކަމެއް ނެތެވެ. އެކަމަކު بــايـــزيــد ބަލިފުޅުވުމުން އިސްލާމީ އުންމަތަށް ނުހަނުބޮޑަށް ގެއްލުން ލިބުނެވެ. އެހެނީ ޔޫރަޕާ ދިމާޔަށް މުސްލިމުން ކުރިއަރަމުންދިޔަ ދިޔުންވަނީ ހުއްޓިފައެވެ. ނޭވާހޮޅިޔަށް އެޅިފައިއޮތް ޔޫރަޕުވަނީ އަލުން ރޫޙު ދިރި ހިތްހަމަޖެހުމުގެ ނޭވާލާން ފަށައިފައެވެ. بــايـــزيــد ޔިލްދިރިމަށް ފަތަޙަ ލިބިވަޑައިގެންނެވިނަމަ (بــايـــزيــد ގެ ލަޝްކަރުގެ ޢަދަދު تــيـــمــــــور ގެ ލަޝްކަރުގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެވެސް މަދެވެ.) މިހަނގުރާމަވީހީ ހިޖްރައިން 463 ގައި އޭޝިޔާކޫޗަކުގެ މިލާޒުކުރޫގެ މައިދާނުގައި މުސްލިމުންނާއި ޢީސާއީންނާ ދެމެދު ހިނގި ހަނގުރާމަފަދަ ހަނގުރާމައެއް ކަމުގައެވެ. ސުލްޠާން އަލްޕު އަރުސަލާން ސަލްޖޫޤީ އެހަނގުރާމައިގައި ޢީސާއީ ރަސްގެފާނު އަރުމާނޫސްގެ ދެލައްކަ (ބައެއް ރިވާޔަތުތަކުގައި ތިންލައްކަ) ސިފައިންގެ ބިޔަ ލަޝްކަރު ބަލިކޮށްލެއްވިއިރު އަލްޕު އަރުސަލާންގެ އިސްލާމީ ލަޝްކަރުގައިތިބީ އެންމެ ބާރަހާސް ހަނގުރާމަވެރީންނެވެ. ނުވަތަ ޕާނީޕަތުގެ ތިންވަނަ ހަނގުރާމަފަދަ ހަނގުރާމައެއް ކަމުގައެވެ. އެހަނގުރާމަ ހިނގީ 1174ހ. ގައެވެ. އެހަނގުރާމައިގައި މުސްލިމުންގެ ޢަދަދަކީ ނުވަދިހަ ހާހެވެ. މުސްލިމުންވަނީ ހިންދީ ރާޖާއިންގެ ހަލައްކަ ސިފައިންގެ ލަޝްކަރު ތަޅައި ރޯނާގަންނަވައި ބުރުއްސައިލައިފައެވެ. بــايـــزيــد خــــان ޔިލްދިރިމް މިހަނގުރާމަ އަންދާޒާކުރެއްވީ ނައިކޯޕޯލިސް ހަނގުރާމަޔާ ގުޅުއްވައިގެންކަމުގައި ވެދާނެއެވެ. بــايـــزيــد އޭނާގެ ލަޝްކަރުގެ ޢަދަދު މަދުކަމަކަށް تــيـــمــــــور ގެ ލަޝްކަރުގެ ބައިބޯކަމަކަށް ފަރުވާލެއް ނުބަހައްޓަވައެވެ. تــيـــمــــــور އާއި އޭނާގެ ލަޝްކަރަކީ މުސްލިމުން ކަމުގައިވިޔަސް بــايـــزيــد އެކަމަކަށް އަޅުއްވައެއް ނުލައްވައެވެ. ތާރީޚުގެ ޞަފުޙާތަކަށް ނަޒަރު ހިންގާއިރު އާދަޔާ ޚިލާފަށް ޢަދަދުމަދު ލަޝްކަރުތައް ސުމާރެއްނެތްހައި ޢަދަދުގިނަ ލަޝްކަރުތައް ބަލިކޮށްފައިވަނީ މުސްލިމުންނާއި ޣައިރުމުސްލިމުންނާ ދެމެދު ހިނގައިފައިވާ ހަނގުރާމަތަކުގައެވެ. މަދުޢަދަދެއްގެ މުސްލިމުންވަނީ ޣައިރުމުސްލިމުންގެ ޢަދަދުގިނަ ލަޝްކަރުތައް ބަލިކޮށްފައެވެ. އަންގޯރާގެ ހަނގުރާމައިގައި ދެފަރާތުގައިވެސް ތިބީ މުސްލިމުންނެވެ. އެހެންކަމުން މަދުޢަދަދުގެ މީހުންގެ މައްޗަށް ގަދަވުމުގެ އެކަށޭނަކަން އޮތީ ޢަދަދު ގިނަމީހުންނެވެ. ކަންހިނގައި ނިމިގެންދިޔައީވެސް އެގޮތަށެވެ.

"أمـيـــــرتــيـــمــــــور އަކީ ޗަންގީޒުޚާނުގެ ޤައުމުގެ ފަރުދެކެވެ. ޗަންގީޒުޚާނަށް ވުރެވެސް ގިނަ ޤައުމުތައް ފަތަޙަކުރައްވައި ރަށްތައް ހިއްޕެވި ބޭފުޅެކެވެ. އެކަމަކު އެއްޙައިސިއްޔަތަކުން ބަލާއިރު އެއީ މުސްލިމުންގެ ކުރިމަތީގައި މައްސަލައެއް ނޫނޭ ދެންނެވިދާނެއެވެ. تــيـــمــــــور އަކީ މުސްލިމަކުކަމުގައި ވާތީއެވެ. އޭނާގެ ހަނގުރާމަތަކުގެ ސަބަބުން ކުދިކުދި އިސްލާމީ ދައުލަތްތަކެއް މަތިވެރި ޝަހެންޝާހިއްޔަތަކަށް ބަދަލުވަމުން ދިޔައީތީއެވެ. އިރުމަތީގައި މުސްލިމުންގެ އާރާއި ބާރުހުރި ބޮޑު ދައުލަތެއް އޮވެފައި ހުޅަނގުގައިވެސް މުސްލިމުންގެ ހަމައެފަދަ ބޮޑު ހައިބަވަންތަ ރަސްކަމެއް އޮތުމަކީ މުސްލިމުންގެ ކިހައިބޮޑު ނަސީބަކަށްވާނެތޯއެވެ؟ މުސްލިމުންގެ އެއް ޝަހެއްޝާހަކު ހުޅަނގުގައި ފަތަޙައިގެ ދިދަ ވިހުރުއްވަމުން ފަރަންސޭސިވިލާތުގެ އައްސޭރީން އިނގިރޭސިވިލާތަށް ވެދެވަޑައިގަންނަވާއިރު އިރުމަތީން އަނެއް ޝަހެންޝާހަކު ރަށްތައް ފަތަޙަކުރައްވަމުން ކަނޑުތައް ގިރާކުރައްވަމުން ޗައިނާގެ (ސީނުކަރައިގެ) ތެރެއިން ޖަޕާނު ކަނޑުތެރެއަށް ދަތުކުރެއްވިނަމަ މުސްލިމުންނަށް މުޅިދުނިޔެ ފަތަޙަކުރެވުނީހެވެ. މުޅިދުނިޔެ އިސްލާމީ ޙިމާޔަތުގެ ދަށަށް ގެނެވުނީހެވެ! އެދުވަސްވަރު ދުނިޔޭގައި ކަންހުރިގޮތުން އެގޮތަށް އެކަން ކުރެވިދާނެކަމީ ބަހުސެއް އޮތްކަމެއް ނޫނެވެ. އެހެނީ އެދުވަސްވަރު އިރުމަތީގައި تــيـــمــــــور އާ ވަރުންއަޅައިލެވޭފަދަ ބާރުހުރި ވެރިޔަކު ނެތެވެ. بــايـــزيــد خــــان ގެ ކުރިފުޅުމަތީގައި ފައިތިލަ ސާބިތުކޮށްލެވޭފަދަ ޢަސްކަރީއެއް ހުޅަނގަކު ނެތެވެ. ހުޅަނގުއޮތީ بــايـــزيــد ގެ ކުރިފުޅުމަތީގައި ކުޑަކަކޫޖަހައިފައެވެ. އެކަމަކު ހިތާމައިގެ ކޮޅެއްނެތެވެ. އަންގޯރާގެ މައިދާންވަނީ އެދެ ޝަހެންޝާހުން އެމައިދާނަށް ހާޒިރުކޮށް އެއްބޭފުޅަކު އަނެއްބޭފުޅަކާ ތޮޅުވައި ހަނގުރާމަ ކުރުވައިފައެވެ. އެދެބޭފުޅުންގެ ދެމެދުގައި ހިނގީ ކޮންކަހަލަ ހަނގުރާމައެއްތޯއެވެ؟ ކަނޑުމަތީގައި ފަތުއަޑުކިޔާފައި ފައިބައިގެންއައި ބޮޑުސިންގާ ދެނައު އެއްނައު އަނެއްނަވުގައި ޖެއްސިކަހަލައެވެ. އެއްގަމުގައި ބޮޑު ދެރޭލު ބާރު ދުވެލީގައި ދެކޮޅުންއައިސް އެއްރޭލު އަނެއްރޭލުގައި ޖެއްސިކަހަލައެވެ. ހައިބަބޮޑު ދެސިންގާ ރުޅިއަރައިގަނެގެން އެކަތިއަނެއްކައްޗާ ކޯޅިގަތްކަހަލައެވެ. ޝައްކެއްނެތެވެ. މިހިރީ ހައްތާވެސް ބިރުވެރި މަންޒަރުތަކެވެ. އެކަމަކު އަންގޯރާގެ މައިދާނުގައި أمـيـــــرتــيـــمــــــور އާއި سلطـــان بــايـــزيــد خــــان ގެ ކުރިމަތިލެއްވުން އެއަށްވުރެވެސް މާ ބިރުވެރިއެވެ. މާ ޢިބްރަތްތެރިއެވެ. މުސްލިމުންގެ އެދެރަސްކަލުންނަކީ ދުނިޔޭގެ އެންމެކުރިޔަށް ތިއްބެވި ފާތިޙުންކުރެ ދެފާތިޙުންނެވެ. އެންމެ ފާހަގަކޮށްލެވޭ ބަހާދަރުންކުރެ ދެބަހާދަރުންނެވެ. އެއީ ދެފަރުބަދައެއް ލުހިގެންއައިސް އެއްފަރުބަދަ އަނެއްފަރުބަދަ ކުދިކުދިކޮށްލާން އުޅުންފަދަ ކަމެކެވެ. ގަދަ ދެކަނޑު އެއްކަނޑު އަނެއްކަނޑުގެ މައްޗަށް އަރައިގަންނާން އުޅުނުކަހަލައެވެ. ކޮންމެއަކަސް އަންގޯރާ ހަނގުރާމަޔަކީ ދުނިޔޭގެ ތާރީޚުގެ ނުހަނު ބޮޑު އަދި ނުހަނު ނާދިރު ޙާދިސާއެކެވެ." (ޞަފުޙާ: 354، 355)

"ޚުދު أمـيـــــرتــيـــمــــــور ވެސްވަނީ އަންގޯރާ ހަނގުރާމައިގެ ވާހަކަ އޭނާގެ ތޫޒަކުގައި ލިޔުއްވައިފައެވެ. ނަމަވެސް ނުހަނު ކުރުކޮށް ޚުލާޞާކޮށެވެ. އެލިޔުއްވުމުން އެނގެނީ سلطـــان بــايـــزيــد خــــان ޔިލްދިރިމް އަވަހާރަވުމަށްފަހު أمـيـــــرتــيـــمــــــور ވެސް އޭނާގެ އެޙަރަކާތާމެދު ވަރަށް ދެރަފުޅުވިކަމެވެ. ހިތާމަފުޅުކުރެއްވިކަމެވެ. ޢުޘްމާނީ ރަސްގެފާނުގެ ދުވަސްދުއްވައިލެއްވުނީތީ ދެރަފުޅުވިކަމެވެ. ތޫޒަކުތައިމޫރީ ވިސްނުންތެރިކަމާއެކު މުޠާލިޢާކުރުމުން އޮޅުމެއްނެތި އެކަން އެނގެއެވެ. تــيـــمــــــور ، بــايـــزيــد خــــان ޔިލްދިރިމް ހައްޔަރުކުރެއްވުމާއި بــايـــزيــد خــــان އެހައްޔަރުގައި ހުންނަވައި އަވަހާރަވުމަކީ ދުނިޔޭގެ އެދުވަސްވަރުގެ ހުރިހައި މުސްލިމުން ނުހަނު ނަފުރަތުކުރި ކަމެކެވެ. އެހައިމެ ހިތާމަކުރި ކަމެކެވެ. އެހެންކަމުން އަންގޯރާ ހަނގުރާމަޔާ ބެހޭގޮތުން ތަފުސީލުތައް ލިޔުއްވުމަށާއި ފަޚުރުވެރިކަމާއި ބޮޑާފުޅުކަމުގެ ޢިބާރާތްތައް އަމުނައިލައްވާން أمـيـــــرتــيـــمــــــور ފަސްޖެހިވަޑައިގެންނެވީއެވެ. أمـيـــــرتــيـــمــــــور ޗައިނާ ފަތަޙަކުރައްވާން ޤަޞްދުކުރެއްވީ އެ އަފޫރުއްބަ ޖަރީމާގެ ބަދަލުގައި ކަމުގައިވެދާނެއެވެ. އެކަމަކު تــيـــمــــــور ގެ އެމަޤްޞަދު ޙާޞިލެއް ނުވިއެވެ. واللّـــه أعـــلــــم بـــالــصّـــــواب" (ޞަފުޙާ: 356)

ހައްޔަރުކުރެވުމާއި އަވަހާރަވުން

ކުރީންވެސް ދެންނެވިފަދައިން سلطـــان بــايـــزيــد خــــان ޔިލްދިރިމްވަނީ އަންގޯރާ ހަނގުރާމައިގައި ހައްޔަރުވެފައެވެ. ހައްޔަރުކުރެވުމާއި އަވަހާރަވުމާ ދެމެދު އެމަނިކުފާނާމެދު ކަންތައް ހިނގައިފައިވަނީ ކޮންގޮތަކަށްތޯއެވެ؟ އެވާހަކަތައް ނަކަލު މިކުރަނީ "ދައުލަތެ ޢުޘްމާނިއްޔާ" އިންނެވެ. "ދައުލަތެ ޢުޘްމާނިއްޔާ" ގެ މުއައްލިފު ލިޔުއްވައިފައިވެއެވެ.

تــيـــمــــــور ގެ އާލުންގެ (ޢާއިލާގެ) މުއައްރިޚު مــــولانـــا شــــــرف الــدّيــــن عــلـِـــى ލިޔުއްވައިފައިވެއެވެ. "بــايـــزيــد ޤައިދީއެއްގެ ޙައިސިއްޔަތުން تــيـــمــــــور ގެ ކުރިފުޅުމައްޗަށް ގެނެވުނުހިނދު تــيـــمــــــور ތެދުވެވަޑައިގެން އެމަނިކުފާނާ އިސްތިޤްބާލު ކުރެއްވިއެވެ. بــايـــزيــد ގެ އަތްޕުޅު މޮއްސުވައިފައި ޢިއްޒަތާއި އިޙްތިރާމާއެކު އަރިހުގައި ބެއިންދެވިއެވެ. އެއަށްފަހު بــايـــزيــد ގެ ހާލުކޮޅާމެދު ހިތާމަފުޅާއި ހަމްދަރުދީ ފާޅުކުރައްވަމުން ވިދާޅުވިއެވެ. ދުނިޔޭގެ ހުރިހައި ޙާލަތަކާއި ހުރިހައިކަމެއް ކުރިމަތިވަމުން އަންނަނީ މަތިވެރިވަންތަ މާތް اللّـــه ގެ އިރާދަފުޅާއި ޤުދުރަތްޕުޅާ އެއްގޮތްވާ ގޮތުގެމަތީންނެވެ. ޙަޤީޤަތުގައި އެކަކަށްވެސް އަނެކެއްގެ މައްޗަކަށް ކުޑަވެސް އާރެއް ބާރެއް އިޚްތިޔާރެއް ލިބިފައެއް ނުވެއެވެ. އެކަމަކުވެސް އިންސާފަކީ އަދި ޙައްޤަކީ ތިބާގެ މައްޗަށް ތިޔައައި މުޞީބަތަކީ ތިބާ އަމިއްލަފުޅަށް ގެނެސްގެންނެވި މުޞީބަތެއްކަމުގައި ބުނުމެވެ. ތިބާ ތަކުރާރުކުރައްވައި ތިބާގެ އިމުންބޭރަށް ނުކުމެވަޑައިގެންނެވީމުއެވެ. އެންމެފަހުން އަޅުގަނޑަށް ބަދަލުހިފާން މަޖްބޫރު ކުރުއްވީމުއެވެ. ތިބާ ހުންނެވީ ކާފަރުންގެ ސަހަރުތަކުގައި އެބައިމީހުންނާ ދެކޮޅަށް ޖިހާދުކުރައްވާށެވެ. އެހެންކަމުން އަޅުގަނޑު ވަރަށްބޮޑަށް ތަޙައްމަލުކޮށް ކެތްތެރިވީމެވެ. އެޙާލަތުގައި ހެޔޮއެދޭ މުސްލިމެއްގެ ފަރުޟު އަދާކުރާން އަޅުގަނޑު ބޭނުންވިއެވެ. އަޅުގަނޑު ބޭނުންވީ ތިބާ ކިޔަމަންތެރިކަން ޚިޔާރުކުރައްވައިފި ކަމުގައިވާނަމަ ތިބާ ބޭނުންފުޅުވަރަކަށް މުދަލާއި ލަޝްކަރު ތިބާއަށް ދޭށެވެ. ތިބާއަށް ހިތްޕުޅު ހަމަޖެހިވަޑައިގެން އާރާއި ބާރާއެކު ޖިހާދުކުރެއްވުމުގައި މަޝްޣޫލުވެވަޑައިގެން އުޅުއްވޭނެގޮތުންނެވެ. މުސްލިމުންގެ ރަށްރަށުގެ ވަށަވަށައިގެންހުރި ރަށްރަށުން ހިލޭމީހުންގެ އާރާއި ބާރާއި ޝިރުކު ނައްތައިލައްވަވަމުން ގެންދެވޭނެ ގޮތުންނެވެ. އެކަމަކު ތިބާގެ ގޮތްދޫކުރެއްވުމެއްނެތެވެ. ނުކިޔަމަންތެރިވެވަޑައިގެންފީމުއެވެ. ދުޝްމިނުކަމާއި ޢަދާވަތްތެރިކަން އިޚްތިޔާރު ކުރައްވައިފީމުއެވެ. ކަންތައްތައް މިހައިވެސް މައްޗަށް ހިނގައްޖެއެވެ. އެންމެންނަށްވެސް އެނގޭނެއެވެ. މިނޫންގޮތަކަށް ކަންތައް މެދުވެރިވެފައި އަރަހުށި މާތް اللّـــه އަޅުގަނޑަށް ދެއްވައިފައިމިވާ އާރާއިބާރު ތިބާއަށް ލިބިވަޑައިގެންފައިވީނަމަ އަޅުގަނޑާ މެދުގައްޔާއި އަޅުގަނޑުގެ ލަޝްކަރާމެދުގައި ކަންތައްވާނީ ކޮންގޮތަކަށްތޯއެވެ؟ އެކަމަކު މާތް اللّـــه ގެ ޢިނާޔަތާއި ފަޟުލުވަންތަކަމުން އަޅުގަނޑަށް މިދެއްވި ފަތަޙައިގެ ޝުކުރެއްގެގޮތުން ތިބާއާއި ތިބާގެ މީހުނާމެދު ހެޔޮކަމެއް މެނުވީ ނުކުރާހުށީމެވެ. ހިތްޕުޅު ހަމަޖައްސަވާށެވެ." (ޡުފަރުނާމާ، مــــولانـــا أشــــــرف عــلـِـــى نـيــــروى ޖިލްދު ދޭއް، ޞަފުޙާ: 39-438)

"بــايـــزيــد ނުހަނު އަސަރާއެކު އޭނާގެ ކުށަށް އިޢުތިރާފުވެވަޑައިގެންނެވިއެވެ. ކުރިޔަށްއޮތްތާނގައި ކިޔަމަންތެރިވެވަޑައިގަންނަވަން ވަޢުދުވެވަޑައިގެންނެވިއެވެ. تــيـــمــــــور بــايـــزيــد އަށް މާތް ހެދުންކޮޅެއް ހަދިޔާކުރެއްވިއެވެ. އިތުރު އޯގާވެރިކަމާއި އެހީފުޅުތަކުގެ އުންމީދު ދެއްވިއެވެ. بــايـــزيــد ގެ ދަރިކަލުން مـــوســى އޭރުހުންނެވީ تــيـــمــــــور ގެ އަތްޕުޅުދަށުގައި ހައްޔަރުވެވަޑައިގެންފައެވެ. (مـصـطـفــــى ވަނީ ޤަތުލުވެފައެވެ.) بــايـــزيــد އެދިވަޑައިގެންނެވުމުން مـــوســى މިނިވަންކުރައްވައި بــايـــزيــد ގެ އަރިހަށް ފޮނުއްވައިދެއްވިއެވެ. بــايـــزيــد ހުންނެވުމަށްޓަކައި تــيـــمــــــور ގެ ފޭލިގެކޮޅުގެ ކައިރީގައި މާތް ފޭލިގެކޮޅެއް ޖައްސަވައިދެއްވިއެވެ. އަމީރުންކުރެ ޤަދަރުވެރި ބޭފުޅުންތަކެއް بــايـــزيــد ގެ ޚިދުމަތަށް ޚާއްޞަކުރެއްވިއެވެ. ބުރުސާއިން بــايـــزيــد ގެ އަނބިއަނބިކަނބަލުންނާއި ބޭފުޅުން ގެނެވުނުހިނދު ޝެހެޒާދީ ޑެސްޕީނާއާއި އެކަމަނާގެ ދަރިކަނބަލުން بــايـــزيــد ގެ އަރިހަށް ފޮނުއްވައިދެއްވިއެވެ. ނަމަވެސް تــيـــمــــــور ގެ މި ޝާހީ ދީލަތިފުޅުކަން ހިމެނުނީ بــايـــزيــد ގެ ފާރުވެފައިވާ ހިތްޕުޅަށް ލޮނުއެޅުއްވުންކަމުގައެވެ. بــايـــزيــد ހުންނަވާން ޚާއްޞަކުރެވިފައިވާ ޝާހީ ފޭލިގެކޮޅުވެސް بــايـــزيــد އަށްޓަކައި ހިމެނުނީ ޖަލަކަށްވުރެ ސަހަލުނޫން ތަނެއްކަމުގައެވެ. بــايـــزيــد ގެ ކުރީގެ ކީރިތި މޫރިތިކަމާއި މަތިވެރިކަމާއި މާތްކަމާއި ޝަރަފުވެރިކަމާއި މިހާރު ޖެހިވަޑައިގެންފައިވާ ދެރަނިކަމެތި ހާލުކޮޅުގެ ހަނދުމަފުޅުތައް އެންމެ ހިނދުކޮޅަކުވެސް އޭނާގެ ހިތްޕުޅަކުން ނުފިލައެވެ. ހިތްޕުޅަށް ހަމަޖެހުމެއް ލިބިވަޑައިގެންނެވިޔަކަ ނުދެއެވެ. ބޭޤަރާރުކަން ނިހާޔަތަށް ގޮސްގެން އެންމެފަހުން ފިލައިވަޑައިގަންނަވާން ޢަޒުމު ކަނޑައަޅުއްވައިފިއެވެ. އެކަމަކު އެމަސައްކަތްޕުޅުގެ ޚަބަރު أمـيـــــرتــيـــمــــــور އަށް ލިބިވަޑައިގެންފިއެވެ. ނަތީޖާއަކީ بــايـــزيــد އާމެދު ފާރަވެރިވުން އިތުރުކުރެއްވުމެވެ. ބެލެހެއްޓެވުން ވަރުގަދަކުރައްވާން ފެއްޓެވުމެވެ. أمـيـــــرتــيـــمــــــور ތާތާރީ ލަޝްކަރާއެކު ވަޑައިގަންނަވާ ކޮންމެތަނަކަށް بــايـــزيــد ވެސް ގެންދަވައެވެ. އިޝްތިހާރުވުމުން ސަލާމަތްކުރެއްވުމަށްޓަކައި بــايـــزيــد ގެންދަވަނީ ފާލިކީއެއްގައެވެ. އެފާލިކީ ހުންނަނީ ފަރުދާކޮށްފައެވެ. ވަށައިގެން އެތެރެއިން ދަގަނޑުތޭރި ޖަހައިފައެވެ. ނަތީޖާއެއްގެގޮތުން މަޝްހޫރުވެފައިވަނީ أمـيـــــرتــيـــمــــــور، سلطـــان بــايـــزيــد ދަގަނޑު ކޮއްޓެއްގައި ހައްޔަރުކުރައްވައިފައިވާ ކަމުގައެވެ. تــيـــمــــــور ވަޑައިގަންނަވާ ކޮންމެތަނަކަށް އެކޮށިވެސް ގެންދަވާކަމުގައެވެ. ކޮންމެއަކަސް بــايـــزيــد ހައްޔަރުވެވަޑައިގެންނެވުމާއި އޭނާއަށް ލިބިވަޑައިގެންނެވި ނިކަމެތިކަމުގެ ސަބަބުން އޭނާގެ ހިތްޕުޅަށް ކުރިއަސަރު މާގިނަދުވަހަކު ބަރުދާސްތެއް ނުކުރެއްވެވުނެވެ. އެންމެ އަށްމަސްދުވަހުގެ ތެރޭގައި އޭނާގެ ފުރާނަފުޅު ހަށިކޮޅުގެ ކޮށީން މިނިވަންވެއްޖެއެވެ. އޭނާގެ ހަށިކޮޅު ދަގަނޑުކޮށީން މިނިވަންވެއްޖެއެވެ. أمـيـــــرتــيـــمــــــور އަށް އެޚަބަރު ލިބިވަޑައިގެންނެވުމުން އޭނާގެ ލޯފުޅުން ކަރުނަފޮދު އައެވެ. تــيـــمــــــور އަކީ ވަރަށްބޮޑު ފާތިޙެކެވެ. ބޮޑު ޝަހެންޝާހެކެވެ. އެތަކެއްލައްކަ މީހުން ޤަތުލުކުރައްވާއިރުވެސް އޭނާ އެސްފިޔަފުޅުވެސް ޖައްސަވައެއް ނުލައްވައެވެ. އޭނާގެ ހިތްޕުޅަކަށް ކުޑަވެސް އަސަރެއް ނުކުރެއެވެ. އެކަމަކު ޢުޘްމާނީ ނަސްލުގެ އެފަދަ ދަރަޖައިން އަރައިހުންނެވި ކީރިތި މޫރިތި ރަސްކަލެއްގެ ޢިބްރަތުން ފުރިފައިވާ އަވަހާރަވުމަކީ ވަރަށްވެސް ވޭނީ ހާދިސާއެކެވެ. تــيـــمــــــور ގެ ލޯފުޅުން ކަރުނަފޮދު އައީ އެހެންވެކަމުގައި ވެދާނެއެވެ. تــيـــمــــــور، أمـيـــــرمـــوســى ދޫކޮށްލައްވައި بــايـــزيــد ގެ ހަށިކޮޅު އޭނާއާ ޙަވާލުކުރެއްވިއެވެ. ޝާހީ އިޙްތިރާމާއެކު އެހަށިކޮޅު ބުރުސާއަށް ފޮނުއްވައިދެއްވިއެވެ. بــايـــزيــد ފަސްދާނުލެވުނީ ޢުޘްމާނީ ދައުލަތުގެ ބާނީ غــازى عـثمــان خــــان ގެ މަޤްބަރާގައެވެ. عـثمــان ގެ އަރިހުގައެވެ. ޚުދު تــيـــمــــــور އަށްވެސް އޭގެފަހުން ދުނިޔޭގައި ހުންނެވުނީ ދެއަހަރު ދުވަހުއެވެ." (ދައުލަތެ ޢުޘްމާނިއްޔާ: 77-75)

سلطـــان بــايـــزيــد خــــان ޔިލްދިރިމާމެދު أمـيـــــرتــيـــمــــــور ބެހެއްޓެވި ސުލޫކާ ބެހޭގޮތުން "ތާރީޚެ އިސްލާމް" ގެ މުސަންނިފު ޚިޔާލު ފާޅުކުރައްވައިފައިވެއެވެ.

(ނުނިމޭ)