ޚަބަރު

ޑަބްލިޔުޑީސީ ބައި-އިލެކްޝަން އަހަރަކު އެއް ފަހަރު ބާއްވާ ގޮތަށް ގެނައި އިސްލާހު ރައީސް ތަސްދީގުކުރައްވައިފި

މުހައްމަދު އިޝާން

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު"އަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު"އަށް ގެނައި އިސްލާހު ރައީސް މިއަދު ތަސްދީގު ކުރައްވާފައިވާތީ އެ އިސްލާހަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ޑަބްލިޔުޑީސީ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވާތާ އެއް އަހަރުގެ ތެރޭގައި އެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރަން ޖެހުމާއި، އެ ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވި އިރު، ކޮމިޓީގެ ދައުރުގައި އެއް އަހަރަށް ވުރެ ކުރު މުއްދަތެއް އޮތްނަމަ އެ ހުސްވި މަގާމަށް، އަލުން މެމްބަރަކު އިންތިހާބުކުރަން ނުޖެހޭ ގޮތަށް ކަނޑައެޅުން ހިމެނެއެވެ.

ނަމަވެސް ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވުމުގެ ސަބަބުން، އެ ކޮމިޓީގެ ބައްދަލުވުން ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާވަރަށް ކޮމިޓީގައި މެންބަރުން ނެތްނަމަ، އެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އިންތިހާބުކުރަން ޖެހެއެވެ. އަދި މެންބަރެއްގެ މަގާމު ހުސްވި އިރު، ކޮމިޓީގެ ދައުރުގައި ބާކީ އޮތީ އެއް އަހަރަށް ވުރެ ކުރު މުއްދަތެއްނަމަ، ހުސްވި މަގާމަށް އަލުން މެންބަރަކު އިންތިހާބު ކުރުން ލާޒިމު ނޫންކަމަށް ކަނޑައަޅައި، ބައި-އިލެކްޝަނަކުން އިންތިހާބު ކުރާ މެންބަރުގެ މަގާމުގެ މުއްދަތަކީ ކޮމިޓީގެ އުމުރު ހަމަވުމަށް ބާކީ އޮތް މުއްދަތު ކަމަށް ވަނީ ކަނޑައަޅައިފައެވެ.

ޑަބްލިޔުޑީސީ މެމްބަރުން ދައުރު ހަމަނުކޮށް މަގާމުން އިސްތިއުފާ ދޭ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުންނާއި އިލެކްޝަންސް ކޮމިޝަން އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ މައްސަލައެކެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މީގެ ކުރިން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ އެ ކޮމިޓީގެ މެމްބަރުން އިސްތިއުފާ ދޭ މައްސަލައަކީ ކަންބޮޑުވުން ހިމެނޭ ކަމެއް ކަމަށާއި ކޮމިޓީގެ މެމްބަރަކު އިސްތިއުފާދިނުމުން ގާނޫނުގައި ބުނާ މުއްދަތުގައި ބައި-އިލެކްޝަން ބާއްވަން ޖެހޭ ކަމަށެވެ. އަދި ގާތްގާތުގައި ޑަބްލިޔުޑީސީގެ މެމްބަރުން އިސްތިއުފާ ދެމުންދާތީ ބައި-އިލެކްޝަންތަކަށް ވަރަށް ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށް ވެސް ފުއާދު ވަނީ ވިދާޅުވެފައެވެ.

އެ ކަންބޮޑުވުން އޮއްވައި، އަހަރަކު އެއް ފަހަރު ބައި-އިލެކްޝަން ބޭއްވޭ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ވަނީ ބިލެއް ހުށަހަޅައިފައެވެ. އެ ބިލު ރައްޔިތުންގެ މަޖިލީހުން މިމަހުގެ ދެވަނަ ދުވަހު ވަނީ ފާސްކޮށްފައެވެ.