ޚަބަރު

ދިއްފުށި ފަޅުގެ މަސައްކަތް މަޑުޖައްސާލުމުގެ އަމުރު ނެރެދެވެން ނެތް: ހައި ކޯޓު

މުހައްމަދު އިޝާން

ކ. ދިއްފުށި ފަޅުގެ މަސައްކަތް މަޑުޖައްސާލުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ 2017 ވަނަ އަހަރު ދިއްފުށި ފަޅުގައި ރިސޯޓެއް ތަރައްގީކުރަން މ. ޝޫރާމަންޒިލް، ހާމިދު އިސްމާއީލަށް ކުއްޔަށް ދީފައެވެ. ނަމަވެސް އެ އަހަރު ޓޫރިޒަމް މިނިސްޓްރީން ވަނީ އެއްބަސްވުން ބާތިލުކޮށް އެ ފަޅު އަތުލައި އެތަން ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން އެއްބަސްވުން ބާތިލުކުރުމުން ހާމިދު އިސްމާއީލް ވަނީ އެ ފަޅު އެއްވެސް ފަރާތަކަށް ކުއްޔަށް ނުދިނުމަށާއި، އެ ތަނުގައި އެއްވެސް މަސައްކަތެއް ކުރަމުންދާނަމަ ހުއްޓާލުމަށް އަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.

ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ހުކުމްކުރީ ޓޫރިޒަމް މިނިސްޓްރީން އެއްބަސްވުން ބާތިލުކުރީ ރަނގަޅަށް ކަމަށެވެ. އެ ހުކުމް ހާމިދު އިސްމާއީލް ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ހައި ކޯޓުން އެ މައްސަލައާ ގުޅިގެން އިއްޔެ ކުރި އަމުރުގައި ބުނީ، ހާމިދު އިސްމާއީލް އެދޭ ގޮތަށް އަމުރެއް ނެރެދެވޭނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭ ފައިސާއިން ވެސް އެ ގެއްލުން އިއާދަ ނުކުރެވޭނެ ހާލަތްތަކުގައި ކަމަށާއި ހާމިދު އިސްމާއީލް ހުށަހަޅާފައިވާ މައްސަލައިގައި އެ ހާލަތު ނެތް ކަމަށެވެ. އަދި ދިއްފުށި ފަޅުގައި އެހެން ބަޔަކު ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިޔަސް ހާމިދު އިސްމާއީލަށް ގެއްލުމުގެ ބަދަލު ދެވިދާނެ ކަމަށް ވެސް އަމުރުގައިވެއެވެ.

އެހެންކަމުން ވަގުތީ އަމުރު ނެރެނުދިނުމުގެ ސަބަބުން ހާމިދު އިސްމާއީލަށް ގެއްލުމެއް ލިބޭނެކަމުގެ އިހުތިމާލު ނެތުމުން އަމުރު ނެރެދެވެން ނެތްކަމަށް ހައި ކޯޓުން ހުކުމްކުރިއެވެ.