"ދައްތަ މީޑިއާ ކުއްޖާތަ؟ ޕޮލިސް ކުއްޖާތަ؟ އަހަރެން ކޮއްކޮ ނޭނގެ. ފޯނުވެސް ނުނަގަނީ. އަލިފާން ރޯވި ގެއިން މަރުވި މީހުން ދެކުނިންތަ؟"

މިއީ މިއަދު ގަލޮޅު މޯޗަރީ ކައިރިއަށް މަޑުކޮށްލުމުން ފަހަރަކު ބިދޭސީއަކު ފޮޓޯ ދައްކަމުން ފައްޗަކަށް ތިބެގެން ކުރަމުން ދިޔަ ސުވާލުތަކެވެ. މޯޗަރީތެރެއިން އަހަރެންނަށް މޫނު ފެނުނީ އެންމެ މީހެއްގެއެވެ. ފަހަރަކު މީހަކު ފޯނުން ފޮޓޯތަކެއް ދައްކަމުންގޮސް އަހަންނަށް މޫނު ފެނުނު އަންހެން މީހާގެ ފޮޓޯވެސް ދައްކާލިއެވެ. އަހަރެންނަށް ހީވަނީ މިއަންހެންމީހާ ކަމަށް ބުނުމުން އެތަނުގައި ތިބި ބިދޭސީ އަންހެނުންތަކެއް ރޯންފެށިއެވެ.

އަލިފާނުގެ ބޮޑު ހާދިސާގެ މައުލޫމާތު ލިބުމާއެކު ހެނދުނު އަހަރެން އައިޖީއެމްއެޗަށް ދިޔައިރު އެތަނަށް ގެންދިޔަ ދެމީހުންކުރެ އަންހެންމީހާ މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބުމުން އެމީހާގެ މޫނު ފެނޭތޯ ކުރި މަސައްކަތުން އެމީހާގެ މޫނު ފެންނަ ވަރުވިއެވެ. މޫނުމަތި ވަރަށް ބޮޑަށް ދުޅަވެފައި އޮތްއިރު ފިހިފައިވާ އެއްވެސްތަނެެއް މޫނު މައްޗަކު ނެތެވެ. އެކަމަކު ކަންފަތާ ދިމާލުން ލޭ އައިސްފައިހުރިއިރު, އަނގައިންނާއި ނޭފަތުންވެސް ލޭ އައިސްފައި ހުއްޓެވެ. ބޮޑަށް ބެލެވެނީ ނޭވާ ހާސްވެގެން މަރުވި މީހެއް ހެންނެވެ.

އެމީހާއާއެކު ދެން ހޮސްޕިޓަލަށް ގެންދިޔައީވެސް ބިދޭސީ ފިރިހެނެކެވެ. އެކަމަކު އެއީ ކޮން ގައުމެއްގެ ކާކުކަން އަދި މިހާތަނަށްވެސް ނޭނގެއެވެ. އެކަމަކު އެމީހާގެ ހާލު ސީރިއަސްވުމުން ވެންޓީލޭޓަރުގައި އަންނަނީ ފަރުވާދެމުންނެވެ.

މޯޗަރީ ކައިރިއަށް ބިދޭސީ ފިރިހެނުންނާއި އަންހެނުން ގިނަ އަދަދަކަށް އެއްވެފައި ތިބިއިރު އެއްބަޔަކު މޯޗަރީ އެތެރޭގައިވެސް މަޑުކޮށްގެން ތިއްބެވެ. ބޭރުގައި ތިބި މީހުންގެ ފަރާތުން އެނގުނު ގޮތުގައި އެއީ މަރުވި ބައެއް މީހުންގެ އާއިލާގެ މެންބަރުންނެވެ. އެކަމަކު އެމީހުންނާ ވާހަކަ ދައްކާލުމުން އެނގުނީ އެމީހުންނަށްވެސް އާއިލާގެ މީހުން މަރުވިކަން ޔަގީން ނުވާ ކަމެވެ.

ރާއްޖޭގައި މަސައްކަތްކުރާތާ ހައެއްކަ އަހަރުވެފައިވާ ފިރިހެނަކު މޯޗަރީތެރެއިން ފެންކަޅިވެފައި ހުރެ ނިކުމެ ދައްކާލީ ފޮޓޯއެކެވެ. ކާކުހޭ އަހާލުމުން އަހަރެންގެ ދަރިފުޅު ނާނިއޭ ކިޔާފައި ލޯ ފުހެލިއެވެ.

"އަހަރެން ދަރިފުޅު ރާއްޖެ އައީ ފޮތި ފިހާރައެއްގަ މަސައްކަތްކުރަން. އޭނަ އައިތާ ވާނީ އެއްމަހާ 15 ދުވަސް. ނޭނގެ ވީތަނެއް. ފޯނަށް ނުގުޅޭ. މިތަނުން ނުބުނޭ މަރުވެއްޖެއޭވެސް. އަހަރެން ސުވާލުކޮށްފިން ބައިވަރުފަހަރު، އެކަމަކު މޫނެެއްވެސް ނުދައްކާ. ރައްޓެހި މީހާ ބުނަނީ މީނައަށް ހޮސްޕިޓަލަށް ގެންދިޔަ މީހުން ފެނުނޭ. ސަލާމަތްވީ އަހަރެންގެ ދަރިފުޅުތަ؟" ލޮލުން ކަރުނަ އޮހެރެމުން ދިޔައިރު އުމުރުން 22 އަހަރުގެ އޭނާގެ ދަރިފުޅުގެ ފޮޓޯ ދައްކަމުންދިޔައެވެ.

އެކަމަކު ކަން ދިމާކުރި ގޮތުން އަހަރެންނަކަށް ވެންޓިލޭޓަރުގައި އޮތް މީހާއެއް ނުފެނެއެވެ. އެހެންކަމުން އެއީ އޭނާގެ ދަރިފުޅުކަން ބުނާކަށް ނޭނގެއެވެ. އެހެންވިޔަސް އެމީހާ ދިޔައީ އެތާ ތިބި ފުލުހުންނާއި ނޫސްވެރިން ގާތު ހޮސްޕިޓަލުގައި އޮތީ އޭނާގެ ދަރިފުޅުތޯ ބަލައިދިނުމަށް އެދި ހުއްޓުމެއްނެތި އާދޭސްކުރަމުންނެވެ.

މިފަދަ ހާލެއްގައި އެތައް ބަޔަކު އެތަނުގައި ފޮޓޯތައް ހިފައިގެން އެކަކު ގާތުން އަނެކަކު ގާތުން އަހައި އޮޅުން ފިލުވަމުންދިޔައެވެ.

މަރުވީ ކޮން ގައުމެއްގެ ކޮންބައެއްކަން މިހާތަނަށް ކަމާ ގުޅޭ އިދާރާތަކުން ކަށަވަރުކޮށްދީފައި ނުވާއިރު އެނގިފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި އިންޑިއާއަށް ނިސްބަތްވާ ދެމަފިރިއަކުވެސް ހިމެނެއެވެ.

ޖުމުލަ 10 މީހަކު މިހާތަނަށް މިހާދިސާގައި މަރުވެފައިވާއިރު، ގިނަ އަދަދެއްގެ ބިދޭސީން ގެއްލިގެންވެސް މޯޗަރީ ކައިރީގައި އެތައް ބަޔަކު އެބަތިއްބެވެ. ހާދިސާއިން ސަލާމަތްވި ނުވަ ބިދޭސީއަކު ވަގުތީ ހިޔާތަކަށް ވަނީ ބަދަލުކޮށްފައެވެ. އެމީހުންނަށް ތިބީ ނަފުސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.