އިންޓަނޭޝަނަލް ޔޫނިއަން އޮފް ޔުނިވަސިޓީސް (އައިޔޫޔޫ)ގެ ފަރާތުން ބާއްވަމުން އަންނަ "އޯއައިސީ ހަލާލް އެކްސްޕޯ" އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ރައީސް ސޯލިހު މިއަދު ވަނީ އައިޔޫޔޫގެ ރައީސް ޕްރޮފެސަރު ޑރ. މުހައްމަދު ހައިރް އަލް-ގަބާނީއާ ބައްދަލުކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި އައިޔޫޔޫގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ރާއްޖޭގެ ތަރައްގީއާ ގުޅޭގޮތުން އައިޔޫޔޫގެ ބޭފުޅުންނާ މަޝްވަރާކުރައްވައިފައެވެ. އެ ބައްދަލުވުމުގެ ތެރެއިން ޕްރޮފެސަރު ޑރ. މުހައްމަދު ހައިރް އަލް-ގަބާނީއާ ވަނީ ރައީސް ސޯލިހަށް އައިޔޫޔޫގެ ފަރާތުން ބާއްވާފައިވާ ކޮންފަރެންސްތަކާއި ސެމިނާތަކުގެ މައުލޫމާތު ހިމެނޭ ލުއިފޮތަކާއި، އުސްމާނީ ހިލާފަތުގެ ޒަމާނުން ފެށިގެން ބޭސްވެރިކަމުގެ ރޮނގުން ތުރުކީއަށް އައިސްފައިވާ ކުރިއެރުންތަކާ ގުޅޭ ފޮތެއް ހަދިޔާ ކުރައްވައިފައެވެ. އަދި ރައީސް ސޯލިހަށް އައިޔޫޔޫގެ ފަރާތުން ހަނދާނީ ފިލައެއް ވެސް ވެދުމަށް އަރުވައިފައިވެއެވެ.

ޕްރޮފެސަރު ޑރ. މުހައްމަދު ހައިރް އަލް-ގަބާނީއާ ވަނީ ރައީސް ސޯލިހަށް "އޯއައިސީ ހަލާލް އެކްސްޕޯ"ގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ދެއްވައިފައެވެ. އަދި އަންނަ އަހަރު އެ އެކްސްޕޯ ރާއްޖޭގައި ބޭއްވުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރެއްވިއެވެ.

ރާއްޖޭގައި "އޯއައިސީ ހަލާލް އެކްސްޕޯ" ބާއްވައިފިނަމަ ރާއްޖޭގެ ތައުލީމީ ދާއިރާ ފުޅާކޮށް ސިއްހީ ދާއިރާގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި ރާއްޖޭގެ ތަރައްގީއަށް މުހިންމު އެހެން ދާއިރާތަކުގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ ބޭނުން ހިފުމަށް އެ އެކްސްޕޯގެ ޒަރިއްޔާއިން މަގުފަހިވެގެންދާނެ ކަމަށް ޕްރޮފެސަރު ޑރ. މުހައްމަދު ހައިރް އަލް-ގަބާނީއާ ވިދާޅުވިއެވެ.