އިންޑިއާއަށް އުފަން ޖަގަންގެ މޫނުން ފެނުނީ ހާސްކަމެވެ. ޖަގަން އުޅުނީ އޭނާގެ ކޮއްކޮ އެޑްވިން ޖެނިލް 42އ އަށް ވީ ގޮތެއް ނޭނގިގެންނެވެ. ޖަގަންގެ ކޮއްކޮ އެޑްވިން އެންމެ ފަހުން އޭނާއަށް ހަބަރެއްވީ ރޭގެ 8:00 ކަންހާއިރުއެވެ. އޭގެ ފަހުން އެޑްވިންގެ ހަބަރެއް ނެތެވެ. އެޑްވިން އާއި އޭނާގެ އަންހެނުން ސުންދާރީ 47އ ދިރިއުޅެމުން އައީ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އަނދައި އަޅިއަށް ވި މ. ނިރުފެހިގޭގެ ދެވަނަ ފަންގިފިލާގައި ޕާޓިޝަން ޖަހައިގެން ހަދާފައި ހުރި ކުޑަ ކޮޓަރިއެއްގައެވެ. އެޑްވިންއަކީ ކޮންސްޓްރަކްޝަން މަސައްކަތުގައި އުޅޭ މީހެކެވެ. ސުންދާރީއަކީ މެއިޑެކެވެ. ރޭގެ އަލިފާނުގެ ހާދިސާއަށް ފަހު އޭގެން އެކެއްގެ ފޯނަކަށްވެސް ނުގުޅެއެވެ. އޮންނަނީ ނިއްވާލައިފައެވެ.
"ކޮއްކޮ ވީ އެގޭގަ (މ.ނިރުފެހިގޭގައި) ކޮއްކޮ އަންހެނުންވެސް ވީ އެތާނގަ. ފޯނަކަށް ނުގުޅޭ. ބައިވަރު ފަހަރު ގުޅައިފިން. އަހަރެން ދަންނަ މީހެއް ނެތީ މިތާނގަ" ތަރުޖަމާނެއްގެ އެހީގައި ޖަގަން "ވަން" އަށް ބުންޏެވެ.
ނިރުފެހިގެ ކައިރީގައި ހެނދުނުއްސުރެ މެންދުރުވަންދެން ހުރުމަށް ފަހު ޖަގަން ދިޔައީ ގ. މޯޗަރީ ކައިރިއަށެވެ. އެތަނަށް ގޮސްވެސް އޭނާގެ ކޮއްކޮ އެޑްވިންގެ ހަބަރެއް ލިބޭތޯ މަސައްކަތް ކުރިއެވެ. އެންމެ ފަހުން، ޖަގަންއަށް މޯޗަރީ ކައިރިން ލިބުނު ހަބަރަކީ، އޭނާގެ ކޮއްކޮ އެޑްވިންއާއި އޭނާގެ އަނބިމީހާ ސުންދާރީގެ ފިހިފައިވާ ހަށިގަނޑު މޯޗަރީގައި އޮތް ކަމެކެވެ. ޖަގަންގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ޖަގަން ރާއްޖެ އައީ މީގެ ފަސް ވަރަކަށް މަސް ކުރިން ކަމަށްވުމުން ކޮއްކޮ ފިޔަވައި އޭނާ ދަންނަ މާ ބައިވަރު މީހުންނެއްވެސް ނޫޅެއެވެ.
އަލިފާން ރޯވި ގަޑީގައި އެ ސަރަހައްދުގައި ހަރަކާތްތެރިވި އިންޑިއާ މީހަކު "ވަން" އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ހާދިސާ ހިނގި ސަރަހައްދަށް ދިއުމުގެ ކުޑައިރުކޮޅެއް ކުރިން އެޑްވިން އާއި އޭނާގެ އަންހެނުން އެ ގެއިން ބޭރަށް ނުކުތެވެ. އެއިރު ހުޅުގަނޑު ކޮންމެވެސް ވަރަކަށް ފެތުރިފައި ހުރި ނަމަވެސް އެއްކޮށް ހުޅުގަނޑު ނުހިފައެވެ. ބޯ ދުން އެއިރުވެސް ދިޔައީ އަރަމުންނެވެ. އެޑްވިން އާއި އޭނާގެ އަންހެނުން ފުރަތަމަ ނުކުތީ، އެމީހުން ގެންގުޅުނު އެއްވެސް އެއްޗެއް ނުލައެވެ. ނަމަވެސް ބޭރަށް ނުކުތުމަށް ފަހު، އަލުން އަނބުރާ އެ ދެމަފިރިން އެތެރެޔަށް ވަނެވެ. ބޭނުންވީ، އެއްކުރި ފައިސާކޮޅާއި ކޮންމެވެސް ވަރަކަށް ރަންވެސް ހުރުމުން އެތަކެތިވެސް ހިފައިގެން ނުކުތުމަށެވެ. އެމީހުން އެތަކެތި ބަލައި ދެވަނަ ފަންގިފިލާއަށް އެރި މަންޒަރު ފެނުނު މީހުންވެސް އެބަތިއްބެވެ. އޭގެ ފަހުން އެމީހުން އަނބުރާ ނުކުމެފައެއް ނުވެއެވެ. އެ މީހުން އެގެއަށް ވަންތާ މާ އިރެއް ނުވެ، ހުޅުގަނޑު މުޅި ގެއަށް ފެތުރިގަތީއެވެ. މަތީގައި އަޅާފައި އޮތް ޑެގު ތިރިއަށް ވެއްޓި ސިޑިވެސް އަނދައި ހުލިވީއެވެ. އޭގެ ފަހުން ބާރު ގޮވުމެއްވެސް އެގޭގެ ތެރެއިން ގޮވިކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ.
ރޭގެ އަލިފާނުގެ ހާދިސާގައި ދިހަ މީހަކު މަރުވެފައިވާއިރު، ނުވަ މީހަކު ވަނީ ސަލާމަތްވެފައެވެ. ސަލާމަތްވި މީހުންގެ ތެރެއިންވެސް ބައެއް މީހުންނަށް އެކިވަރުގެ އަނިޔށާ ލިބިފައިވެއެވެ. މަރުވި މީހުންނަކީ ކޮބައިކަން މިހާތަނަށް ދެނެގަނެވިފައި ނުވިނަމަވެސް މަރުވި މީހުންގެ ތެރޭގައި ގިނައީ އިންޑިއާގެ މީހުންނެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް