އިންޑިއާގެ އާންދްރަޕްރެދޭޝަށް އުފަން އުމުރުން 25 އަހަރުގެ ޕްރަބާސް ކިޔައިދިން ގޮތުގައި އޭނާއާއި އޭނާގެ ބޮޑުބޭބެ އަދި ޅިޔަނުވެސް އުޅެމުން އައީ މ. ނިރުފެހިގޭގެ ދެވަނަ ފަންގިފިލާއިން ކޮޓަރިއެއް ކުއްޔަށް ނަގައިގެންނެވެ. ތިން މީހުންވެސް މަސައްކަތް ކުރަމުން އައީ ބްރަދާހޫޑް ކުންފުނީގައެވެ.

ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއިން ޕްރަބާސް ސަލާމަތްވީ ޑިއުޓީގައި ހުންނަންޖެހުމުން ކަމަށް އޭނާ ބުންޏެވެ. ފުރާނަ ސަލާމަތްވިއިރު އޭނާ ކުރިމަތިލާންޖެހިފައި އޮތީ އަދި މާ ފުން ހިތާމައަކާއެވެ. އެއީ އަލިފާނުގައި ތާށިވެ އޭނާގެ ބޮޑެބޭބެއާއި ޅިޔަނުވެސް މަރުވެ، މުޅި އާއިލާއަށްވެސް ކަޅުދުވަހަކަށް މިއަދު ވެގެން ގޮސްފައިވުމެވެ.

ރާއްޖޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާތާ ހަތަރު އަހަރުވެފައިވާ ޕްރަބާސް އަށް ކަންދިމާވިގޮތުން ރޭ ދަންވަންދެން އުޅެން ޖެހުނީ ޑިއުޓީގައެވެ. ދަންވަރު އެކެއް ޖެހިއިރު ޑިއުޓީ ނިންމާފައި ގެއަށްދިޔައިރު ހާލަތު ވަނީ މުޅީން ބަދަލުވެފައެވެ.

"ގެއަށް ދެވުނު އިރު އަލިފާން ރޯވެފަ ހުރީ، އަހަރެން ހުރީ ޑިއުޓީގަ. ބޮޑުބެއާއި ޅިޔަނު އޮންނާނީ ކޮޓަރީގަ ނިދާފަ" އޭނާ ބުންޏެވެ.

ޕްރަބާސް ބުނީ އަލިފާންގަނޑު ފެނުމުން އޭނާއަށް ލިބުނީ ޝޮކެއް ކަމަށެވެ. އެތަނުން ބަޔަކު ސަލާމަތްވިކަން އެނގުމުން ބޮޑުބެއާއި ޅިޔަނު އެމީހުންގެ ތެރޭގައި ހިމެނޭނެ ކަމަށް އުއްމީދުކޮށްގެން އެމީހުން ފެނޭތޯ މަސައްކަތް ކުރަން ފެއްޓިއެވެ. އެ ދެމީހުންގެ ފޯނަށްވެސް ގުޅޭތޯ މަސައްކަތްކުރިއެވެ. އެ މަސައްކަތް ބޭކާރުވެ އުއްމީދު ގެއްލި ހަދާނެ ގޮތް އެއްކޮށް ހުސްވި ކަމަށް ޕްރަބާސް ބުންޏެވެ. ފޯނަށް ނުގުޅުމުން ބޭބެ އާއި ޅިޔަނުވެސް އެތެރޭގައި ތިބިކަން ޕްރަބާސް އަށް ޔަގީން ކުރެވުނީ ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީ (އެންއެމްޑީއޭ)ގެ ބެލުމުގެ ދަށުން ވަގުތީ ހިޔާތަކަށް ބަދަލުކުރި މީހުންގެ ތެރޭގައިވެސް އެމީހުން ނެތުމުންނެވެ. ވަގުތީ ހިޔާއަށް ގެންދިޔަ މީހުންގެ ތެރޭގައި ޕްރަބާސް ހިމެނެއެވެ.

"އަހަރެން އާއިލާއަކަށް އޭރު ނުގުޅަން. އެމީހުން މާ ދެރަވާނެ ކަން އެނގޭ. ބޭބެމެން ދިރިތިއްބާ ފެންނާނެ ކަމަށް ވަރަށް އުއްމީދު ކުރިން. މަރުވީ ކަން ފަހުން އެނގިއްޖެ، އެކަމަކުވެސް ޔަގީނެއް ނުވޭ" ޕްރަބާސް ބުންޏެވެ.

ރޭ ދަންވަރު ހިނގި މި އަލިފާނުގެ ހާދިސާއަކީ މިހާތަނަށް މާލޭގައި ހިނގި އެންމެ ހިތާމަވެރި ހާދިސާއެވެ. މަރުވި މީހުންގެ ހަށިތައް ގަލޮޅު މޯޗަރީއަށް ގެންގޮސް ކޮންބައެއްކަން ދެނަގަންނަން ކުރި މަސައްކަތުން ޕްރަބާސް ވަނީ އޭނާގެ ބޮޑުބެއާއި ޅިޔަނުގެ ހަށިގަނޑު ދެނަގެނަފައެވެ. އެމީހުންގެ ހަށިތަކަށް ލިބިފައި ހުރި ޒަހަމްތައް ކިޔައިދޭން އޭނާ މަސައްކަތް ކުރިނަމަވެސް ލިބިފައި ހުރި ޝޮކާއި ނަފުސާނީގޮތުން ކޮށްފައިވާ އަސަރުގެ ސަބަބުން އެކަން ކޮށްދެވޭ ވަރެއް ނުވިއެވެ.

ޕްރަބާސް ބުނީ އޭނާ އަދިވެސް އާއިލާގެ އެންމެނަށް އޭނާގެ ޅިޔަނާއި ބޮޑުބޭބެ މަރުވި ވާހަކަ ކިޔައިނުދޭ ކަމަށެވެ. އެހިތްވަރުވެސް ނުލިބުނީ ކަމަށް ބުންޏެވެ.

"އާއިލާގެ ބައެއް މީހުން ކައިރީ ބުނީ. ބައެއް މީހުން ކައިރީ ނުބުނަން. އެމީހުން ދެރަވާނެ ވަރު ވިސްނޭތީ. ބައެއް މީހުންނަށް ހާޓްއެޓޭކްވެސް ޖެހިދާނެ" ދެރަވެފައި ހުރެގެން އޭނާ ބުންޏެވެ.

ޕްރަބާސް ކިޔައިދިން ގޮތުގައި އޭނާ އާއި އޭނާގެ ބޮޑުބޭބެ އަދި ޅިޔަނު މ. ނިރުފެހިގޭގައި އުޅޭތާ ތިން އަހަރު ވެދާނެ އެވެ. އެގޭ ދެވަނަ ފަންގިފިލާގައި 10 ކޮޓަރި ހުންނަ އިރު ރެއާއި ހަމަޔަށް އެ ފަންގިފިލާގައި ދިރިއުޅެމުން ދިޔައީ 21 މީހުން ކަމަށާއި ނަމަވެސް އެތަނަކީ ކުރިން އެއަށްވުރެވެސް ގިނަ މީހުން އުޅުނު ތަނެއް ކަމަށް އޭނާ ބުންޏެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާގައި ޖުމުލަ 10 މީހަކު ވަނީ މަރުވެފައެވެ.

މީގެ ކުރިންވެސް ނިރުފެހިގޭގައި ވަނީ އަލިފާނުގެ ހާދިސާތައް ހިނގައިފައެވެ. އެންމެ ފަހުން އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މިދިޔަ ރޯދަ މަސް ތެރޭގައެވެ.