އުމުރުން 30 އަހަރުގެ މާރިއޯ ގޮޓްޒާ ހިމަނައިގެން ޖަރުމަނުން ވޯލްޑް ކަޕް 2022 ގެ ސްކޮޑު އިއުލާން ކޮށްފިއެވެ.

ގަތަރު ވޯލްޑް ކަޕަށް ޖަރުމަނުން އިއުލާނުކުރި ސްކޮޑުގައި ގޮޓްޒޭ ހިމަނާފައި ވަނީ ގައުމީ ޓީމަށް ނުނަގައިތާ ފަސް އަހަރަށްފަހުއެވެ. ގޮޓްޒޭ މިދިޔަ ހަތަރު ފަސް އަހަރު ފޯމު ދަށްކޮށް ފެނުނު ނަމަވެސް، މިހާރު އެއިންޓްރެޗް ފްރޭންކްފާޓަށް ބަދަލުވެ އޭނާ ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ.

އުމުރުން 30 އަހަރުގެ ވޯލްޑް ކަޕް ހަނދާންތައް އެންމެ ބޮޑަށް ގުޅިފައި ވަނީ 2014 ވަނަ އަހަރު ޖަރުމުން ކާމިޔާބުކުރި އެ ގައުމުގެ ހަތަރު ވަނަ ވޯލްޑް ކަޕާއެވެ. އެ ވޯލްޑް ކަޕްގެ ފައިނަލްގައި ޖަރުމަނުން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު އިރު، މެޗު ކާމިޔާބުކުރީ އިތުރު ވަގުތުގެ ފަހު މިނެޓު ކޮޅުގައި ޖެހި ގޯލަކުންނެވެ. އެ ގޯލު ޖަހައި މުޅި ޖަރުމަނު ހެއްވާލީ ގޮޓްޒޭއެވެ.

ޖަރުމަނުގެ ސްކޮޑަށް ބަލައިލާއިރު، މެނުއަލް ނޯޔާއާއި ތޯމަސް މުލާ ވަނީ ހަތަރު ވަނަ ވޯލްޑް ކަޕަކަށް ތައްޔާރުވެފައެވެ. މިފަހަރުގެ ސްކޮޑުންވެސް މާކޯ ރޫސް ނުފެނުނީ އަނިޔާގެ ސަބަބުންނެވެ. އޭގެ އިތުރުން ސްކޮޑުން އުނިވި ކުޅުންތެރިންގެ ތެރޭގައި 2014 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ޑިފެންޑަރު މެޓްސް ހަމުލްސް ހިމެނެއެވެ.

މިފަހަރުގެ ޖަރުމަނު ސްކޮޑުން އުމުރުން 17 އަހަރުގެ ޔޫސުފާ މޯކޯކޯއަށް ކޯޗު ހާންސީ ފްލިކް ވަނީ ޖާގަ ދީފައެވެ. އޭގެ އިތުރުން ވާޑާ ބްރެމެންއަށް މިހާތަނަށް މި ސީނުގައި 13 މެޗުން 10 ގޯލު ޖަހައިދިން ނިކްލަސް ފުލްކްރުގަށްވެސް ކޯޗު ޖާގަ ދީފައިވެއެވެ.

ޖަރުމަނުން ގަތަރު ވޯލްޑް ކަޕް ފަށާނީ މިމަހުގެ 23 ވަނަ ދުވަހު ޖަޕާނާ ދެކޮޅަށް ކުޅޭ މެޗުންނެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ކޮސްޓަ ރީކާއާއި ސްޕެއިނެވެ.

  • މެނުއަލް ނޯޔާ - ބަޔާން މިއުނިކް
  • މާކް-އަންދްރޭ ޓަ ސްޓެގެން - ބާސެލޯނާ
  • ކެވިން ޓްރެޕް - އެއިންޓްރެޗް ފްރެންކްފާޓް
  • އާމެލް ބެލާ-ކޮޗަޕް - ސައުތުހެމްޓަން
  • މަތިއަސް ގިންޓާ - އެސްސީ ފްރީބާގް
  • ކްރިސްޓިއަން ގުންޓާ - އެސްސީ ފްރީބާގް
  • ތީލޯ ކެހާ - ވެސްޓް ހަމް
  • ލޫކަސް ކްލޮސްޓަމަން - ލެއިޕްޒިގް
  • ޑޭވޮޑް ރައުމް - ލެއިޕްޒިގް
  • އެންޓޯނިއޯ ރުޑިގާ - ރެއާލް މެޑްރިޑް
  • ނިކޮ ޝޮލަޓަބެކް - ބްރޫޝިއާ ޑޯޓުމަންޑް
  • ނިކްލަސް ސޫލޭ - ބްރޫޝިއާ ޑޯޓުމަންޑް
  • ޖޫލިއަން ބްރަންޓް - ބްރޫޝިއާ ޑޯޓުމަންޑް
  • ލެއޮން ގޮރެޓްސްކާ - ބަޔާން މިއުނިކް
  • އިލްކޭ ގުންޑޮގަން - މެންޗެސްޓާ ސިޓީ
  • ޖޯނަސް ހޮފްމަން - ލެއިޕްޒިގް
  • ޖޯޝުއާ ކިމިކް - ބަޔާން މިއުނިކް
  • ޖަމާލް މުސިއަލާ - ބަޔާން މިއުނިކް
  • ކަރިމް އަދެޔާމި - ބްރޫޝިއާ ޑޯޓުމަންޑް
  • ނިކްލަސް ފުލްކްރުގް - ވާޑާ ބްރެމެން
  • ސާޖް ނަބެރީ - ބަޔާން މިއުނިކް
  • މާރިއޮ ގޮޓްޒާ - އެއިންޓްރިޗް ފްރެންކްފާޓް
  • ކައި ހަވާޓްސް - ޗެލްސީ
  • ޔޫސުފާ މޯކޯކޯ - ބްރޫޝިއާ ޑޯޓުމަންޑް
  • ތޯމަސް މުލާ - ބަޔާން މިއުނިކް
  • ލެރޮއި ސާނޭ - ބަޔާން މިއުނިކް