ސެޓެލައިޓް އިންޓަނެޓް ދިނުމުގައި ދެވަނައެއް ނެތް އެލޮން މަސްކުގެ ސްޓާލިންކަށް ބާރު ބޮޑުވެ ސުޕީޑް ދަށްކުރާނެ ކަން އިއުލާން ކޮށްފިއެވެ.

ނިމިދިޔަ އަހަރެއްހާ ދުވަހު މި ހިދުމަތް ހޯދާ މީހުން ވަނީ ކުރިއަށްވުރެ ބޮޑު ތަނުން ގިނަވެފައެވެ. ސުޓާލިންކުން އެފަރާތްތަކަށް 300 އެމްބީޕީއެސްގެ ސުޕީޑްގައި އަންނަނީ ހިދުމަތް ފޯރުކޮށްދެމުންޏެވެ. އެހެންކަމުން އެ ކުންފުނީގެ ހިދުމަތް ގިނަ ބަޔަކު ހޯދުމުން ނެޓްވޯކަށް ބާރުބޮޑުވެ ތޮއްޖެހުން ވަނީ ބޮޑުވެފައެވެ. އެކަން ހައްލު ކުރުމަށް ވަކިވަރަކަށް ޑޭޓާ ބޭނުން ކުރުމުން ސުޕީޑް ދަށްކުރުމަށް ސުޓާލިންކުންވެސް މިވަނީ ނިންމާފައެވެ.

ދަ ވަރޖް އިން ބުނާ ގޮތުގައި ސްޓާލިންކްގެ ހިދުމަތުގައި މި ޑިސެމްބަރު މަހުން ފެށިގެން ޑޭޓާ ކެޕެއް ހުންނާނެ އެވެ. އަންނަ މަހުން ފެށިގެން ކަނޑައަޅާފައިވާ 1ޓީބީގެ ޑޭޓާ ހުސްވުމުން އިންޓަނެޓްގެ ސުޕީޑް ލަސްކޮށްލާނެ ކަމަށް މައުލޫމާތު ލިބެވެ. އެގޮތުން ހެނދުނު 7 އިން ރޭގަނޑު 11 އަށް އިންޓަނެޓްގެ ޕީކް ގަޑިކަމަށް ބަލައިި އެ ގަޑި ތަކުގައި ޑޭޓާ ސްޕީޑް ދަށްކޮށްލާނެއެވެ. ކޮންމެ މަހެއްގައިވެސް 1 ޓީބީގެ ޑޭޓާ ހަމަވުމުން ސުޕީޑަށް ބަދަލު ގެންނާނެކަމަށް އެފަރާތުން ބުނެވެ.

މިކަމުގެ އަސަރު މާގިިނަ ކަސްޓަމަރުންނަށް ނުކުރާނެ ކަމަށާއި، ކޮންމެ މަހަކު ވެސް 1 ޓީބީގެ ޑޭޓާ ހަމަވުމުން ސުޕީޑް ދައށްކުރާނީ 10 ޕަސެންޓަށް ވުރެ މަދު އަދަދެއްގެ ކަސްޓަމަރުންނަށް ކަމަށް ސުޓާލިންކުން ބުނެއެވެ. މުޅި ދުނިޔެއަށް ސުޓާލިންކުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނައިރު މިވަގުތު އިސްކަމެއް ދީގެން އިންޓަނެޓް ފޯރުކޮށްދެނީ އެމެރިކާގެ އުތުރުގެ ސަރަހައްދުތަކަށެވެ.

އަންނަ އަހަރުގެ ކުރީކޮޅު ދުނިޔޭގެ އިތުރު ގައުމުތަކަށް ސްޓާލިންކް ފުޅާކުރާން ވެސް ވަނީ ނިންމައިފައެވެ. ޑޭޓާ ލިބޭ ސުޕީޑް ވަކި ހިސާބަކުން ދަށްކުރިއަސް ބައެއް މީހުންނަށް ސްޓާލިންކަކީ އިންޓަނެޓް ހޯދުމަށް އޮތް ހަމައެކަނި ވަސީލަތެވެ. އެހެން ކަމުން ސުޕީޑަށް ބެލުމެއްނެތި މި ހިދުމަތަށް އެދޭ މީހުން އަންނަނީ ގިނަވަމުންނެވެ.

ސުޓާލިންކުން އިންޓަނެޓްގެ ހިދުމަތް މަތިންދާބޯޓާއި، ކަނޑުގެ އުޅަނދުތަކަށްވެސް ފޯރުކޮށްދިނުމަށް އެހީތެރިވެދެއެވެ. އެހެންކަމުން އާންމުކޮށް ލިބޭ ކޭބަލް އިންޓަނެޓްގެ ހިދުމަތް ނުލިބޭ ހިސާބެއްގައި އުޅޭ މީހެއް ނަމަ ސްޓާލިންކަކީ އެމީހުންނަށް ލިބޭ އެންމެ ފަސޭހަ އިންޓަނެޓެވެ.